ENGLISH

11 މޭ 2026

Advertisement

ކޯޓުތަކުގެ ނިންމުންތައް ބޮލައިލާޖެހުމަކީ ގާނޫނުގެ ބާރުވެރިކަން ފުނޑައިލުން

11 މޭ 2026

|

ޝިފްޒާން އަޙްމަދު

ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ފަނޑިޔާރުން ޝަރީއަތްކުރައްވާ ކޮޓަރިއެއް، ފޮޓޯ: ސުޕްރީމް ކޯޓު

ޑިމޮކްރަސީއާއި ދުސްތޫރީ ވެރިކަމަކީ ގާނޫނުއަސާސީއާއި ގާނޫނުތަކުގެ އިންތަކުގެ ތެރޭގައި ކުރެވޭ ވެރިކަމެވެ. ދުސްތޫރީ އަދި ގާނޫނީ ހުސޫމާތްތައް ފައިސަލާކުރާނެ ނިޒާމެއް އެކަށައެޅުމުގެ ބޭނުމަކީ އެ އިންތަކުގެ ތެރޭގައި މުއައްސަސާތަަކާއި ފަރުދުންނާއި ގާނޫނީ ޝަހުސުތައް ހަރަކާތްތެރިވަމުންދާކަން ކަށަވަރުކުރުމެވެ. މި އިޝާރާތްކުރި ނިޒާމަކީ ޝަރުއީ ކޯޓުތަކެވެ. ދޭދޭ ފަރުދުންގެ މެދުގައި އުފެދޭ ހުސޫމަތްތަކާއި، މުޅި މުޖުތަމައުގެ މަސްލަަހަތުތައް ހިމާޔަތްކުރުމަށްޓަކައި ތަޖުރީމުކޮށް އަދަބު ކަނޑައަޅާފައިވާ ކުށްތަކާ ގުޅޭ މައްސަލަތަކުގައި، ގާނޫނުއަސާސީއާއި ގާނޫނުތަކުގެ އަލީގައި ގޮތް ނިންމާނީ ކޯޓުތަކުންނެވެ. 

އަދުލު އިންސާފު ގާއިމުކުރުމުގެ މިނިވަން ބާރު 

ގާނޫނުއަސާސީގެ 141 ވަނަ މާއްދާގެ (ހ)ގައި ބުނެފައިވަނީ އަދުލު އިންސާފު ގާއިމުކުރުމުގެ އެންމެހައި ބާރުތައް ލިބިގެންވަނީ ސުޕްރީމްކޯޓަށާއި، ހައިކޯޓަށާއި، އަދި ގާނޫނަކުން ކަނޑައަޅާފައިވާ ދަށު ކޯޓުތަކަށް ކަމުގައެވެ. މި މާއްދާގެ ދަށުން އަދުލު އިންސާފު ގާއިމުކުރުމުގެ ގޮތުން ގާނޫނުއަސާސީއާއި ގާނޫނުތަކުގެ ހުދޫދުގެ ތެރެއިން ކޯޓުތަކުން އެކި ނިންމުންތައް ނިންމުމުގެ ފުރިހަމަ މުތުލަގު ބާރު ލިބިދީފައިވެއެވެ. 

އެގޮތުން ގާނޫނުއަސާސީގެ 143 ވަނަ މާއްދާގެ ދަށުން ގާނޫނުތަކުގެ ދުސްތޫރީ ސައްހަކަމާމެދު ގޮތެއް ނިންމުމުގެ އަސްލީ އިހުތިސާސު ހައިކޯޓާއި ސުޕްރީމްކޯޓަށް ލިބުނަސް ދަށު މަރުހަލާގެ ކޯޓުތަކުގައި ބަލަމުންދާ ވަކިވަކި މައްސަލަތަކާ ގުޅީގެން ގާނޫނުއަސާސީ މާނަކުރުމުގައި އެއިން ކޯޓަކަށް ހުރަހެއް ނޯންނާނެކަން އެނގެއެވެ. 

އަދި ދަށު މަރުހަލާގެ ކޯޓުތަކުން ނިންމާ ނިންމުންތައް ބާތިލުކުރުމުގެ ބާރު ގާނޫނުއަސާސީގެ 143 ވަނަ މާއްދާގެ (ނ)އިން ދީފައިވަނީ އެއަށްވުރެ މަތީ މަރުހަލާގެ ކޯޓުތަކަށެވެ. ކޮންމެ ކޯޓެއްގެ ނިންމުން އެއަށްވުރެ މަތީ މަރުހަލާ ކޯޓުތަކަށް ބަދަލުކުރެވޭނެއެވެ. އަދި ބާތިލުވެސްކުރެވޭނެއެވެ. މިއީ ކޯޓުތަކުގެ ހައިރާކީއެވެ. މި ހައިރާކީގެ އިތުރު ތަފުސީލުތައް ފަނޑިޔާރުންގެ ގާނޫނާއި ކޯޓުތަކުގެ ގާނޫނުގައި ބަޔާންކޮށްފައިވެއެވެ. 

ގާނޫނުއަސާސީއާއި ގާނޫނުތައް މާނަކޮށް ތަތުބީގުކުރުމުގެ ހުރިހާ ބާރެއް ކޯޓުތަކަށް ލިބިދީ ކޯޓުތަކަކީ މުޅިން މިނިވަން ބާރެއްގެ ގޮތުގައި ގާނޫނުއަސާސީގައި އެކަށައަޅާފައި އޮންނަނީ ވަރަށް މަތިވެރި ސަބަބަކަށެވެ. ސިޔާސީ ވިސްނުންތަކާއި ފިކުރުތަކުން ވީއްލި އޮންނަ މިނިވަން ބާރަކުން ރައްޔިތުންގެ މެދުގައި ހަމަހަމަކަމާއެކު، ގާނޫނުއަސާސީން ކަށަވަރުކޮށްދޭ ހައްގުތައް އުނިނުވާނެހެން އެންމެނަށްމެ ލިބެމުންދާކަން ކަށަވަރުކުރުމުގެ ބޭނުމުގައެވެ. 

ކޯޓުތަކުގެ ނިންމުންތަކަށް ތަބާުވުމަކީ އިހުތިޔާރީ ކަމެއް ނޫން 

ދުސްތޫރީ ނިޒާމެއް ތަރުތީބުކުރުމުގައި އެންމެ އަސާސީ އެއް ސިފައަކީ "ރޫލް އޮފް ލޯ" ނުވަތަ ގާނޫނުގެ ހުކޫމަތެވެ. އެ މަފުހޫމުގެ މުރާދަކީ އެންމެހައި ފަރުދުންނާއި މުއައްސަސާތަކާއި ދައުލަތް އޭގެ ޒާތުގައި ގާނޫނުތަކަށް ތަބާވުން ލާޒިމުވުމާއި، ތާބާވާކަން ކަށަވަރުކުރެވި، އުފެދޭ ހުސޫމާތްތައް މުސްތަގިއްލު ބާރަކުން ފައިސަލާކުރުމެވެެ. 

މިމަފުހޫމުގެ ދަށުން ގާނޫނުއަސާސީގެ 142 ވަނަ މާއްދާގއި ފަނޑިޔާރުންނަކީ ހަަމައެކަނި ގާނޫނުއަސާސީއާއި ގާނޫނަށް ތަބާވަންޖެހޭ މުސްތަގިއްލު ބައެއްކަމަށް ކަނޑައަޅާފައިވެއެވެ. އަދި ގާނޫނުއަސާސީގެ 141 ވަނަ މާއްދާގެ ދަށުން އެއްވެސް ފަރާތަކުން ފަނޑިޔާރުން ނިންމާ ނިންމުމަކަށް ނުފޫޒު ފޯރުވައިގެންނުވާނެ ކަމުގައި ބަޔާންކޮށްފަައިވެއެވެ. 

މިދެންނެވި ރައްކާތެރިކަމާއި ހިމާޔަތް ކޯޓުތަކަށް ގާނޫނުއަސާސީން ދިނުމުގެ ބޭނުމަކީ ކޯޓުތަކުން ނިންމާ ނިންމުންތަކަށް އެންމެން ތަބާވުމެވެ. އެއީ ގާނޫނުގެ ހުކޫމަތު ރާއްޖޭގައި ދެމިއޮތުމަށެވެ. ކޯޓުތަކާ ބެހޭ ގާނޫނުގެ 77 ވަނާ މާއްދާގެ ނައްސުގައި ސަރީހަކޮށް މިދެންނެވި މަފުހޫމު ބަޔާންކޮށްފައިވެއެވެ. އެ މާއްދާގައި ބުނަނީ؛ 

"ކޯޓަކުން ނިންމާ ނިންމުމަކަށް ޢަމަލުކުރުން ފަސްކުރުމަށް އެ ކޯޓަކުން ނުވަތަ އެ މައްސަލައެއް އިސްތިއުނާފުކުރާ ކޯޓަކުން ނާންގާހާ ހިނދަކު، ކޮންމެ ކޯޓެއްގެ ނިންމުމަކީ، ވެރިކަން ހިންގާ ފަރާތުންނާއި، ރައްޔިތުންގެ މަޖިލީހުންނާއި، ޢަދުލު އިންޞާފު ޤާއިމުކުރުމުގެ ބާރުންނާއި، މުސްތަޤިއްލު މަޤާމުތަކުގައި ތިބި މީހުންނާއި، ދައުލަތުގެ މަޤާމުތަކާ ހަވާލުވެތިބި މީހުންނާއި، ސިފައިންނާއި ފުލުހުންގެ މައްޗަށް އެކުލެވިގެންވާ ސަލާމަތީ ޚިދުމަތްތަކުންނާއި އެންމެހައި ރައްޔިތުން އެ މައްޗަށް ޢަމަލުކުރުން ލާޒިމު ނިންމުމެކެވެ.،" މިފަދައިންނެވެ. 

މި މާއްދާއިން ޔަގީންވަނީ ކޯޓުތަކުގެ ނިންމުންތަަކަށް އިހުތިރާމުކުރުމާއި ތަބާވުމަކީ ދައުލަތުގެ ބާރުތަކާއި، މުއައްސަސާތަކާއި، ފަރުދުންގެ މައްޗަށް ލާޒިމު ކަމެއް ކަމެވެ. އެއީ ހިތްހަމަނުޖެހޭ ކޮންމެ ފަހަރަކު ބޮލައިލާޖަހައި އެއްލައިލެވޭނެ އަމުރުތަކެއް ނޫން ކަމެވެ. މި މާއްދާ ކޯޓުތަކުގެ ގާނޫނުގައި ލިޔެފައި އޮންނަ ސަބަބަކީ ކޯޓުތަކުގެ ނިންމުންތައް ތަންފީޒުކުރުމާއި އެއަށް ތަބާވުމަކީ އިހުތިޔާރީ ކަމެއްގެ ގޮތުގައި އޮވެއްޖެނަމަ މުޅި ގާނޫނީ ނިޒާމު ސުންނާފަތިވުމުގެ ފުރުސަތު އޮތުމުންނެވެ. 

ކޯޓުތަކުގެ ނިންމުންތަކާ ދެބަސްވެވޭނެ ނިޒާމު އެބައޮތް 

ކޯޓުތަކުގެ ނިންމުންތަކަށް އިހުތިރާމުކުރުމާއި ތަބާވުމުގެ މުރާދަކީ ކޯޓަކުން ނިންމާ ނިންމުމަކާމެދު ނުރުހޭ މީހާއަށް މަގު ބަންދުވުމެއް ނޫނެވެ. ކޯޓުތަކުގެ ނިންމުންތަކާމެދު ހިތްހަމަނުޖެހޭނަމަ އެކަމަށް ފަރުވާ ހޯދޭނެ ނިޒާމު ރާއްޖެ ހިމެނޭހެން ދުސްތޫރީ ވެރިކަން ހިނގާ ހުރިހައި ގައުމެއްގައި ސާފުކޮށް އޮވެއެވެ. އެއީ އިސްތިއުނާފުގެ މަރުހަލާތަކެވެ. ކޯޓުތަކުގެ ހައިރާކީގެ ނިޒާމެވެ. 

ރު ގާނޫނުއަސާސީގެ 143 ވަނަ މާއްދާގެ (ނ)އިން އުފައްދާފައި އޮތީ މިދެންނެވުނު ނިޒާމެވެ. އެއީ ކޮންމެ ކޯޓަކުން ނިންމާ ނިންމުން އެ ކޯޓަށްވުރެ މަތީ މަރުހަލާގެ ކޯޓަކަށް ހުށަހަޅައިގެން އެ ނިންމުމެއް ބަދަލުކުރެވުމެވެ. އެ އިޖުރާއާތު އިތުރަށް ތަފުސީލުކޮށްދީފައިވަނީ ކޯޓުތަކާ ބެހޭ ގާނޫނުގައެވެ. 

އެގޮތުން ކޯޓުތަކާ ބެހޭ ގާނޫނުގެ 38 ވަނަ މާއްދާގައި ބުނެފައިވަނީ ދަށު ކޯޓަކުން ނެރޭ ހުކުމެއް، ނުވަތަ އަމުރެއް، ނަވަތަ އެފަދަ ނިންމުމެއްގެ ބައެއް، ގާނޫނުއަސާސީއާ ނުވަތަ ގާނޫނަކާ ނުވަތަ ގާނޫނަކުން ބާރުލިބިގެން ހަދާފައިވާ ގަވާއިދަކާ ހިލާފުކަމުގައި ފެނިގެން، މަސްލަހަތު އޮތް ފަރާތަކުން ހައިކޯޓަށް ހުށަހެޅުމުން އެ މައްސަލަ ބެލުމުގެ އިހުތިސާސު އެ ކޯޓަށް ލިބިގެންވާ ކަމަށެވެ. އަދި ހަމަ އެ ގާނޫނުގެ 12 ވަނަ މާއްދާގެ ދަށުން ސުޕްރީމް ކޯޓަަށް ހައިކޯޓުގެ ނިންމުންތައް ބެލުމުގެ އިހުތިސާސު ލިބިގެންވެއެވެ. 

އެހެންކަމުން ކޯޓަކުން ނިންމާ ނިންމުމެއް ގޯސްކަމަށް، އަދި އެ ނިންމުމަކީ ގާނޫނުއަސާސީއާ ހިލާފު ނިންމުމެއް ކަމުގައި ފެނިއްޖެނަމަ މި މަރުހަލާތަކުގެ ތެރެއިން އެކަމަށް ފަރުވާ ހޯދުމުގެ ފުރުސަތު ފަހިކޮށް އެކަމެއްގައި މަސްލަހަތު އޮތް އެންމެނަށް ގާނޫނުން ކަށަވަރުކޮށްދެއެވެ. 

ކޯޓުތަކުގެ އަމުރުތައް ބޮލައިލާޖެހުމުގެ ނުރައްކާ

ކޯޓުތަކުގެ އަމުރުތަކަށް ތަބާވުމާއި ނުވުމުގައި ނިސްބީ (ސަބްޖެކްޓިވް) މިންގަނޑެއް ގެންގުޅެން ފަށައިފިނަމަ ގާނޫނުގެ ހުކޫމަތު ފުނޑުފުނޑުވާނެއެވެ. އެއީ ކޮންމެ މީހަކުވެސް އެމީހަކަށް ގަބޫލު އަމުރުތަކާއި ހުކުމްތަކަށް ތަބާވެފައި، ނުރުހޭ އަމުރުތަކާއި ހުކުމްތަކާއި ނިންމުންތައް އެއްފަރާތްކުރަން ފަށައިފިނަމަ، ގާނޫނަކީ މައުޟޫއީ (އޮބްޖެކްޓިވް) މިންގަނޑަކަށްނުވާނެއެވެ. އެއީ ވަކިވަކި ފަރުދުންގެ އެދުންތަކާއި ބޭނުންތަކަށް އެމީހުން ހިތުހުރި ގޮތަކަށް ބަދަލުކޮށް މޮޑޭން އޮތް ފުށްގަނޑަކަށް ބަދަލުވާނެއެވެ. 

ގާނޫނުގެ ހުކޫމަތުގެ އެންމެ މުހިއްމު އެއް އަސާސަކީ ގާނޫނީ ކަށަވަރުކަން ނުވަތަ ލީގަލް ސާޓެއިންޓީއެވެ. އެއީ ފަރުދީ ގުޅުންތަކާއި ވިޔަފާރި ގުޅުންތަކުގެ ތެރެއިން އުފެދޭ މަދަނީ އަދި ޖިނާއީ މައްސަލަތަކުގައި ފައިސަލާކުރުވަނިވި ނިހާއީ ނިންމުމަކަށް ވާސިލުވެވޭނެ ކަމުގެ ޔަގީންކަން އޮތުމެވެެ. ކޯޓުތަކުގެ ނިންމުންތަކަށް ތަބާނުވުމުގެ ސަގާފަތެއް އުފެދިއްޖެނަމަ، ނަަތީޖާއަކަށްވާނީ ނިހާއީ ހައްލެއް ލިބޭނެ ނިޒާމެއް ނެތިވެ، އަމިއްލައަށް އެމީހަކަށް ގަބޫލުކުރެވޭ ގޮތަކަށް އިންސާފު ހޯދަން އެންމެން އުޅެގަތުމާއެކު މުޖުތަމަަައުގެ ހަމަޖެހުމާއި އިސްތިގުރާރު ގެއްލި، އަނިޔާވެރި އަމަލުތަކާއި ފައުޟާ (ކޭއޮސް)އަށް މަގުފަހިވުމެވެ. 

