ENGLISH

12 މޭ 2026

Advertisement

ގަވާއިދާ ހިލާފަށް ހިންގާ ވިޔަފާރިތައް ހުއްޓުވުން؛ 242 ތަނެއް ބަލައިފާސްކޮށް، 102 ތަނެއް ބަންދުކުރެވުނު

12 މޭ 2026

|

ޝިފްޒާން އަޙްމަދު

އިގުތިސާދީ ތަރައްގީއާއި ދަތުރުފަތުރާއި ވިޔަފާރިއާ ބެހޭ ވަޒީރު މުހައްމަދު ސައީދު، ފޮޓޯ: ރައީސް އޮފީސް

ފާއިތުވި އަހަރުގެ ނޮވެންބަރު މަހު މި ސަރުކާރުން ފެށި ގަވާއިދާ ހިލާފަށް ހިންގަމުންދާ ވިޔަފާރިތައް ދެނެގަނެ ބަންދުކުރުމަށް ސަރުކާރުން ފެށި އޮޕަރޭޝަނުގެ ތެރެއިން 242 ތަނެއް ބަލައިފާސްކޮށް 102 ތަނެއް ބަންދުކުރިކަމަށް އިގުތިސާދީ ތަރައްގީއާއި ދަތުރުފަތުރާއި ވިޔަފާރިއާ ބެހޭ ވަޒީރު މުހައްމަދު ސައީދު ވިދާޅުވެއްޖެއެވެ. 

ސައީދު މިފަދައިން ވިދާޅުވީ އެ ވުޒާރާއިން ކުރަމުންދާ މަސައްކަތްތަކުގެ އަދާހަމަ މައުލޫމާތު ދެއްވުމަށް މިއަދު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ކުރިއަށްގެންދެވި ނޫސްވެރިންގެ ބައްދަލުވުމުގައި މައުލޫމާތު ހިއްސާކުރައްވަމުންނެވެ. ސައީދު ވިދާޅުވި ގޮތުގައި މި އޮޕަރޭޝަން ފެށިފަހުން ބިދޭސީން ނުގަވާއިދުން ހިންގާ ވިޔަފާރިތަކާ ގުޅިގެން 409 ޝަކުވާއެއް ވުޒާރާއަށް ލިބުނެވެ. 

ބިދޭސީން ގަވާއިދާ ހިލާފަށް ހިންގާ ވިޔަފާރިތައް ދެނެގަނެ އެތަންތަން ބަންދުކުރުމުގެ ބޮޑު އޮޕަރޭޝަން އިގުތިސާދީ ތަރައްގީއާއި ބޭހާ ވުޒާރާއާއި ފުލުހުންގެ ހިދުމަތާއި ކަމާ ބެހޭ އެހެނިހެން އިދާރާތަކާއި މުއައްސަސާތައް ގުޅިގެން ފެށީ ނޮވެންބަރު 29 ވަނަ ދުވަހުއެވެ. 

ވަޒީރު އިތުރަށް ވިދާޅުވީ މި އޮޕަރޭޝަނުގައި 242 ތަނެއް ބަލައިފާސްކޮށް، އެއިން 102 ވިޔަފާރިއެއް ބަންދުކުރި ކަމަށެވެ. ބަންދުކުރެވުނު ހުރިހާ ތަންތަނަކީ ގާނޫނާ ހިލާފަށް ހިންގާ ވިޔަފާރިތައް ނޫންކަން ފާހަގަކުރައްވަމުން ވަޒީރު ވިދާޅުވީ އެއިން ބައެއް ތަންތަނަށް އަލުން ވިޔަފާރިކުރަން ހުއްދަދޭއިރު، ކަނޑައެޅިގެން ގާނޫނާ ހިލާފަށް ހިންގަމުންދާ ވިޔަފާރިތައް އެކީ ބަންދުކުރާ ކަމަށެވެ. 

"ބަންދުކުރެވުނު ކޮންމެ ތަނެއް ބަންދުކޮށްފައި ބަހައްޓަނީއެއް ނޫން. ބަންދުކޮށްފައި މިބަލަނީ އޭގައި އިލީގަލް ޕްރެކްޓިސަސް ހުރިތޯ، އެގޮތަށް ބެލިއިރު އިލީގަލް ބިޒްނަސަސް ކަމުގައި ފާހަގަކުރެވުނު 57 ތަނެއް ބަންދުކޮށްފައި އެބަވޭ. ސެލޫން އެންޑް ސްޕާގެ ތެރޭގައި 45 ތަނެއް. އަދި އޭގެ އިތުރަށް ބަންދުކޮށްފައި އަލުން ހުޅުވަން ހުއްދަ ދިން، ނުގަވާއިދުން ހިންގި ވިޔަފާރިއެއް ނޫން ނަމަވެސް ރަނގަޅުކުރަންޖެހޭ ކަންކަން ރަނގަޅުކުރުމުން އަލުން ހުވަން ހުއްދަ ދިން 61 ތަނެއް ހުޅުވަން ހުއްދަދީފައިވޭ،" ސައީދު ވިދާޅުވިއެވެ. 

ވަޒީރު ފާހަގަަކުރައްވާ ގޮތުގައި ބިދޭސީއަކު ވިޔަފާރިކުރާ ޝަކުވާ ލިބިގެން މިނިސްޓްރީން ހަރަކާތްތެރިވެ ބަލައިލާއިރު ވިޔަފާރީގެ މިލްކުވެރިޔަކަށް ހުންނަނީ ދިވެއްސެއްކަމަށާއި، އޭނާ ބިދޭސީއަކާ ވިޔަފާރި ހަވާލުކޮށްގެން ނުވަތަ ކައުންޓަރުގައި ބިދޭސީއެއް ބަހައްޓަނީއެވެ. ނަމަވެސް އެ ހާލަތުގައިވެސް އެ ވިޔަފާރި ހިންގަން އުޅޭ ބިދޭސީ މީހަކީ ގަވާއިދާ އެއްގޮތަށް އުޅޭ މީހެއްތޯވެސް ބަލަމުންދާ ކަމަަށް ވަޒީރު ވިދާޅުވިއެވެ. 

މި މައުޟޫއުގައި ބިޒްނަސް ކައުންސިލާއި، ދިވެހި ވިޔަފާރިތަކާއެކު ކުރެވުނު މަޝްވަރާތަކުން ލިބުނު ލަފައަކީ، މީރާއާއި ބޭންކު އެކައުންޓުތަކުގައި ފައިސާ ދައުރުވާ ގޮތަށް ބަލައިގެން އަސްލު ވިޔަފާރިކުރަނީ ދިވެހިންކަން ނުވަތަ ދިވެއްސެއްގެ ފަހަތުގައި ތިބެގެން ބިދޭސީންކަން ދެނެގަތުމަށް ކަމަށެވެ. އެ ހައްލު ހޯދުމަށް މިހާރު މަސައްކަތްތަކެއް ކުރެވެމުންދާކަމަށްވެސް ވަޒީރު ވިދާޅުވިއެވެ. 

ކިޔުންތެރިންގެ ހިޔާލު