ENGLISH

10 މޭ 2026

Advertisement

ވަޠަނީ ޚިދުމަތުގެ ޕްރޮގްރާމަކީ ޒުވާނުން ބިނާ ކުރުމަށް ކުރިއަށްގެންދާ އެންމެ ފުރިހަމަ ޕްރޮގްރާމް: ދިފާއީ ވަޒީރު

10 މޭ 2026

|

އައިމިނަތު ޝަފާ

ދިފާޢީ އަދި ވަޠަނީ ޚިދުމަތާ ބެހޭ ވަޒީރު، ޙަސަން ރަޝީދު

ދިވެހި ވަޠަނީ ހިދުމަތުގެ ޕްރޮގްރާމަކީ ޒުވާނުން ބިނާ ކުރުމަށް ސަރުކާރަކުން ކުރިއަށްގެންދާ އެންމެ ފުރިހަމަ ޕްރޮގްރާމްކަމަށް ދިފާޢީ އަދި ވަޠަނީ ޚިދުމަތާ ބެހޭ ވަޒީރު، ޙަސަން ރަޝީދު ވިދާޅުވެއްޖެ އެވެ. 

އެމަނިކުފާނު މިފަދައިން ވިދާޅުވީ ދިވެހި ސިފައިންގެ 134 ވަނަ އަހަރީ ދުވަހުގެ މުނާސަބަތުގައި، ކަޅުތުއްކަލާކޮށީގައި ރޭ ބޭއްވި ރަސްމީ ޖަލްސާގައި ވާހަކަފުޅުދައްކަވަމުންނެވެ.

ވަޒީރު ވިދާޅުވީ ކޮންމެ ދިވެހި ދަރިޔަކީ ވެސް ގައުމަށް ބޭނުންތެރި ފައިދާހުރި ދަރިޔަކަށް ހެދުމަކީ ދައުލަތެއްގެ އެންމެ މަތިވެރި އެއް ޒިންމާކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ގަބޫލުކުރައްވާ ކަމަށެވެ. 

އަދި ގައުމުގެ ޒުވާނުން ތަރުބިއްޔަތުކުރުމަކީ ނުހަނު އިސްކަންދީގެން ސަރުކާރަކުން އަދާކުރަންޖެހޭ ޒިންމާއެއްގެ ގޮތުގައި އެމަނިކުފާނު ދެކިވަޑައިގެންނަވާކަމަށް ވަޒީރު ވިދާޅުވި އެވެ. 

ޒުވާނުންގެ ގާބިލުކަމަށް އިސްކަންދީގެން 2025 ވަނަ އަހަރުގެ އޮކްޓޯބަރު މަހުގެ ތެރޭގައި ފެށި ދިވެހި ވަޠަނީ ހިދުމަތުގެ ޕްރޮގްރާމާ ގުޅޭގޮތުން ވާހަކަފުޅު ދައްކަވަމުން ވަޒީރު ވިދާޅުވީ މި ޕްރޮގްރާމަކީ ޒަމާންތަކެއްވަންދެން ޒުވާނުންނަށް އަޅާނުލެވި އޮތް އޮތުން ނިމުމަކަށް ގެނައި ޕްރޮގްރާމެއް ކަމަށެވެ. 

"މިއީ ޒަމާންތަކެއްވަންދެން ޒުވާނުންނަށް އަޅާނުލެވި އޮތް އޮތުން ނިމުމަކަށް ގެނެސް ހަރުދަނާ ޒުވާން ޖީލެއް ބިނާކުރުމަށް ދިވެހިރާއްޖޭގައި މިހާތަނަށް ސަރުކާރުން ފައްޓައިގެން ކުރިއަށްގެންދާ އެންމެ ފުޅާ އަދި އެންމެ ފުރިހަމަ ޕްރޮގްރާމް. މި ވަޠަނީ ހިދުމަތުގެ ތެރެއިން ދަސްވެނިވާ ކޮންމެ ޒުވާނަކީ އަމިއްލަ ނަފްސަށް އިތުބާރުކުރާ، އަގީދާ ވަރުގަދަ، ރޫހާނީ އަދި ޖިސްމާނީ ގޮތުން ވަރުގަދަ، ގައުމިއްޔަތަށް ލޯބިކުރާ، ކަންކަމާމެދު ޕޮޒިޓިވްކޮށް ވިސްނާ ބަޔަކަށް ހެދުމަކީ މި ޕްރޮގްރާމުގެ އެންމެ މުހިންމު އެއް މަގުސަދު،" ވަޒީރު ވިދާޅުވި އެވެ.

