ENGLISH

12 މޭ 2026

Advertisement

ކޯޓު އަމުރަށް ގޮންޖަހައި ހިތުހުރި ގޮތަކަށް ނޫސްވެރިން ޢަމަލުކުރުމަކީ ޑިމޮކްރަސީއެއް ނޫން: ޝިޔާމް

12 މޭ 2026

|

އައިމިނަތު ޝަފާ

މަސްވެރިކަމާއި ދަނޑުވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވަޒީރު އަހުމަދު ޝިޔާމް

ކޯޓު އަމުރަށް ގޮންޖަހައި ހިތުހުރި ގޮތަކަށް ނޫސްވެރިން ޢަމަލުކުރުމަކީ ޑިމޮކްރަސީއެއް ނޫންކަމަށް ވިދާޅުވެ މަސްވެރިކަމާއި، ދަނޑުވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވަޒީރު އަހުމަދު ޝިޔާމް "އަދަދު" ނޫހުގެ ނޫސްވެރިންނަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެއްޖެ އެވެ.

ޝިޔާމް މިފަދައިން ވިދާޅުވީ "އަދަދު" ނޫހުން ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒަށް ބޮޑެތި ތުހުމަތުތަކެއް ކުރުމާއެކު، ގަޒުފުކޮށް ތައްޔާރުކޮށް އާއްމުކުރި ވީޑިޔޯއާ ގުޅޭ ގޮތުން ވާހަކަނުދެއްކުމަށް ކްރިމިނަލް ކޯޓުން އަމުުރުކޮށްފައިވަނިކޮށް އެ ވީޑިޔޯއާ ގުޅޭ ގޮތުން އެ ނޫހުގެ ނޫސްވެރިޔަކު ރައީސް އޮފީހުގައި ކުރިއަށްގެންދެވި ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސާ ސުވާލުކުރުމާ ގުޅިގެންސް އެކްސްގައި ލިޔުއްވި ޕޯސްޓެއްގަަ އެވެ. 

ވަޒީރު ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުއަކީ މީޑިއާ އާއި ޑިމޮކްރަސީއާ ބީރައްޓެހި ބޭފުޅެއްގެ ގޮތުގައި ސިފަކުރަން ވާދަވެރި ސިޔާސީ ޕާޓީތަކުންނާއި މި ސަރުކާރާ ކަނޑައެޅިގެން ދެކޮޅުކަމަށް ބުނެފައިވާ ބައެއް މީޑިއާތަކުން ކުރާ މަސައްކަތަކީ ރައްޔިތުންނަށް އޮޅުވާލުމުގެ ނިޔަތުގައި ކުރާ ހީލަތްތެރި ފިތުނަވެރި މަސައްކަތެއް ކަމަށެވެ. ރައީސް ޑރ. މުޢިއްޒު މަސައްކަތްކުރައްވަނީ މީޑިއާތަކާ ވަރަށް ގާތުންކަމަށް ވިދާޅުވެ އެކަމުގެ ހެކިތައް ވެސް ޝިޔާމް ދެއްކެވި އެވެ.

"ކޮންމެ ހަފްތާއަކު އެއްދުވަހު އެބަ ނޫސްވެރިންނާ ބައްދަލުކުރައްވާ. މީޑިއާތައް މެދުވެރިކޮށް ރައްޔިތުންނަށް ފޯރުކޮށްދެއްވަންޖެހޭ މަޢުލޫމާތުތައް އެބަ ޙިއްސާކުރައްވާ. މިނިވަން ނޫސްވެރިކަމަށް ދެއްވަންޖެހޭ ޖާގަ އެބަދެއްވާ،". ވަޒީރު ވިދާޅުވި އެވެ. 

ރައީސުލްޖުމްހޫރިއްޔާ ނޫސްވެރިންނާ ބައްދަލުކުރެއްވުމަށް ބޭއްވި ބައްދަލުވުމުގައި ކުރި ސުވާލެއްގައި ކްރިމިނަލް ކޯޓުގެ ގޭގް އޯޑަރާ ޚިލާފުވެފައިވާތީ "އަދަދު" ނޫހުގެ ނޫސްވެރިޔާ ވަނީ އެ މާލަމުން ނެރެފަ އެވެ. އެކަމާ ގުޅިގެން ޝިޔާމް ވިދާޅުވީ ޝަރުއީ ކޯޓުތަކުން ކުރާ އަމުރުތަކަށް ތަބާވުމާއި، އަދި ވަކިން ޚާއްސަކޮށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި އެ އަމުރުތަކަށް ގޮންޖަހައި މަސައްކަތްކުރުމުގެ ޖާގަނުދީ ޤާނޫނުގެ ވެރިކަން ނެގެހެއްޓުމަކީ ރައީސުލްޖުމްހޫރިއްޔާގެ މަސްއޫލިއްޔަތެއްކަމަށް ވާއިރު ނޫސްވެރިންގެ ބައްދަލުވުމުގައި އެމަނިކުފާނު އަދާކުރެއްވީ އެ ޒިންމާ ކަމަށެވެ. 

