ENGLISH
09 މޭ 2026
ރާއްޖެ ކައިރިން ކޮޅިގަނޑެއް؛ ކުރިއަށް އޮތް 5 ދުވަހު ދެކުނާއި މެދުރާއްޖެތެރެއަށް މޫސުން ގޯސްވާނެ
09 މޭ 2026
|
ކަނޑުގަދަ ދުވަހެއްގައި ލޯންޗެއް ދަތުރުކުރަނީ
އެންމެ މަޤްބޫލު
ރާއްޖެ ކައިރިން އުފެދިފައިވާ ކޮޅިގަނޑެއްގެ އަސަރު ރާއްޖެއަށް ކުުރާނެ ކަމަށާއި ކުރިއަށް އެޮތް ފަސް ދުވަހު ރާއްޖޭގެ ދެކުނުގެ ސަރަހައްދުތަކަށާއި މެދުރާއްޖެ ތެރެއަށް މޫސުން ގޯސްވާނެ ކަމުގައި މޫސުމާ ބެހޭ ގައުމީ އިދާރާއިން ލަފާކޮށްފިއެވެ.
އެކަމާ ގުޅިގެން އެ އިދާރާއިން ނެރުނު މޫސުމީ ސަމާލުގައި ބުނެފައިވަނީ ރާއްޖޭގެ އިރުދެކުނުން ކޮޅިގަނޑެއް އުފެދިފައިވާ ކަމަށެވެ. އަދި އެ އިދާރާއިން ބުނި ގޮތުގައި ރާއްޖޭގެ ދެކުނުގެ ސަރަހައްދުގައި ވައިގަދަވީ އެ ކޮޅިގަނޑުގެ ސަބަބުންނެވެ.
އޭގެ އިތުރަށް ރާއްޖޭގެ އިރުއުތުރު ސަރަހައްދުގައި ލޯޕްރެޝާ ޓްރަފްއެއް އުފެދުމުގެ ސަބަބުން އެ ސަރަހައްދުގައި ގިނަ އަދަދަކަށް ބޯވިއްސާރަވިލާ އުފެދެމުންދާކަން ފާހަގަކުރެވިފައިވާކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާއިން ބުނެފައިވެއެވެ. އަދި މިކަމުގެ ސަބަބުން ރާއްޖޭގެ ސަރަހައްދުގައި ހުޅަނގު މޫސުން އުފެދުމުގެ ފުރުސަތު ބޮޑުކަމަށްވެސް އެ އިދާރާއިން ބުންޏެވެ.
އެއާއެކު އެ އިދާރާއިން ލަފާކުރާ ގޮތުގައި މޭ 9 ވަނަ ދުވަހުން ފެށިގެން މޭ 13 ވަނަ ދުވަހާ ހަމައަށް ދެކުނާއި މެދުރާއްޖެތެރެ ހިމެނޭ ސަރަހައްދުގައި ވައިގަދަވާނެއެވެ. އަދި އެ ސަރަހައްދަށް ވިއްސާރަކުރާނެ ކަމުގައި ބެލެވޭ ކަމަށް އެ އިދާރާއިން ބުނެފައިވެއެވެ.
އެހެންކަމުން ކަަނޑު ދަތުރުފަތުރުކުރާ މީހުން ހިމެނޭހެން ހުރިހާ އެންމެންވެސް މޫސުމާ ބެހޭ އެންމެ ފަހުގެ އަދާހަމަ މައުލޫމާތު ހޯދުމަށާއި، ރައްކާތެރިކަމުގެ ގޮތުން އަޅަންޖެހޭ ފިޔަވަޅުތަކަށް ހާއްސަ ސަމާލުކަމެއް ދިނުމަށް އެ އިދާރާއިން އިލްތިމާސްކުރިއެވެ.