ENGLISH

12 މޭ 2026

Advertisement

ފިނި މޫސުމާ ދިމާކޮށް އައު ތިން އެއާލައިނަކުން ރާއްޖެއަށް ދަތުރުތައް ފަށަނީ

12 މޭ 2026

|

އައިމިނަތު ޝަފާ

ކުރިއަށް އޮތް ފިނި މޫސުމާ ދިމާކޮށް އައު ތިން އެއާލައިނަކުން ރާއްޖެއަށް ދަތުރުތައް ފެށުމަށް ދަނީ ތައްޔާރުވަމުން.

ކުރިއަށް އޮތް ފިނި މޫސުމާ ދިމާކޮށް އައު ތިން އެއާލައިނަކުން ރާއްޖެއަށް ދަތުރުތައް ފެށުމަށް ތައްޔާރުވަމުންދާކަން އިނާ މޯލްޑިވްސްގެ ވެރިޔާ މުހައްމަދު ފިރާގު ހާމަކުރައްވައިފި އެވެ. 

ފިރާގު ފޭސްބުކްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ރާއްޖެއަށް އަލަށް ދަތުރުތައް ފަށާ އެއާލައިންތަކުގެ ތެރޭގައި ހިމެނެނީ އޭޝިއާގެ ސިޓީތަކަށް ނިސްބަތްވާ ދެ އެއާލައިނަކާއި މެދުއިރުމަތީގެ އެއާލައިނެއް ކަމަށެވެ. 

ރާއްޖެއަށް ދަތުރުތައް ފެށުމަށް މި އެއާލައިންތަކާ އެކު ކުރަންޖެހޭ އެންމެހާ އިންތިޒާމުތައް މިހާރު ހަމަޖެހިފައިވާ ކަމަށާއި މި އެއާލައިންތަކުގެ ފްލައިޓް ޝެޑިއުލްތައް ރަސްމީކޮށް އިއުލާން ކުރާނީ އެޑްމިނިސްޓްރޭޓިވް އަދި ރެގިއުލޭޓަރީ ގޮތުން ފުރިހަމަ ކުރަންޖެހޭ އިޖުރާއަތްތައް ނިމުމުން ކަމަށް ވެސް ފިރާގް ވިދާޅުވި އެވެ.

އެމެރިކާ އަދި އިސްރާއީލުން އިސްވެ އީރާނަށް ދޭންފެށި ހަމަލާތަކާ ގުޅިގެން ރާއްޖެއަށް އުދުހުންތައް ތާވަލްކޮށްފައި އޮތް ގިނަ އަދަދެއްގެ ފްލައިޓްތައް ކެންސަލްކުރި އެވެ. ނަމަވެސް އޭގެ ތެރެއިން ބައެއް އެއާލައިންތަކުގެ ދަތުރުތައް މިހާރު ފަށާއިގެން ކުރިއަށްގެންދާއިރު އެގޮތުން މިއަހަރުގެ ކުރިއަށްއޮތްތަނުގައި ރާއްޖެއަށް ކުރާ ދަތުރުތައް އިތުރުކުރުމަށް ބޮޑެތި ބައެއް އެއާލައިންތަކުން ނިންމާފައިވެ އެވެ.  އެގޮތުން އަންނަ ޖޫންމަހުން ފެށިގެން ޤަތަރު އެއާވޭސް އަދި އެމިރޭޓްސް އެއާލައިނުން ރާއްޖެއަށް ބާއްވާ ފްލައިޓްތަކުގެ އަދަދު ތިން ފްލައިޓަށް އިތުރުކުރުމަށް ނިންމާފައި ވެއެވެ. މިއާއެކު ބްރިޓިޝް އެއާވޭސްއިންވެސް ރާއްޖެއަށް ބާއްވަމުން އަންނަ ދަތުރުތައް އިތުރުކުރުމަށް ނިންމާފައިވެއެވެ.

މި ދުވަސްވަރު ރާއްޖެ ޒިޔާރަތްކުރާ ފަތުރުވެރިންގެ އަދަދު މަދުވެފައިވިޔަސް ތަފާސްހިސާބުތައް ދައްކަނީ ފަތުރުވެރިކަމުގެ ލޯ ސީޒަން ނިމިގެންދާއިރު އަންނަ ފަތުރުވެރިންގެ އަދަދު އިތުރުވާނޭ ކަން ކަމަށް ފަތުރުވެރިކަމާއި މަދަނީ ވައިގެ އުދުހުންތަކާ ބެހޭ ވަޒީރު މުހައްމަދު އަމީން މިފަހުން ބެއްވި ނޫސްވެރިންގެ ބައްދަލުވުމުއްގައި ވިދާޅުވެފައި ވެއެވެ. 

ކިޔުންތެރިންގެ ހިޔާލު