ENGLISH
12 މޭ 2026
އެލްޖީއޭގެ މުވައްޒަފުން ސިވިލް ސާވިސްއަށް ބަދަލުކުރުމަށް ލާމަރުކަޒީ ގާނޫނަށް އިސްލާހެއް
12 މޭ 2026
|
އެލްޖީއޭ - ފޮޓޯ: އަވަސް
އެންމެ މަޤްބޫލު
ލޯކަލް ގަވަމެންޓް އޮތޯރިޓީ(އެލްޖީއޭ) ގެ މުވައްޒަފުން ސިވިލް ސާވިސްއަށް ބަދަލުކުރުމަށް ލާމަރުކަޒީ ގާނޫނަށް އިސްލާހެއް ހުށަހެޅުއްވައިފި އެވެ.
ސަރުކާރުން މި އިސްލާހު ހުށަހަޅުއްވާފައިވަނީ "ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނު" އަށެވެ. މި އިސްލާހު ހުށަހެޅުއްވީ ފުވައްމުލަކު އުތުރު ދާއިރާގެ މެންބަރު ޙަމަދު ޢަބްދުﷲ އެވެ.
މި އިސްލާހު ހުށަހެޅުމުގެ ބޭނުމެއް ކަމަށް ބުނެފައިވަނީ ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާޤާނޫނުގެ ދަށުން ލޯކަލް ކައުންސިލްތަކުގެ މަސައްކަތްތަކާއި ހަރަކާތްތައް ވިލަރެސްކުރުމުގެ ޒިންމާ މަތިކޮށްފައިވާ އިދާރާ ކަމުގައިވާ ލޯކަލް ގަވަރމަންޓް އޮތޯރިޓީގެ ހިންގުން ހަރުދަނާކުރުމުގެ ގޮތުން، އެ އޮތޯރިޓީގެ މުވައްޒަފުންނަކީ ސިވިލް ސަރވިސްގެ މުވައްޒަފުން ކަމުގައި ހަމަޖެއްސުމަށެވެ. އަދި ރަށްރަށާއި ސިޓީތަކުގައި ގާނޫނުގެ ދަށުން ލޯކަލް ކައުންސިލްތަކުން ފޯރުކޮށްދޭންޖެހޭ އާންމު ހިދުމަތްތަކުގެ ތެރޭގައި ކުނި މެނޭޖުކުރުމުގެ ހިދުމަތް ހިމެނުމަށްޓަކައި، ގާނޫނަށް ގެންނަންޖެހޭ އިސްލާޙުތައް ގެނައުމެވެ.
ސަރުކާރުގެ ފަރާތުން ހުށަހެޅި އިސްލާހުގައިވާގޮތުން އެ އޮތޯރިޓީގެ މަސްއޫލިއްޔަތުތައް އަދާކުރުމަށްޓަކައި އޮތޯރިޓީއަށް ބޭނުންވާ މުވައްޒަފުން އައްޔަންކޮށް ވަކިކުރާނީ ޗީފް އެގްޒެކެޓިވް އޮފިސަރުގެ ލަފާގެ މަތިން ސިވިލް ސާވިސް ކޮމިޝަނުން ނެވެ. އަދި އޮތޯރިޓީގެ މުވައްޒަފުންގެ މަޤާމުތަކާއި އެމަޤާމުތަކުގެ ގިންތިއާއި ޝަރުތުތައް، އަދި މުވައްޒަފުންގެ ވަޒީފާގެ މަސްއޫލިއްޔަތުތައް ބަޔާންކުރާ މުވައްޒަފުންގެ މަގާމުތަކުގެ އޮނިގަނޑެއް ކަނޑައަޅާފައި އޮންނަންޖެހެ އެވެ. އޮނިގަނޑު އެކުލަވާލާނީ، އޮތޯރިޓީގެ ބޯޑުގެ ލަފާގެ މަތިން، ޗީފް އެގްޒެކެޓިވް އޮފިސަރުކަމާއި އަދި އެގޮތުން އެކުލަވާލާ އޮނިގަނޑު، ސިވިލް ސަރވިސް ކޮމިޝަނަށް ހުށަހަޅައި ފާސްކުރަންވާނެކަން ވަނީ ބަޔާންކޮށްފަ އެވެ.
މީގެ އިތުރުން މި އިސްލާހުގައި ރަށްރަށާއި ސިޓީތަކުގައި ގާނޫނުގެ ދަށުން ލޯކަލް ކައުންސިލްތަކުން ފޯރުކޮށްދޭންޖެހޭ އާންމު ހިދުމަތްތަކުގެ ތެރޭގައި ކުނި މެނޭޖުކުރުމުގެ ހިދުމަތް ވަނީ ހިމަނުއްވާފަ އެވެ.