މި ޕްރޮގްރާމަކީ ދެމެހެއްޓިނިވި ޕްރޮގްރާމަކަށް ހެދުމަށް ފަހިކޮށްދެންޖެހޭ ހުރިހާކަމެއް ރައީސް މުއިއްޒު ގެންދަވަނީ ފަހިކޮށްދެއްވަމުން ކަމަށާއި ދިފާއީ ވުޒާރާގެ ނަން " ދިފާޢީ އަދި ވަޠަނީ ޚިދުމަތަށް" ބަދަލުކޮށްދެއްވުމަކީ ވެސް އެމަނިކުފާނު މިކަމަށް ދެއްވާ ހާއްސަ އަހައްމިއްޔަތު ހާމަވެގެންދާ ކަމެއްކަމަށް ވިދާޅުވި އެވެ. 

ރައީސްގެ ތަސައްވުރާ އެއްގޮތަށް ވަޠަނީ ހިދުމަތުގެ ނިޒާމުގެ ތެރެއިން އެމަނިކުފާނު ހާސިލުކުރަން ބޭނުންވާ ކަންކަން ހާސިލުކުރުމަށް ކުރެވެންހުރި ހުރިހާކަމެއް ކޮށްދެއްވާނެކަމުގެ ޔަގީންކަން ވަޒީރު ވަނީ ދެއްވާފަ އވެެ. 

ދިވެހި ވަޠަނީ ޚިދުމަތް ނުވަތަ ނޭޝަނަލް ސަރވިސް އިނީޝިއަލް ޓްރެއިނިން އަކީ، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ދިވެހިރާއްޖޭގެ ވެރިކަމާ ޙަވާލުވެވަޑައިގަތުމަށް ފަހު ދެއްވި އިފުތިތާޙީ ތަޤްރީރުގައި ވިދާޅުވި، އިންސާނުން ބިނާކުރުމާއި ޤައުމުގެ ސިނކުޑިތައް ބިނާކުރުމުގެ ސިޔާސަތުގެ އެންމެ މުހިންމު އެއް ތަނބެވެ. އަދި، އެއީ ޒުވާނުން ތަރައްޤީކޮށް، ޒުވާނުން ބާރުވެރިކޮށް، ޤައުމަށް ފައިދާހުރި މަސައްކަތްތަކުގައި އިސްނަގައި ހަރަކާތްތެރިވާނެ ބަޔަކަށް ދިވެހި ޒުވާނުން ހެދުމަށާއި، ޒުވާނުންނަށް ބޭނުންވާނޭ މަސައްކަތުގެ އަޚުލާޤާއި ސުލޫކާއި ހުނަރު އަށަގެންނެވުމުގެ ސިޔާސަތެކެވެ. 

މި ޕްރޮގްރާމަށް ގާނޫނީ ހައިސިއްޔަތު ދިނުމަށްޓަކައި ވަޠަނީ ހިދުމަތުގެ ބިލެއް ވެސް އެކުލަވާލާފައިވެއެވެ. 

ވަޠަނީ ޚިދުމަތުގެ ދެ ބުރެއް މިހާތަނަށް ކުރިއަށް ގެންގޮސްފައިވާއިރު ތިން ވަނަ ބުރެއް ބޭއްވުމަށް ދިފާއީ ވުޒާރާއިން އަންނަނީ ތައްޔާރުވަމުންނެވެ. 

ކިޔުންތެރިންގެ ހިޔާލު