ENGLISH
10 މޭ 2026
މެރިކަލްޗާ ސްކީމްގެ ދަށުން 480،000 ރުފިޔާގެ ލޯނު ދޫކޮށްފި
10 މޭ 2026
|
މެރިކަލްޗާ ވިޔާފާރި ފުޅާކުރަން ސަރުކާރުން އަންނަނީ ގިނަ ކަންކަން ކުރަމުން
އެންމެ މަޤްބޫލު
މެރިކަލްޗާ ވިޔަފާރި ކުރަން ބޭނުންވާ ފަރާތްތަކަށް މޫދުކޮށި ގަތުމަށް މާލީ އެހީ ދިނުމަށް "މެރިކަލްޗަރ ސްކީމް'ގެ ނަމުގައި ތައާރަފުކުރި ހާއްސަ ސްކީމްގެ ދަށުން މިހާތަނަށް 480،000 ރުފިޔާގެ ލޯނު ދޫކޮށްފައިވާކަމަށް އެސްއެމްއީ ޑިޖިޓަލްއިން ބުނެފި އެވެ.
އެސްއެމްއީ ޑިޖިޓަލްއިން އާއްމުކޮށްފައިވާ ހިސާބުތައް ދައްކާގޮތުން ހުސްވި އޭޕްރީލް މަހުގެ 15 ވަނަ ދުވަހުގެ ނިޔަލަށް މެރިކަލްޗާ ސްކީމްގެ ދަށުން 480،000 ރުފިޔާގެ ލޯނު ދޫކޮށްފައިވެއެވެ. މި ސްކީމް މެދުވެރިކޮށް ޖުމްލަ 200 މޫދުކޮށްޓަށް ފައިނޭންސް ކޮށްދިނުމަށް ހަމަޖެހިފައިވާއިރު، 80،000 ރުފިޔާއާއި 640،000 ރުފިޔާއާ ދެމެދުގެ އަދަދަކަށް މާލީ އެހީތެރިކަން ދިނުމަށް ވަނީ ހަމަޖެހިފަ އެވެ. އަދި ފެސިލިޓީ އަނބުރާ ދެއްކުމަށް ހަ މަސް ދުވަހުގެ ގްރޭސް ޕީރިއަޑެއް ހިމެނޭހެން ގިނަވެގެން ހަ އަހަރު ދުވަހުގެ މުއްދަތެއް ލިބިގެންދާނެ އެވެ.
މި ސްކީމްގެ ސަބަބުން އެ ދާއިރާގައި މަސައްކަތްކުރާ ފަރާތްތަކަށް މިހާރު ކުރަމުންދާ މަސައްކަތްތައް ފުޅާކުރުމަށާއި އަލަށް އެ ވިޔަފާރިއަށް ވަނުމަށް ޝައުޤުވެރިވާ ފަރާތްތަކަށް ފަހި ފުރުސަތުތަކެއް ހުޅުވިގެންދާނެ އެވެ.
މިއީ ރާއްޖޭގެ މަސްވެރިކަމުގެ ދާއިރާގައި އާ އިންވެސްޓްމަންޓްތައް އިތުރުކުރުމަށް ދެވޭ ބާރެކެވެ.
ސަރުކާރުން ވަނީ، ރާއްޖޭގައި މެރިކަލްޗާގެ ސިނާއަތް ތަރައްގީކުރަން ފަސް ސަރަހަޙައްދެއް ކަނޑައަޅާފަ އެވެ. އެއީ ބޮޑު ތިލަދުންމައްޗާއި، ރ.އަތޮޅާއި، މ.އަތޮޅުގެ އިތުރުން ތ. އަތޮޅެވެ. މީގެއިތުރުން މާނިޔަފުއްޓާ ގާތްގަނޑަކަށް ދެ ކިލޯމީޓަރު ދުރުގައި އޮތް ފަޅެއްވެސް މި ސިނާއަތަށް ވަނީ ކަނޑައަޅާފަ އެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ކަނޑުގެ ވަސީލަތްތައް ބޭނުންކޮށްގެން އިޤްތިޞާދީ މަސައްކަތް ފުޅާކުރުމަށް ކަނޑައަޅުއްވާފައިވާ ސިޔާސަތު ތަންފީޒުކޮށް މެރިކަލްޗާ ސިނާޢަތަކީ ދިވެހިންނަށް ނަފާލިބޭ ސިނާޢަތަކަށް ހެދުމަށް ގިނަ މަސައްކަތްތަކެއް އަންނަނީ ކުރަމުންނެވެ. އެގޮތުން މެރިކަލްޗާ ދާއިރާއިން ތަމްރީނު ލިބިފައިވާ ފަންނީ މީހުން އުފެއްދުމަކީ ރާއްޖޭގެ މަސްވެރިކަމުގެ ސިނާއަތު ކުރިއެރުވުމަށް ކޮންމެހެން މުހިންމުކަމެއްކަމުގައި ދެކި، މަސްވެރިކަމާއި ދަނޑުވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވުޒާރާއިން އަންނަނީ މެރިކަލްޗާ ދާއިރާގެ ތަމްރީނު ކޯސްތަކެއް ވެސް ހިންގަމުން ނެވެ.