ENGLISH
10 މޭ 2026
އިންޑޮނީޝިއާގައި ބޭއްވި ރެންސަމްވެއަރ އިންވެސްޓިގޭޝަން ތަމްރީން ޕްރޮގްރާމުގައި ދިވެހި ދެ ފުލުހުން ބައިވެރިވެއްޖެ
10 މޭ 2026
|
އިންޑޮނީޝިއާގައި ބޭއްވި ރެންސަމްވެއަރ އިންވެސްޓިގޭޝަން ތަމްރީން ޕްރޮގްރާމުގައި ދިވެހި ދެ ފުލުހުން - ފޮޓޯ: ޕޮލިސް
އެންމެ މަޤްބޫލު
އިންޑޮނީޝިއާގައި ކުރިއަށް ގެންދިޔަ ރެންސަމްވެއަރ އިންވެސްޓިގޭޝަންތަކާ ގުޅޭ ހާއްސަ ތަމްރީނު ޕްރޮގްރާމެއްގައި ދިވެހި ފުލުހުންގެ ހިދުމަތުގެ ދެ އޮފިސަރަކު ބައިވެރިވެއްޖެއެވެ.
މި ތަމްރީނު ޕްރޮގްރާމަކީ އިންޑޮނީޝިއާގެ ސެމަރަންގްގައި ހުންނަ ޖަކާޓާ ސެންޓަރ ފޯ ލޯ އެންފޯސްމަންޓް ކޯޕަރޭޝަން (ޖޭ.ސީ.އެލް.އީ.ސީ) އިން އިންތިޒާމުކޮށްގެން ކުރިއަށް ގެންދިޔަ ޕްރޮގްރާމެކެވެ.
މި ޕްރޮގްރާމް ކުރިއަށް ގެންގޮސްފައިވަނީ، މެއި 4 އިން ފެށިގެން 6 އާ ހަމައަށެވެ.
ފުުލުހުންގެ ހިދުމަތުން މައުލޫމާތު ދިން ގޮތުގައި، މި ތަމްރީނު ޕްރޮގްރާމަކީ ރެންސަމްވެއަރ އާ ގުޅުންހުރި މައްސަލަތަކާއި ސައިބަރ ކުށްތަކާ ދެކޮޅަށް މަސައްކަތް ކުރުމުގައި ތަހުގީގީ ދާއިރާތަކުގައި މަސައްކަތްކުރާ އޮފިސަރުންގެ ގާބިލުކަން އިތުރުކުރުމަށް އަމާޒުކޮށްގެން ކުރިއަށްދިޔަ ޕްރޮގްރާމެކެވެ.
މި ތަމްރީނު ޕްރޮގްރާމުގައި ދިވެހި ފުލުހުންގެ ހިދުމަތުގެ ފަރާތުން ބައިވެރިވެފައިވަނީ ސަބް އިންސްޕެކްޓަރ އޮފް ޕޮލިސް ހަނާ އަހުމަދާއި ސާޖަންޓް އަލީ އާސިފް މޫސާ އެވެ.
ފުލުހުން ބުނީ، އެ ޕްރޮގްރާމުގައި ރެންސަމްވެއަރގެ މައްސަލަތައް ތަހުގީގުކުރުމުގައި އެންމެ ފުރަތަމަ އަޅަންޖެހޭ ފިޔަވަޅުތަކާއި، ކުށުގެ މައިދާން ބެލެހެއްޓުމަށް ބޭނުންވާ ހުނަރާއި މައުލޫމާތު އޮފިސަރުންނަށް ފޯރުކޮށްދިނުމަށް އަމާޒުކޮށް ހިންގި ތަމްރީން ޕްރޮގްރާމެކެވެ.
އެގޮތުން، ހެކި ރައްކާތެރިކުރުމާއި، ކުށުގެ ޝިކާރައަކަށްވާ ފަރާތްތަކާ މުއާމަލާތްކުރާނެ ގޮތްތަކާއި، އާންމު ފަރާތްތަކާ ގުޅިގެން މަސައްކަތްކުރުމާއި، ބައިނަލްއަގުވާމީ އެއްބާރުލުން ހޯދުމުގެ އިތުރުން ރެންސަމްވެއަރ ހާދިސާތަކާ ގުޅޭ ފުރަތަމަ މަރުހަލާގެ ތަހުގީގީ އުކުޅުތަކާ ގުޅޭގޮތުން އެ ޕްރޮގްރާމުގައި ވަނީ މައުލޫމާތުދީފައެވެ.
ދިވެހި ފުލުހުންގެ ހިދުމަތުން މައުލޫމާތު ދޭ ގޮތުގައި މިފަދަ ހާއްސަ ތަމްރީނުތަކުގައި ބައިވެރިވުމުގެ މައިގަނޑު މަގުސަދަކީ ބައިނަލްއަގުވާމީ ގުޅުންތަކުގެ އެހީގައި އަލަށް އުފެދޭ ސައިބަރ ނުރައްކާތަކާ ކުރިމަތިލުމުގެ ގާބިލުކަން ހުރި އޮފިސަރުންތަކެއް އުފެއްދުމެވެ.