ENGLISH
04 ޖޫން 2025
ޕީއެސްޖީ މޮޅުވިއިރު ޑޮންނަރުއްމާ އަށް އަނިޔާވެއްޖެ
19 ޑިސެމްބަރު 2024
|
ޕީއެސްޖީގެ ކީޕަރު، ޑޮންނަރުއްމާ އަށް އަނިޔާވެގެން ދަނޑުމަތީގައި ފަރުވާދެނީ. --ފޮޓޯ: އޭއެފްޕީ
ފްރެންޗް ލީގުގައި މޮނާކޯ އަތުން 4-2 އިން ޕީއެސްޖީ މޮޅުވި މެޗުގައި އެ ޓީމުގެ ގޯލްކީޕަރު، ޖިއަންލުއިޖީ ޑޮންނަރުއްމާ އަށް އަނިޔާވެއްޖެއެވެ.
މޮނާކޯގެ ދަނޑުގައި ރޭ ކުޅުނު މެޗުގެ ކުރީކޮޅު އެ ޓީމުގެ ޑިފެންޑަރު، ވިލްފްރެޑް ސިންގޯގެ ބޫޓުގެ ދަށްފުށުން ޕީއެސްޖީގެ ކީޕަރު، ޑޮންނަރުއްމާގެ މޫނުމަތީގައި ޖެހި ވަރަށް ބޮޑަށް ވަނީ އަނިޔާވެފައެވެ. މި އަނިޔާގެ ސަބަބުން ޑޮންނަރުއްމާ ބަދަލުކުރިއިރު، އޭނާގެ ބަދަލުގައި ކުޅެން ނުކުތީ މަޓްވޭ ސަފޮނޯވް އެވެ.
މި މެޗުގައި ޕީއެސްޖީން ޖެހި ހަތަރު ލަނޑުގެ ތެރެއިން ދެ ގޯލް ކާމިޔާބުކޮށްދިނީ އޮސްމާނޭ ޑެމްބެލޭ އެވެ. އެ ޓީމުގެ އަނެއް ދެލަނޑު ޖަހައިދިނީ ޑެޒައިރީ ޑުއޭ އާއި ގޮންކާލޯ ރާމޯސް އެވެ.
މޮނާކޯގެ ލަނޑުތައް ޖަހައިދިނީ އެލީސް ބެން ސެގީރް އާއި ބްރީލް އެމްބޯލޯ އެވެ.
މި ނަތީޖާއާއެކު ލީގުގެ އެއްވަނައިގައި ޕީއެސްޖީ އޮތީ 16 މެޗުން 40 ޕޮއިންޓް ހޯދައިގެންނެވެ. ދެވަނައިގައި އޮތް އޮލިމްޕިކް މާސޭ އަށް 15 މެޗުން 30 ޕޮއިންޓް ލިބިފައިވާއިރު، މޮނާކޯ ތިންވަނައިގައި އޮތީ ހަމަ އެ އަދަދަށް ޕޮއިންޓް ލިބިގެން ފައިދާ ގޯލްގެ ތަފާތުންނެވެ.
ޕީއެސްޖީ ދެން ކުޅޭނީ ފްރެންޗް ކަޕްގައި މި މަހުގެ 21 ވަނަ ދުވަހު ލެންސްއާ ބައްދަލުކުރާ މެޗެވެ.