ENGLISH
10 މޭ 2026
އައްޑޫ ބިޒްނަސް ޑައިލޮގްގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި
10 މޭ 2026
|
އައްޑޫ ސިޓީ
އެންމެ މަޤްބޫލު
އައްޑޫ ބިޒްނަސް ޑައިލޮގްގައި ބައިވެރިވުމުގެ ފުރުސަތު އައްޑޫގެ ވިޔަފާރިވެރިންނަށް ހުޅުވާލައިފި އެވެ.
"އައްޑޫ ބިޒްނަސް ޑައިލޮގް: ކުދި އަދި މެދު ފަންތީގެ ވިޔަފާރީގެ ކުރިމަގު ބައްޓަންކުރުމުގައި އެފަރާތްތަކުގެ ބައިވެރިވުން އިތުރުކުރުން" މި ޝިޔާރުގެ ދަށުން އައްޑޫގައި ބިޒްނަސް ޑައިލޮގް ކުރިއަށް ގެންދާނީ މި ހަފްތާގެ ބުދަ އަދި ބުރާސްފަތި ދުވަހު އެވެ.
މި ޑައިލޮގްގައި ބައިވެރިވުމުގެ ފުރުސަތު އައްޑޫ ސިޓީގެ ހުރިހާ ވިޔަފާރިވެރިންނަށް މިހާރު ވަނީ ހުޅުވާލާފައެވެ.
ރައްޔިތުންގެ މަޖިލިސް މިއަހަރަށް ހުޅުވުމަށް ބޭއްވި ޖަލްސާގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އިއްވެވި ރިޔާސީ ބަޔާނުގައި ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް ހާއްސަ އިންވެސްޓްމަންޓް ޒޯންތައް ގާއިމުކުރައްވާނެކަމަށް ވިދާޅުވި އެވެ. މިއީ އެ ސިޔާސަތުގެ ދަށުން ކުރިއަށްގެންދާ މުހިންމު މަސައްކަތެކެވެ. މި މަސައްކަތުގެ ސަބަބުން އައްޑު އަތޮޅަކީ ރާއްޖޭގެ އައިޓީ ހަބަކަށް ވާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ރިޔާސީ ބަޔާން އިއްވަވަމުން ވިދާޅުވި އެވެ.
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަފުޅު ދައްކަވަމުން އިގުތިސާދީ ތަރައްޤީއާއި ދަތުރުފަތުރާއި ވިޔަފާރިއާ ބެހޭ ވަޒީރު މުހައްމަދު ސައީދު ވިދާޅުވެފައިވަނީ މިއީ އަތޮޅުތެރެއަށް އިންވެސްޓުމަންޓުތައް ފުޅާކުރުމަށް ކުރޭވޭ މަސައްކަތްތަކުގެ ފެށުން ކަމަށެވެ. އަދި މުސްތަގުބަލުގައި މި ފަސޭހަތައް އެހެން އަތޮޅުތަކަށް ފުޅާވެގެންދާނެކަމަށް ވެސް ވަޒީރު ވިދާޅުވި އެވެ.
ދެ ދުވަހުގެ މި ފޯރަމްގައި އިގުތިސާދީ ތަރައްޤީއާއި ދަތުރުފަތުރާއި ވިޔަފާރިއާ ބެހޭ ވުޒާރާގެ އިތުރަށް ދާޚިލީ ސަލާމަތާއި މަސައްކަތްތެރިކަމާއި ފަންނިއްޔާތާ ބެހޭ ވުޒާރާއާއި މަސްވެރިކަމާއި ދަނޑުވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވުޒާރާއާއި ފަތުރުވެރިކަމާއި މަދަނީ އުދުހުންތަކާ ބެހޭ ވުޒާރާއާއި މާލީ ވުޒާރާއާއި މީރާގެ އިތުރުން ބިނާރާއި ގެދޮރުވެރިކަމާއި އުމްރާނީ ތަރައްޤީއާ ބެހޭ ވުޒާރާ ވެސް ބައިވެރިކުރުމަށް ނިންމާފައިވާކަމަށް ވަޒީރު ވިދާޅުވި އެވެ.
މިހާ ގިނަ ވުޒާރާތަކެއް މި ފޯރަމުގައި ބައިވެރިކުރުމުގެ މަގުސަދަކީ ވީހާވެސް ގިނަ މައުލޫމާތުތަކެއް ވިޔަފާރިވެރިންނަށް ފޯރުކޮށްދިނުންކަމަށް ވަޒީރު ވިދާޅުވި އެވެ.
ސަރުކާރުން އަމާޒު ހިފާފައިވަނީ 2027 އިން 2029 އަށް އައްޑޫ ސިޓީގައި ހިންގާ ވިޔަފާރިތަކަށް ހާއްސަ ލުއިތަކެއް ދިނުމަށެވެ.