ENGLISH
11 މޭ 2026
އަންނަ އަހަރުގެ ބަޖެޓުގައި ފުޓްސަލް ކުޅުންތެރިންގެ މުސާރާ އާއި އިންޝުއަރެންސް ހިމެނިގެންދާނެ: ވަޒީރު ރާފިޢު
10 މޭ 2026
|
ގައުމީ ފުޓްސަލް ޓީމުގެ ކުޅުންތެރިންނަށް ވަޒީރު ރާފިޢު މަރުހަބާ ދަންނަވަނީ --- ފޮޓޯ: ކުޅިވަރާ ބެހޭ ވުޒާރާ
އެންމެ މަޤްބޫލު
މި އަހަރު ބާއްވާ ކްލަބް މޯލްޑިވްސް ކަޕަކީ ރާއްޖޭގައި ބާއްވާ ގައުމީ ފެންވަރުގެ ފުޓްސަލް ލީގު ކަމަށް ކަނޑައެޅުމާއެކު، އަންނަ އަހަރުގެ ބަޖެޓުގައި ފުޓްސަލް ކުޅުންތެރިންގެ މުސާރާ އާއި އިންޝުއަރެންސް ހިމެނިގެންދާނެ ކަމަށް ޒުވާނުން ބާރުވެރިކުރުމާއި، ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވަޒީރު ޢަބްދުﷲ ރާފިޢު ވިދާޅުވެއްޖެއެވެ.
ދާދި ފަހުން ކްލަބް މޯލްޑިވްސް އާއި ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އާ ދެމެދު އެއްބަސްވުމެއްގައި ސޮއިކުރިއިރު، އެ އެއްބަސްވުމުގެ ދަށުން ކްލަބް މޯލްޑިވްސްއިން ބާއްވާ "ކްލަބް މޯލްޑިވްސް ކަޕް" އަދި "18/30 ވިމެންސް ފުޓްސަލް ފިއެސްޓާ" އަކީ އެފްއޭއެމްއިން އެންޑޯސްކޮށްގެން ކުރިއަށްގެންދާ މުބާރާތްތަކަކަށް ވެގެންދާނެއެވެ.
އެ މުބާރާތް ރަސްމީކޮށް ފެށިގެން ދިޔުމާއެކު ގައުމީ ފުޓްސަަލް ޓީމެއް އެކުލަވާލެވި، އެ ޓީމުގެ ކުޅުންތެރިންނަށް އެހެން ކުޅިވަރުތަކުގެ ގައުމީ ޓީމުތަކެކޭ އެއްގޮތަށް މުސާރަ އާއި އެހެނިހެން ކަންކަން ހަމަޖެހިގެންދާނެ ކަމަށް އެފްއޭއެމްގެ ރައީސް އަޙްމަދު ޠާރިޤުވެސް ވަނީ ވިދާޅުވެފައެވެ.
އެމްއެމް ޓީވީން ގެނެސްދިން "ބޮޑު ޚަބަރު" ޕްރޮގުރާމުގައި ވާހަކަފުޅުދައްކަވަމުން ވަޒީރު ވިދާޅުވީ ގައުމީ ފެންވަރުގައި ފުޓްސަލް މުބާރާތެއް ކުޅުމާއެކު ރަސްމީކޮށް ގައުމީ ޓީމެއް އެކުލަވާލެވިގެންދާނެ ކަމަށެވެ. އެހެންކަމުން އެ މުބާރާތް އެގޮތަށް ކުރިއަށްގެންދެވުމާއެކު އަންނަ އަހަރުގެ ބަޖެޓުގައި ފުޓްސަލް ކުޅުންތެރިންގެ މުސާރާ އާއި އިންޝުއަރެންސް ހިމެނިގެންދާނެ ކަމަށްވެސް ވިދާޅުވިއެވެ.
ކްލަބް މޯލްޑިވްސްގެ މުބާރާތްތައް އެފްއޭއެމްއިން އެންޑޯސްކޮށްފައިވާއިރު، ރާއްޖޭގެ ހުރިހާ ރަށަކަށް ހުޅުވާލައިގެން އަތޮޅު، ޒޯން އަދި ސަރަހައްދީ ފެންވަރުގައި ބޭއްވުމަށް ނިންމާފައިވާ އެފްއޭއެމް ފުޓްސަލް ޗެމްޕިއަންޝިޕަށް ބޭނުންވާ ފަންނީ އެހީތެރިކަން ކްލަބް މޯލްޑިވްސްގެ ފަރާތުން ފޯރުކޮށްދިނުމަށްވެސް ވަނީ ހަމަޖެހިފައެވެ.
އެފްއޭއެމްއިން މުޅި ރާއްޖެއަށް ހުޅުވާލައިގެން ފުޓްސަލް މުބާރާތް ބާއްވައި، ކްލަބް މޯލްޑިވްސްއާއެކު މުބާރާތް ކުރިއަށްގެންގޮސް، އެފްއޭއެމްއިން އެވޯޑްސް ދިނުމުގައި ބަލާނީވެސް މި މުބާރާތަށް ކަމަށް އެ އިދާރާގެ ރައީސް ޠާރިޤު ވަނީ ވިދާޅުވެފައެވެ.