ENGLISH
05 ޖުލައި 2025
ތަހުޤީޤު ކުރުމަށް އަމުރު ކުރީ ގިނަ ރައްޔިތުންތަކެއްގެ ކަންބޮޑުވުންތަކެއް ހުރުމުން: ޕީޖީ
19 ޑިސެމްބަރު 2024
|
ޕްރޮސިކިއުޓަރ ޖެނެރަލް ޢައްބާސް ޝަރީފް -- ފޮޓޯ: ގޫގުލް
ގެދޮރުވެރިޔާ ސްކީމާ ގުޅޭ ޖިނާއީ ތަޙުޤީޤެއް ހިންގުމަށް އަމުރު ކުރީ ގިނަ ރައްޔިތުންތަކެއްގެ ކަންބޮޑުވުންތަކެއް ހުރުމުން ކަމަށް ޕްރޮސިކިއުޓަރ ޖެނެރަލް ޢައްބާސް ޝަރީފް ވިދާޅުވެއްޖެއެވެ.
ޢައްބާސް ވިދާޅުވީ، މި އަމުރު މިކުރީ، މިކަމުގައި ގިނަ ރައްޔިތުންތަކެއްގެ ކަންބޮޑުވުންތަކެއް ހުރިއިރު އެ ކަންބޮޑުވުންތަކަށް ޙައްލެއް ލިބޭނީ މިކަމުގެ ފުރިހަމަ އަދި އަވަސް ތަޙުޤީޤެއް ހިންގައި ފިޔަވަޅު އަޅަންޖެހޭ ބަޔަކާމެދު ފިޔަވަޅު އެޅިގެންކަމަށް ޤަބޫލުކުރެވޭތީ ކަމަށެވެ.
ޕްރޮސިކިއުޓަރ ޖެނެރަލް ޢައްބާސް ޝަރީފް މިއަދު ވިދާޅުވީ، ސަރުކާރުން އިޢުލާނުކޮށްފައިވާ "ބިންވެރިޔާ'' އަދި ''ގެދޮރުވެރިޔާ'' ސްކީމަށް އެދި ފޯމު ބަލައިގަތުމުގައި އަދި ގޯއްޗާއި ފްލެޓް ލިބޭ ފަރާތްތައް ކަނޑައެޅުމުގައި އަދި ގޯއްޗާއި ފްލެޓް ދޫކުރުމުގައި، ކަނޑައެޅިފައިވާ އުޞޫލުތަކާއި ގަވާޢިދުތަކާ ޚިލާފަށް ޢަމަލުކޮށްފައިވުމުގެ ކަންބޮޑުވުން އެމަނިކުފާނުގެ ސަމާލުކަމަށް އައިސްފައިވާ ކަމަށެވެ.
އަދި މިއީ ޢާންމު މަސްލަހަތު ވަރަށް ބޮޑަށް އެކުލެވޭ ކަމަކަށްވާތީ، މިކަމަކީ ފުރިހަމަ ޖިނާޢީ ތަޙުޤީޤެއް ހިންގަންޖެހޭ ކަމެއްކަމަށް ޕްރޮސިކިއުޓަރ ޖެނެރަލް ދެކެވަޑައިގަންނަވާކަމަށެވެ.
މީގެ އިތުރުން "ބިންވެރިޔާ" އަދި "ގެދޮރުވެރިޔާ" ސްކީމްގެ ފޯމު ބަލައިގަތުމާއި، ފްލެޓާއި ގޯތި ލިބޭ ފަރާތްތައް ކަނޑައެޅުމާއި، ގޯއްޗާއި ފްލެޓް ދޫކުރުމުގައި ޢަމަލުކޮށްފައިވާ ގޮތުގެ ތަޙުޤީޤެއް ހިންގުމަށްފަހު، މިކަމުގައި އެއްވެސް މީހެއްގެ މައްޗަށް ޖިނާޢީ ތުހުމަތެއް ކުރެވޭނެމަ، އެކަން ތަޙުޤީޤުކުރުމަށް ފަހު ދަޢުވާކުރުމަށްޓަކައި ޕީ.ޖީ އަށް ހުށަހެޅުމަށް، ދިވެހި ފުލުހުންގެ ޚިދުމަތަށާއި އެންޓި ކޮރަޕްޝަން ކޮމިޝަނަށް ޕްރޮސިކިއުޓަރ ޖެނެރަލް އިންވަނީ ޢަމުރުކުރައްވާފައެވެ.
އަދި މި މައްސަލައިގެ ތަޙުޤީޤު ހިނގަމުންދާ ގޮތް، ކޮންމެ ހަފްތާއަކު އެއް ފަހަރު ޕްރޮސިކިއުޓަރ ޖެނެރަލްއާ ޙިއްޞާކުރަމުން ގެންދިއުމަށާއި، މި މައްސަލައިގެ އަވަސް ތަޙުޤީޤެއް ހިންގުމަށް ޕްރޮސިކިއުޓަރ ޖެނެރަލް ވަނީ ޢަމުރުކުރައްވާފައެވެ.