ENGLISH
10 މޭ 2026
ކިލޯއަކަށްވުރެ ގިނަ މަސްތުވާތަކެއްޗާއެކު މާލެއިން ދެ މީހުން ހައްޔަރުކޮށްފި
10 މޭ 2026
|
މަސްތުވާތަކެތީގެ މައްސަލާގައި ހައްޔަރުކުރި ދެ މީހުން-- ފޮޓޯ: ފުލުހުންގެ އިދާރާ
އެންމެ މަޤްބޫލު
ކިލޯއަކަށްވުރެ ގިނަ މަސްތުވާތަކެއްޗާއެކު މާލެއިން ދެ މީހުން ހައްޔަރުކޮށްފައިވާ ކަމަށް ފުލުހުން ބުނެފި އެވެ.
ދިވެހި ފުލުހުންގެ ހިދުމަތުން ބުނީ، މި ދެ މީހުން ހައްޔަރުކޮށްފައި ވަނީ މަސްތުވާތަކެއްޗާ ދެކޮޅަށް ފުލުހުން ކުރަމުން އަންނަ މަސައްކަތްތަކުގެ ތެރެއިން ކުރިއަށް ގެންދިޔަ އޮޕަރޭޝަނެއްގައި ކަމަށެވެ.
މަސްތުވާތަކެތި ބޭނުންކޮށް، ގެންގުޅެ، އެ ތަކެތީގެ ވިޔަފާރިކުރާ ކަމުގެ ތުހުމަތުގައި ހައްޔަރުކޮށްފައި ވަނީ ގއ. ވިލިނގިލި / އެދުރުގެ، މުޙައްމަދު ފައުޒާން (35އ) އާއި ޒާކިރު ހޮސައިން، ބަންގްލަދޭޝް (29އ) އެވެ. މި ދެ މީހުން ހައްޔަރުކޮށްފައި ވަނީ ކައުންޓަރ ނާކޮޓިކްސް އިންޓެލިޖެންސާއި ކައުންޓަރ ނާކޮޓިކްސް އޮޕަރޭޝަން ގުޅިގެން، މި މެއި މަހުގެ 7 ވަނަ ދުވަހު ހިންގި އޮޕަރޭޝަނެއްގައި ކަމަށް ފުލުހުން ބުނެފައިވެ އެވެ.
ފުލުހުން ބުނީ، މި މައްސަލައާ ގުޅިގެން ހައްޔަރުކުރި ދެ މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން ޒާކިރު ހޮސައިން 15 ދުވަހަށް އަދި މުޙައްމަދު ފައުޒާން 10 ދުވަހަށް ބަންދުކުރުމަށް ކޯޓުން އަމުރުކޮށްފައިވާ ކަމަށެވެ.
ފުލުހުންގެ އިދާރާއިން އަންނަނީ މި މައްސަލަ އިތުރަށް ތަހުގީގުކުރަމުންނެވެ.