ENGLISH
10 މޭ 2026
އިންސާނީ ވަގުފާރުކުރުމާ ގުޅޭ ސަރަހައްދީ ބައްދަލުވުމެއްގައި ދިވެހި ފުލުހަކު ބައިވެރިވެއްޖެ
10 މޭ 2026
|
ސްރީލަންކާގެ ނިގަމްބޯގައި ބޭއްވި "ރީޖަނަލް ޑަޔަލޮގް އޮން ސްމަގްލިންގް އޮފް މައިގްރަންޓްސް" ބައްދަލުވުމުގައި އިންސްޕެކްޓަ އޮފް ޕޮލިސް ޝުޢައިބް ޢަބްދުއްރަޙްމާން ވާހަކަދައްކަނީ-- ފޮޓޯ: ފުލުހުންގެ އިދާރާ
އެންމެ މަޤްބޫލު
ސްރީލަންކާގެ ނިގަމްބޯގައި ބޭއްވި "ރީޖަނަލް ޑަޔަލޮގް އޮން ސްމަގްލިންގް އޮފް މައިގްރަންޓްސް" ބައްދަލުވުމުގައި، ދިވެހި ފުލުހަކު ބައިވެރިވެއްޖެ އެވެ. .
ދިވެހި ފުލުހުންގެ ހިދުމަތުން ބުނީ، މި ބައްދަލުވުމަކީ ދެކުނު އޭޝިއާގެ ގައުމުތަކުގެ މެދުގައި ގުޅުން ބަދަހިކޮށް، ގަވާއިދާ ހިލާފަށް މީހުން އެތެރެކުރުން ނުވަތަ ސްމަގްލް ކުރުން ހުއްޓުވުމަށް ބޭއްވީ މުހިއްމު ބައްދަލުވުމެއް ކަމަށެވެ.
ޔުނައިޓެޑް ނޭޝަންސް އޮފީސް އޮން ޑްރަގްސް އެންޑް ކްރައިމް (ޔޫއެންއޯޑީސީ) އިން އިންތިޒާމުކޮށްގެން މި ބައްދަލުވުން ކުރިއަށް ގެންގޮސްފައިވަނީ މި މަހުގެ 7 ވަނަ ދުވަހުން 8 ވަނަ ދުވަހަށެވެ. މި ބައްދަލުވުމުގައި ދިވެހި ފުލުހުންގެ ހިދުމަތުގެ ފަރާތުން ބައިވެރިވީ އިންސްޕެކްޓަ އޮފް ޕޮލިސް ޝުޢައިބް ޢަބްދުއްރަޙްމާނެވެ.
ފުލުހުން ބުނީ، މި ބައްދަލުވުމަކީ ގާނޫނީ އަދި އޮޕަރޭޝަނަލް ދާއިރާއިން މަސައްކަތްތައް ހަރުދަނާކޮށް، ސަރަހައްދީ ފެންވަރެއްގައި މިފަދަ ކަންކަން ހުއްޓުވުމަށް އެންމެން އެއްބަސްވާ އުސޫލުތަކެއް ކަނޑައެޅުމަށް ކުރިއަށް ގެންދެވުނު ބައްދަލުވުމެއް ކަމަށެވެ. އެ ހިދުމަތުން ބުނީ، މި ބައްދަލުވުމުގައި މަޝްވަރާކޮށްފައިވަނީ މީހުން ސްމަގްލްކުރާ މިންވަރާއި އެކަން ހިނގާ ގޮތްތަކުގެ އިތުރުން، އެފަދަ މައްސަލަތައް ތަހުގީގުކޮށް ދައުވާކުރުމުގައި ގައުމުތަކަށް ދިމާވާ ގޮންޖެހުންތަކާ ބެހޭގޮތުން ކަމަށެވެ.
ރާވައިގެން ބޯޑަރު ހުރަސްކޮށް ހިންގާ ކުށްތަކާ ދެކޮޅަށް މަސައްކަތް ކުރުމަށް ބައިނަލްއަގްވާމީ އެއްބާރުލުންދޭ ނިޒާމުތައް ހަރުދަނާކުރުމުގެ މުހިންމުކަމާ ބެހޭގޮތުންވެސް މަޝްވަރާކުރެވުނު ކަމަށްވެސް ފުލުހުން ބުނެފައިވެ އެވެ. މި ޕްރޮގްރާމްގައި ބައިވެރި ފަރާތްތަކުން ފާހަގަކޮށްފައިވަނީ މިފަދަ ކުށްތައް ހިންގާ ނެޓްވޯކްތައް ނައްތާލުމަށްޓަކައި ގާނޫނު ތަންފީޒްކުރާ އިދާރާތަކާއި، އިމިގްރޭޝަން، ކަސްޓަމްސް، ޕްރޮސިކިއުޓަރުން އަދި ކަނޑުގެ ސަލާމަތީ ކަންކަން ބަލަހައްޓާ އިދާރާތަކުގެ މެދުގައި އޮންނަ ގުޅުން ބަދަހިކުރުމަކީ މުހިއްމުކަމެއްގެ ގޮތުގަ އެވެ.
ދިވެހި ފުލުހުންގެ ހިދުމަތުން ބުނީ، މި ބައްދަލުވުމުގައި އިތުރަށް އަލިއަޅުވާލާފައިވަނީ، އިންޓެލިޖެންސް މައުލޫމާތު ބަދަލުކުރުމާއި، ޑިޖިޓަލް ހެކި ގެންގުޅުމާއި ބެލެހެއްޓުމުގެ މުހިންމުކަމުގެ މައްޗަށް ކަމަށެވެ. އަދި ގަވާއިދާ ހިލާފަށް މީހުން އެތެރެކުރުމާއި އެއާ ގުޅުންހުރި ކުށްތަކުގެ ތަހުގީގުތަކާއި ދައުވާކުރުމުގެ މަރުހަލާ އިތުރަށް ހަރުދަނާކުރުމަށްޓަކައި، މުވައްޒަފުންގެ ގާބިލުކަން އިތުރުކުރުމުގެ ބޭނުންތެރިކަންވެސް މި ބައްދަލުވުމުގައި މަޝްވަރާކޮށްފައިވާ ކަމަށް ބުނެފައިވެ އެވެ.
ބައިނަލްއަގުވާމީ އަދި ސަރަހައްދީ ފެންވަރުގެ މިފަދަ ހަރަކާތްތަކުގައި ބައިވެރިވެ، އިދާރީ އަދި އޮޕަރޭޝަނަލް ނިޒާމު ހަރުދަނާކުރުމަށް ދިވެހި ފުލުހުންގެ ޚިދުމަތުން އަންނަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. އެގޮތުން މި މަސައްކަތްތަކަކީ ފުލުހުންގެ ގާބިލުކަން އިތުރުކުރުމަށާއި، ބޯޑަރު ހުރަސްކޮށް ހިންގާ ކުށްތަކާއި ސަލާމަތީ ގޮންޖެހުންތަކާ ކުރިމަތިލުމަށްޓަކައި، ބޭރުގެ އިދާރާތަކާއެކު އޮންނަ ގުޅުން ބަދަހިކުރުމަށް ކުރެވޭ މުހިންމު މަސައްކަތެއްކަން އެ ހިދުމަތުން ފާހަގަކޮށްފައިވެ އެވެ.