ENGLISH
18 މާރިޗު 2026
އެމްޑީޕީން ބަޖެޓު ތަންފީޒުކުރީ ދިގު މުއްދަތެއްގައި ލިބިދާނެ ގެއްލުމަކަށް ބަލާފައެއް ނޫން: ޒަމީރު
18 މާރިޗު 2026
|
މާލީ ކަންކަމާއި ތަރައްގީގެ ރޭވުންތެރިކަމާ ބެހޭ ވަޒީރު މޫސާ ޒަމީރު
އެންމެ މަޤްބޫލު
އިދިކޮޅު އެމްޑީޕީން އެ ސަރުކާރުތަކުގެ ބަޖެޓުތައް ތަންފީޒުކުރަމުން ދިޔައީ ދިގު މުއްދަތެއްގައި ގައުމަށް ލިބިދާނެ ގެއްލުމަކަށް ބަލާފަ ނޫންކަމަށް މާލީ ކަންކަމާއި ތަރައްގީގެ ރޭވުންތެރިކަމާ ބެހޭ ވަޒީރު މޫސާ ޒަމީރު ވިދާޅުވެއްޖެ އެވެ.
ކޮންގްރެސް ޕާޓީން ކުރިއަށްގެންދިޔަ މާފަންނު ހުޅަނގު ދާއިރާގެ ދޮރުން ދޮރަށް ހަރަކާތުގައި ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒުގެ އަރިހުގައި ބައިވެރިވެވަޑައިގެން ދެއްކެވި ވާހަކަފުޅުގައި ވަޒީރު ވިދާޅުވީ މި ސަރުކާރަކީ ވައުދު ފުއްދާނެ ސަރުކާރެއްކަމަށެވެ.
އިންތިހާބު ކާމިޔާބު ކުރުމަށް ފަހު 2024 ވަނަ އަހަރުގެ ބަޖެޓު އެކުލަވާލުމުގައި އައު ސަރުކާރުން ހިންގަން ބޭނުންވާ ތަރައްގީގެ މަޝްރޫއުތައް ހިމަނައިދެއްވުމަށް އެދުނު ނަމަވެސް އެމްޑީޕީން އެގޮތަށް އަމަލުކޮށްފައި ނުވުމުގެ ސަބަބުން 2024 ވަނަ އަހަރު ސަރުކާރުން ހިންގަން ބޭނުންވި ތަރައްގީއަށް ހުރަސްއެޅުނުކަން ވަޒީރު ފާހަގަކުރެއްވި އެވެ.
ނަމަވެސް 2024 ވަނަ އަަހަރުގެ ފަހުކޮޅު ހުށަހަޅައި 2025 ވަނަ އަހަރު ތަންފީޒު ކުރެވުނު ސަރުކާރުގެ ފުރަތަމަ ބަޖެޓަކީ ކާމިޔާބު ގިނަ މަސައްކަތްތަކެއް ކުރެވިގެންދިޔަ ބަޖެޓެއްގެ ގޮތުގައި ވަޒީރު ސިފަކުރެއްވި އެވެ.
ބަޖެޓު ތަންފީޒުކުރުމުގައި އެމްޑީޕީން ގެންގުޅެފައިވަނީ ވަރަށް ދޯހަޅި ސިޔާސަތުތަކެއްކަން ވަޒީރު ފާހަގަކުރެއްވި އެވެ.
"އެމްޑީޕީން ބަޖެޓު ތަންފީޒުކުރާގޮތް ކުރީގެ ރައީސް ނަޝީދުވެސް ވިދާޅުވެދެއްވި ހަރަދުކޮށް ނިންމާލާފައި ފައިސާ މަދުވީމަ އެމްއެމްއޭއަށް ގޮސް ފައިސާކޮޅެއް ނަގައިގެން. ދިގު މުއްދަތެއްގައި ގައުމަށް ލިބިދާނެ ގެއްލުމަކަށް ބަލާފަ ނޫން މިކަންކަން ކުރަމުން އައީކީ. ނަތީޖާއަކީ އިގްތިސާދު ފުން އަނދަވަޅަކަށް ވެއްޓުން. " - މާލީ ކަންކަމާއި ތަރައްގީގެ ރޭވުންތެރިކަމާ ބެހޭ ވަޒީރު މޫސާ ޒަމީރު
ސަރުކާރު އައިއިރު މާލީ ގޮތުން ހާލަތު ދަށް ނަމަވެސް ގެނެވުނު އިސްލާހީ ބަދަލުތަކުގެ ސަބަބުން މިހާރު އިގްތިސާދު ވަރުގަދަވެފައިވާކަމަށާއި މި ބަދަލާއެކު ރައްޔިތުންނަށް ބޭނުންވާ އަސާސީ ހިދުމަތްތައް ފޯރުކޮށްދިނުމާއި ތަރައްގީގެ މަޝްރޫއުތައް ޕްރައިވެޓް ސެކްޓަރއާ ގުޅިގެން ކުރެވެމުންދާކަން ވަޒީރު ފާހަގަކުރެއްވި އެވެ.
ވަޒީރު ވިދާޅުވީ މިއަހަރަށް ލަފާކޮށްފައިވާ ބަޖެޓަކީ ވެސް ރައްޔިތުންނަށް ގިނަ ފައިދާތަކެއް ލިބިގެންދާނެ ކާމިޔާބު ބަޖެޓަކަށް ވާނެ ކަމަށެވެ.