ENGLISH

11 މޭ 2026

Advertisement

ޒުވާނުން ބާރުވެރިކުރުވުމަށް ކުރިއަށްގެންދާ ޕްރޮގްރާމްތަކަށް ބޮޑު ތަރުހީބެއް ލިބޭ: ވަޒީރު ރާފިޢު

11 މޭ 2026

|

މުޙައްމަދު އަދުހަމް

ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވަޒީރު ރާފިޢު ވާހަކަ ދައްކަވަނީ. --ފޮޓޯ: ރައީސް އޮފީސް

ޒުވާނުން ބާރުވެރިކުރުވައި، މުޖުތަމަޢަށް ފައިދާހުރި މަސައްކަތްތަކެއް ކުރާ ބަޔަކަށް ހެދުމަށް ކުރިއަށްގެންދަވާ  ޕްރޮގްރާމްތަކަށް ޒުވާނުންގެ ފަރާތުން ބޮޑު ތަރުހީބެއް ލިބެމުން އަންނަ ކަމަށް ޒުވާނުން ބާރުވެރިކުރުވުމާއި ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވަޒީރު ޢަބްދުﷲ ރާފިޢު ވިދާޅުވެއްޖެއެވެ.

އެމްއެމްޓީވީގެ "ބޮޑު ޚަބަރު" ޕްރޮގްރާމްގައި ވާހަކަފުޅުދައްކަވަމުން ވަޒީރު ރާފިޢު ވިދާޅުވީ، ޒުވާނުން ބާރުވެރިކުރުމަށް އަދުގެ ސަރުކާރުން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަރަށް ބޮޑު އަހަމިއްޔަތެއް ދެއްވާ ކަމަށެވެ.

ޒުވާނުންގެ ހުނަރާއި ޤާބިލުކަން އިތުރުކުރުމަށް ގިނަ ޕްރޮގްރާމްތަކެއް ވުޒާރާގެ ފަރާތުން މި އަހަރު ކުރިއަށްގެންދާއިރު، އޭގެތެރެއިން އެންމެ މުހިއްމު ދެ ޕްރޮގްރާމަކީ ނޭޝަނަލް އެޕްރެންޓިސްޝިޕް ޕްރޮގްރާމާއި ކޮމިއުނިޓީ އަޕްސްކިލިން ޕްރޮގްރާމް ކަމަށް ވަޒީރު ވިދާޅުވިއެވެ.

އެގޮތުން، ނޭޝަނަލް އެޕްރެންޓިސްޝިޕް ޕްރޮގްރާމަކީ، މަސައްކަތު މާހައުލުގައި ތިބެގެން އެ މަސައްކަތްތަކުގެ ތަޖުރިބާކާރުންގެ ބެލުމުގެ ދަށުން މަސައްކަތްތައް ދަސްކޮށް، ތަމްރީނާއި ތަޖުރިބާ ހޯދުމުގެ ފުރުޞަތު ޤައުމީ ފެންވަރުގައި ހުޅުވާލުމަށް ކުރިއަށްގެންދާ ޕްރޮގްރާމެއް ކަމަށް ކުޅިވަރު ވުޒާރާއިން މަޢުލޫމާތުދެއެވެ.

"ހަމައެކަނި ކޯހެއް ހިންގިޔަކަސް މަސައްކަތުގެ ދާއިރާ އިން އެ ސްކިލްއެއް އެކުދިންނަކަށް ނުއެއްލިބޭ. އެހެންވީމާ ވަރަށް މުހިއްމު ކަމެއް މިއީ މަސައްކަތުގެ އެމާހައުލުގައި މަސައްކަތްކުރަމުންދާގޮތް ދަސްކުރުން،" ވަޒީރު ވިދާޅުވިއެވެ.

ދާދިފަހުން، މީގެ ދެ ހަފްތާއެއްހާ ދުވަސްކުރީން ފެށި ސްކިލް ދަސްކޮށްދޭ ޕްރޮގްރާމަކަށް ޒުވާނުންގެ ފަރާތުން ވަރަށް ބޮޑު ތަރުހީބެއްލިބިފައިވާ ކަމަށާއި، މިފަދަ ޕްރޮގްރާމްތަކަކީ އުފެއްދުންތެރިކަމާއި މަސައްކަތްތެރިކަން އިތުރަށް ހަރުދަނާކޮށް، ޒުވާނުންނަށް އިތުރު އާމްދަނީ ހޯދޭނެ މަސައްކަތްތަކަށް މަގުފަހިވެގެންދާނެ ފަދަ ކަންކަމުގައި ވަޒީރު ފާހަގަކުރެއްވިއެވެ.

"ޒުވާނުންނަށް ވެސް މިކަންކަން ރަނގަޅަށް ކުރެވިއްޖެއްޔާ މިއީ ދިރިއުޅުމަށްޓަކައި ކުރެވިދާނެ މަސައްކަތެއްކަން އެކުދިންނަށް ހާމަވެގެންދިޔަ." ރާފިޢު ވިދާޅުވިއެވެ.

އެ ވުޒާރާގެ ފަރާތުން ރަށްރަށުގައި ދިރިއުޅޭ ޒުވާނުންނަށް ޚާއްޞަކޮށްގެން ކުރިއަށްގެންދާ ކޮމިއުނިޓީ އަޕްސްކިލިންގ ޕްރޮގްރާމް (ސީޔޫޕީ) އާ ގުޅޭގޮތުން ވަޒީރު ވިދާޅުވީ، މި ޕްރޮގްރާމަކީ ލެވެލް ތިނެއްގެ ސަނަދު ލިބިގެންދާ ޕްރޮގްރާމެއް ކަމަށާއި، އެ ޕްރޮގްރާމުގެ މައިގަނޑު ބޭނުމަކީ ކޮންމެ ޒުވާނަކީވެސް ހުނަރުވެރި މަސައްކަތެއް ކުރަން ދަންނަ ޒުވާނަކަށް ހަދައި، އެފަދަ ޒުވާނުންތަކެއް އިތުރުކުރުން ކަމަށެވެ.

މީގެއިތުރުން، ކުރިއެކޭ އެއްގޮތަށް ޒުވާނުންނަށް ބޭނުންވާ ކައުންސެލިންގ ޤަވާއިދުން ޔޫތު ހަބްގައި ދެމުންގެންދާ ކަމަށާއި، ޒުވާނުންގެ ދުޅަހެޔޮކަމަށް އިސްކަންދީގެން ޖިމް ފެސިލިޓީ އާއި އެކި އެކި ރެކްރިއޭޝަނަލް ޕްރޮގްރާމްތައް ވެސް ކުރިއަށްގެންދަވަމުންދާ ކަމަށް ވެސް ވަޒީރު ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު