ENGLISH
11 މޭ 2026
ކުރިއަށް އޮތް ދުވަސްތަކުގަ ޑީއެންއާރުގެ ދައުރު ދާނީ ފުޅާވަމުން: އިޙްސާން
11 މޭ 2026
|
ވަޒީރު ޢަލީ އިޙްސާން ޑީއެންއާރުގެ 42ވަނަ އަހަރީ ދުވަހުގެ މުނާސަބަތުގައި ބޭއްވި ހަފްލާގައި ބައިވެރިވެވަޑައިގަންނަވަނީ. ފޮޓޯ؛ހޯމް މިނިސްޓްރީ
އެންމެ މަޤްބޫލު
ޑިޕާޓްމަންޓް އޮފް ނޭޝަނަލް ރެޖިސްޓްރޭޝަން (ޑީ.އެން.އާރު)ގެ ދައުރު ކުރިއަށް އޮތް ދުވަސްތަކުގަ ދާނީ ފުޅާވެގެން ކަމަށް ދާޚިލީ ސަލާމަތާއި މަސައްކަތްތެރިކަމާއި ފަންނިއްޔާތާ ބެހޭ ވަޒީރު ޢަލީ އިޙްސާން ވިދާޅުވެއްޖެ އެވެ.
ޑީއެންއާރުގެ 42ވަނަ އަހަރީ ދުވަހުގެ މުނާސަބަތުގައި ބޭއްވި ހަފްލާ ޝަރަފުވެރިކޮށްދެއްވާ ވާހަކަ ދައްކަވަމުން ވަޒީރު ވިދާޅުވީ ކުރިއަށް އޮތް ދުވަސްތަކުގަ ޑީއެންއާރުގެ މަސައްކަތްތައް ދާނީ އިތުރަށް ފުޅާވެގެން ކަމަށާއި އެގޮތުން ސިވިލް ރަޖިސްޓްރޭޝަނަކަށް މުޅި ނިޒާމު ބަދަލުކުރުމުގެ ވިސްނުން ގެންގުޅުއްވާ ކަމަށެވެ.
"އަބަދުވެސް ޓެކްނޮލޮޖީއަށް މި އަންނަ ބަދަލުތަކާ އަދި ޤައުމަށް މި އަންނަ ކުރިއެރުންތަކާ އެކު ބައިނަލްއަޤްވާމީ ގޮތުންވެސް އަޅުގަނޑުމެން ގަބޫލުކުރަން ޖެހޭ މިންގަނޑުތައްވެސް ދާނީ ބަދަލުވަމުން. އަބަދުވެސް ތިބެންވާނީ އަންނަ ކޮންމެ ބަދަލަކަށް މަރުހަބާ ކިޔަން ތައްޔާރަށް،". ވަޒީރު ވިދާޅުވި އެވެ.
ވަޒީރު ވަނީ ފާއިތުވި ދޮޅު އަހަރު ދުވަހުގެ ތެރޭގައި ޑީއެންއާރުގެ ޚިދުމަތް ރާއްޖޭގެ އެކިކަންކޮޅުތަކުން ރައްޔިތުންނާ ގާތުން މިހާރު ލިބޭކަން ފާހަގަކުރައްވާފަ އެވެ.
ޑީއެންއާރަށް ޚިދުމަތް ކުރައްވާފައިވާ ހުރިހާ ބޭފުޅުންނަށް ވަޒީރު ވަނީ ޝުކުރު ދަންނަވާފަ އެވެ.
"ސަރުކާރުން އެދޭ ވަރަށް ވުރެވެސް ފުރިހަމައަށް މަސައްކަތްތައް ޑެލިވަރީ ކޮށްދެއްވާ. ހަމަ ޔަގީންނުންވެސް މި ކާމިޔާބީއަކީ ހުރިހާ މުވައްޒަފުން ކުރައްވާ ބުރަ މަސައްކަތް،". ވަޒީރު ވިދާޅުވި އެވެ.
ޑިޕާޓްމަންޓް އޮފް ނޭޝަނަލް ރެޖިސްޓްރޭޝަން އިން ބަލަހައްޓާ ދިވެހިރައްޔިތުންގެ މައުލޫމާތުތައް ބެލެހެއްޓުމުގައާއި، ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑު ހަދައިދިނުމުގެ މަސައްކަތް ކުރުމުގައި ޒަމާނާ އެއްގޮތަށް އެންމެ ފުރިހަމަ ޙިދުމަތް، ރާއްޖޭގެ ހުރިހާ ހިސާބެއްގެ ރައްޔިތުންނަށް ހަމަހަމަ ކަމާ އެކު ލިބޭނޭހެން މަސައްކަތް ކުރުމަކީ ޑީއެންއާރުގެ އަމާޒެވެ.
ޑިޕާޓްމަންޓް އޮފް ނޭޝަނަލް ރަޖިސްޓްރޭޝަނަކީ 1984 ވަނަ އަހަރު އުފެދި، ދިވެހިރާއްޖޭގައި ސިވިލް ރަޖިސްޓްރޭޝަން ސިސްޓަމެއް ޤާއިމް ކުރުމުގެ ގޮތުން، ރަޖިސްޓްރޭޝަންގެ ރެގިއުލޭޓިންގ ބޮޑީގެ ގޮތުގައި މެންޑޭޓް ކުރެވިފައިވާ ދިވެހި ދައުލަތުގެ މުއައްސަސާއެކެވެ.