ENGLISH

12 މޭ 2026

Advertisement

ތުލުސްދޫ ހޮސްޕިޓަލްގެ ތިރީ ފަންގިފިލާގެ ކޮންކްރީޓް ތަނބުތަކުގެ މަސައްކަތް ނިމިއްޖެ

12 މޭ 2026

|

އާމިނަތު ނުޒްލާ

ތުލުސްދޫ ހޮސްޕިޓަލް އިމާރާތުގެ މަސައްކަތް ކުރިއަށްދަނީ-- ފޮޓޯ: އެމްޓީސީސީ

ކ.ތުލުސްދޫގައި އިމާރާތްކުރާ 30 އެނދުގެ ހޮސްޕިޓަލް އިމާރާތުގެ ތިރީ ފަންގިފިލާގެ ކޮންކްރީޓް ތަނބުތަކުގެ މަސައްކަތް ނިންމާލާފައިވާ ކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ބުނެފި އެވެ. 

މަސައްކަތުގެ ކޮންޓްރެކްޓަރ އެމްޓީސީސީ އިން ބުނީ، މިވަގުތު ޕްރޮޖެކްޓް ސައިޓުގައި ކުރިއަށްދަނީ އިމާރާތުގެ ސިޑި އާއި ތިރީ ފަންގިފިލާގެ ރޭމްޕްގެ ފޯމްވޯކް (ޝަޓަރިންގ) އެޅުމާއި، ދަގަނޑު އެޅުމުގެ (ރެއިންފޯސްމަންޓް) މަސައްކަތްތައް ކަމަށެވެ. 

ތުލުސްދޫ ހޮސްޕިޓަލް އިމާރާތުގެ މަސައްކަތް ކުރިއަށްދަނީ-- ފޮޓޯ: އެމްޓީސީސީ

މި މަޝްރޫޢުގައި ހޮސްޕިޓަލް އިމާރާތް ކުރުމުގެ އިތުރުން، 1،729 އަކަފޫޓުގެ ހެލްތު ސެންްޓަރު ބްލޮކަކާއި، 238.11 އަކަފޫޓުގެ ސަރވިސް ބްލޮކެއްގެ އިތުރުން 167.63 އަކަފޫޓުގެ އެކޮމޮޑޭޝަން ބްލޮކެއް އިމާރާތްކުރުމަށް ވެސް ވަނީ ހަމަޖެހިފަ އެވެ.

މި މަޝްރޫޢުގައި ހެލްތު ސެންޓަރު ބްލޮކުގައި ޑޮކްޓަރަށް ދައްކާ ކޮޓަރި އާއި، ޕްރައިވެޓް ރޫމްތަކާއި، މެޑިކަލް ވޯޑްތައް ތަރައްޤީ ކުރުމަށް ހަމަޖެހިފައިވެއެވެ. އަދި އޮޕަރޭޝަން ތިއޭޓަރަކާއި، ލެބޯރެޓަރީއަކާއި، އެކްސްރޭ ކޮޓަރިއަކާއި، ވިއްސާ ކޮޓަރިއަކާއި، އަލްޓްރާ ސައުންޑް ކޮޓަރިއަކާއި، އިމަރޖެންސީ ޚިދުމަތްދޭ ޔުނިޓެއްގެ އިތުރުން ހެލްތު ޔުނިޓެއްވެސް ތަރައްޤީ ކުރުމަށް ވަނީ ހަމަޖެހިފަ އެވެ.

ސަރުކާރުން މި މަޝްރޫޢު އެމްޓީސީސީއާ ހަވާލުކޮށްފައިވަނީ މިދިޔަ އަހަރުގެ މާރޗް މަހުތެރޭގައި، 101.71 މިލިއަން ރުފިޔާއަށެވެ. 

ގާތްގަނޑަކަށް 1600 އެއްހާ މީހުން ދިރިއުޅޭ ތުލުސްދޫގައި ޞިއްޙީ ޚިދުމަތް މިހާރު ފޯރުކޮށްދެނީ ޞިއްޙީ މަރުކަޒަކުންނެވެ. އެހެންކަމުން އަލަށް ތަރައްޤީކުރާ ހޮސްޕިޓަލާއެކު، މިހާރު ދެމުންދާ ޚިދުމަތް ފުޅާވެ ޒަމާނީ އައު ޚިދުމަތްތައް ރަށުގެ ރައްޔިތުންނަށާއި ރަށަށް ޒިޔާރަތް ކުރާ ފަތުރުވެރިންނަށާއި އަދި ރަށަށް ޒިޔާރަތްކުރާ އެހެން ފަރާތްތަކަށް ލިބިގެންދާނެ އެވެ.

ކިޔުންތެރިންގެ ހިޔާލު