ތިން ބާރު ވަކިވެފައި އޮންނަ ނިޒާމެއްގައި ގާނޫނުއަސާސީއާއި ގާނޫނުތައް މާނަކުރުމާއި ތަތުބީގުކޮށް ތަންފީޒުކުރާނެ ގޮތާމެދު ފަހުބަސް ބުނާނީ ކޯޓުތަކުންނެވެ. ކޯޓުތަކަކީ ސިޔާސީ މަސްލަހަތުތަކާ ދުރުން ވަކި ހައިރާކީއެއްގެ ތެރެއިން ހިންގާ މެރިޓްގެ މައްޗަށް ބިނާކުރެވިފައި އޮންނަ ނިޒާމެއް ހިންގާ ތަންތަނެވެ. މަގުސަދަކީ މައުޟޫއީ ގޮތެއްގައި އިންސާފު ލިބޭނެކަން ކަށަވަރުކުރުމެވެ. 

ކޯޓުތަކުގެ ނިންމުންތަކަށް އަމަަލުނުކުރުމުގެ މާނައަކީ ހަމއެކަނި ކޯޓުން ވަކި މައްސަލައެއްގައި ނިންމި ނިންމުމެއް ބޮލައިލާޖެހުމެއް ނޫނެވެ. އެއީ ދައުލަތުގެ ބާރުތައް ވަކިވެފައި އޮތުމުގެ އުސޫލަށް ހަމަލާދިނުމެވެ. އަދި ގާނޫނުތައް ހިންގުމުގެ މުޅި ނިޒާމު ރޫޅައިލުމެވެ. 

ސިޔާސީ ގޮތުން ނުވަތަ ޒާތީ ގޮތުން ކޯޓުތަަކުގެ ނިންމުންތަކާމެދު ދެބަސްވުމާއެކުވެސް އެ ނިންމުންތަކަށް އިހުތިރާމުކުރުމަކީ ގާނޫނުގެ ހުކޫމަތު ނަގަހައްޓައިދޭ އަސާސެވެ. ހިތްހަމަނުޖެހޭ ނިންމުންތަކާ ގުޅިިގެން ކޯޓުތަކުގެ ނިޒާމުގެ ތެރޭގައި ގާއިމުކުރެވިފައި އޮތް އިސްތިއުނާފު މަރުހަލާތަކުން ފަރުވާ ހޯދުމުގެ ފުރުސަތު އޮންނާނެއެވެ. މި ނިޒާމުގެ ތެރެއިން އެ ނިންމުމެއް ބަދަލުނުކުރާ ހިނދަކު ކޯޓުތަކުގެ ނިންމުންތަކަށް ތަބާވުމަކީ ގާނޫނުއަސާސީއާއި ގާނޫނުތަކުން ފަރުދުންނާއި، މުއައްސަސާތަކާއި އިދާރާތަކަށް ލާޒިމުކުރާ ކަމެކެވެ. އެއީ ވަކި މީހެއްގެ ހައްގު ނެގެހެއްޓުމަށްޓަކައެއް ނޫނެވެ. އެންމެންގެ ހައްގުތައް ރައްކާތެރިކޮށް، ގާނޫނަކީ އެބައަކަށް މޮޅުވާ ގޮތަށް އެކަނި މާނަކުރެވޭ އެއްޗެކަށް ނުވާނެކަން ކަށަވަރުކުރުމަށެވެ. ގާނޫނުގެ ބާރު އެންމެންގެ މައްޗަށް ހަމަހަމަކޮށް ހިނގާ ދައުލަތެއް ދެމިގެންދިއުމަށެވެ. 

ކިޔުންތެރިންގެ ހިޔާލު