ENGLISH

12 މޭ 2026

Advertisement

ބާރަށުގެ މަގުތައް ތަރައްޤީކުރުމުގެ މަސައްކަތް ފަށައިފި

12 މޭ 2026

|

އާމިނަތު ނުޒްލާ

ބާރަށު މަގުތައް ހެދުމަށް ސާރވޭ ކުރަނީ-- ފޮޓޯ: އާރުޑީސީ

ޕަބްލިކް ސެކްޓަރ އިންވެސްޓްމަންޓް ޕްރޮގްރާމް (ޕީއެސްއައިޕީ) ގެ ދަށުން، ހއ. ބާރަށުގެ މަގުތައް ޒަމާނީ ފެންވަރަށް ތަރައްޤީކުރުމުގެ މަޝްރޫޢުގެ އަމަލީ މަސައްކަތް ފެށުމަށްޓަކައި ކުރަންޖެހޭ ސާރވޭގެ މަސައްކަތްތައް ކުރަމުން އަންނަކަމަށް ރޯޑް ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އާރުޑީސީ) އިން ބުނެފި އެވެ. 

އާރުޑީސީން ބުނީ، މި މަޝްރޫއު ފެށުމުގެ ކުރިން މަގު ހެދުމަށް ބޭނުންވާ ތަފްސީލީ ސާވޭތައް ނިންމާނެ ކަމަށެވެ. އެގޮތުން ތިމާވެއްޓަށް ކުރާނެ އަސަރު ބަލުމަށް ހަދާ ދިރާސާވެސް ކުރުމަށް ހަމަޖެހިފައިވެ އެވެ. 

ބާރަށު މަގުތައް ހެދުމަށް ސާރވޭ ކުރަނީ-- ފޮޓޯ: އާރުޑީސީ

ބާރަށު މަގުތައް ޒަމާނީ ފެންވަރަށް ހެދުމުގެ މަޝްރޫއުގެ އެއްބަސްވުމުގައި ސޮއި ކޮށްފައިވަނީ މިއަހަރު މާރޗް މަހު 26 ވަނަ ދުވަހު އެވެ. މިކަމުގެ އެއްބަސްވުމުގައި ބިނާރާއި ގެދޮރުވެރިކަމާއި އުމްރާނީ ތަރައްޤީއާއި ބެހޭ ވުޒާރާގެ ފަރާތުން ސޮއިކުރެއްވީ ކުރީގެ އެ ވުޒާރާގެ ސްޓޭޓް މިނިސްޓަރ ޙަސަން ރަޝީދެވެ. އަދި ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަންގެ ފަރާތުން ސޮއިކުރެއްވީ މެނޭޖިން ޑިރެކްޓަރ އިބްރާޙިމް ނަޡީމެވެ.

މި މަޝްރޫއުގެ ދަށުން ބާރަށުގެ ވަށައިގެންވާ ރަށުގެ ބޮޑު މަގު، ރިންގް ރޯޑް ތަރައްޤީކުރުމަށް ހަމަޖެހިފައިވެ އެވެ. އެއީ 7.56 ކިލޯ މީޓަރު ދިގު މިނެވެ.

މަޝްރޫއުގައި ހިމެނޭ މައިގަނޑު މަސައްކަތްތައް: 

  • ފެން ހިންދާ ނިޒާމު ގާއިމްކުރުން
  • އެގްރިގޭޓް ބޭސް ކޯސް އެޅުން
  • ތާރު އަޅައި މަގުގެ ފިނިޝިންގެ މަސައްކަތް ނިންމުން
  • ޔުޓިލިޓީ ޖަންކްޝަންތައް މަގުގެ އާލެވެލްއާ އެއްގޮތަށް ބަދަލު ގެނައުން
  • މަގުމަތީ ނިޝާންތައް ކުރެހުން
  • ސްޕީޑް ބްރޭކަރުތަކާއި ޓްރެފިކް ނިޝާން ބޯޑުތައް ހަރުކުރުން
  • ފައުންޑޭޝަނާއި ކޭބަލް އެޅުމާއެކު، މަގުބައްތި ހަރުކުރުން

ބާރަށު ރިންގް ރޯޑްގެ މަސައްކަތް ނިމި އަވަހަށް ބޭނުން ކުރަން ފެށުމަކީ އެރަށު ރައްޔިތުންގެ އުއްމީދެކެވެ. އާރުޑީސީން އަންނަނީ ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ތަރައްޤީގެ ގިނަ މަޝްރޫއުތަކެއް ހަލުވިކަމާއެކު ކުރަމުންނެވެ. 

ކިޔުންތެރިންގެ ހިޔާލު