މިނިވަން ނޫސްވެރިކަމުގެ ނަމުގައި މީހުންގެ އަބުރު ނަގާލާ، ކޯޓުތަކުން ކުރާ އަމުރުތަކަށް ގޮންޖަހާ ހިތުހުރި ގޮތަކަށް "ނޫސްވެރިން" ޢަމަލުކުރުމަކީ ޑިމޮކްރަސީގެ ސިފައެއް ނޫންކަމަށް ވިދާޅުވި އެވެ.

"އަދި ރައީސުލްޖުމްހޫރިއްޔާ ބާއްވަވާ ނޫސްވެރިންގެ ބައްދަލުވުންތަކަކީ އެއްވެސް ޙަޤީޤަތެއް ނެތް ކަންތައްތަކެއްގެ މައްޗަށް އެމަނިކުފާނަށް ޒާތީގޮތުން ފުރައްސާރަކުރަން ލިބޭ ފުރުޞަތެއްގެ ގޮތުގައި ބައެއް ނޫސްވެރިން ޤަބޫލުކުރާކަމީ އެ "ނޫސްވެރިން" ނޫސްވެރިކަމުގެ އަޚްލާޤީ ހަމަތަކާއި އަސާސްތަކާ ޚިލާފަށް ކުރާ ކަމެއް. "އަދަދު" ނޫހުގެ ނޫސްވެރިޔާގެ ފަރާތުން ފެނުނީ މި ދެންނެވި އަސާސްތަކާ ޚިލާފަށްކުރި ދަށުދަރަޖައިގެ ޢަމަލެއް،". ޝިޔާމް ވިދާޅުވި އެވެ.

ނޫސްވެރިކަމުގެ ތޮފި އަޅައިގެން ބައެއް ނޫސްވެރިން ކުރާ މިފަދަ ޒިންމާދާރުކަން ކުޑަ، ހުތުރު ޢަމަލުތަކަކީ ހަމައާއި އުޞޫލުގެ މަތިން މަސައްކަތްކުރާ ޒިންމާދާރު ނޫސްވެރިންގެ މަސައްކަތަށްވެސް އެޅޭ ހުރަހެއްގެ ގޮތުގައި ޝިޔާމް ސިފަކުރެއްވި އެވެ. 

ޝިޔާމްގެ ވާހަކަފުޅު ނިންމަވާލައްވަމުން ވިދާޅުވީ ރައީސް ޑރ. މުޢިއްޒުގެ ސަރުކާރުން އަބަދުވެސް ޒިންމާދާރު ނޫސްވެރިކަމަށް މަރުޙަބާ ކިޔާނެކަމަށާއި  ހަމައެހެންމެ އެމަނިކުފާނަކީ ފަސްޖެހިވަޑައިގަތުމެއް  ނެތި ޤާނޫނުގެ ވެރިކަން ނަގަހައްޓާނެ ޒިންމާދާރު، ރައްޔިތުންނަށް އިޚްލާސްތެރި ވެރިއެއްކަމަށެވެ. 

އަދަދު ނޫހުން، ހުތުރު އަދި ޙަޤީޤަތެއް ނެތް ވާހަކަތަކެއް ހިމަނާ ނެރެފައިވާ ވީޑިއޯ ޑޮކިއުމަންޓްރީއާ ގުޅިގެން ޕްރޮސިކިއުޓަރ ޖެނެެެރަލްގެ އޮފީހުން ކްރިމިނަލް ކޯޓަށް ހުށަހެޅި މައްސަލަ ބަލައިގަނެ އެ ކޯޓުން އަމުރެއް ނެރުނީ އާދިއްތަ ދުވަހު އެވެ.ކްރިމިނަލް ކޯޓުން ނެރުނު "ޝަރީޢަތުގައި ހިނގަމުންދާ މައްސަލައެއްގައި ވަކި ގޮތަކަށް ޢަމަލު ނުކުރުމަށް އަންގައި ކުރާ އަމުރު" ގައި ވަނީ އެ މައްސަލައިގައި ވަކި ގޮތެއް ކަނޑައަޅަންދެން އަދަދުގެ ވީޑިއޯ ޑޮކިއުމަންޓްރީ މުޖްތަމަޢުގެ ތެރޭގައި ދައުރު ނުކުރުމަށް އަމުރުކޮށްފަ އެވެ. މި އަމުރަށް ބޯނުލަނބާ ނަމަ އެއީ ކޯޓުގެ ޙުރުމަތް ކެނޑުން ކަމުގައި ބެލިދާނެ އަމަލެއް ކަމަށް އަމުރުގައި ވަނީ ބުނެފަ އެވެ.

އަދަދު ނޫހުން ނޫސްވެރިންގެ ބައްދަލުވުމުގައި އަމަލުކުރި ގޮތުން ގިނަ ބަޔަކު އަންނަނީ ފާޑުކިޔަމުން ނެވެ. 

ކިޔުންތެރިންގެ ހިޔާލު