ENGLISH

04 ޖޫން 2025

Advertisement

ފީފާ އިންޓަކޮންޓިނެންޓަލް ކަޕްގެ ޗެމްޕިއަންކަން ރެއާލަށް

19 ޑިސެމްބަރު 2024

|

މުޙައްމަދު އަދުހަމް

ރެއާލްގެ ކުޅުންތެރިން އިންޓަކޮންޓިނެންޓަލް ކަޕްގެ ޓްރޮފީ އާއެކު. --ފޮޓޯ: ފީފާ.ކޮމް

މެކްސިކޯގެ ޕަޗޫކާ 3-0 އިން ބަލިކޮށް ފީފާ އިންޓަކޮންޓިނެންޓަލް ކަޕް ރެއާލް މެޑްރިޑް ކާމިޔާބުކޮށްފިއެވެ.

ގަތަރުގައި ހުންނަ ލުސައިލް ސްޓޭޑިއަމްގައި ރޭ ކުޅުނު މެޗުން ރެއާލް ލީޑު ނެގީ 37 ވަނަ މިނެޓުގައި ފްރާންސްގެ ތަރި ކީލިއަން އެމްބާޕޭ ކާމިޔާބުކުރި ގޯލުންނެވެ. މި ގޯލާއެކު އެ ޓީމު ފުރަތަމަ ހާފު ނިންމާލީ 1-0 އިން ކުރީގަ އޮވެގެންނެވެ.

ދެވަނަ ހާފުގެ ކުރީކޮޅު ރެއާލްގެ ދެވަނަ ލަނޑު ޖަހައިދިނީ ރޮޑްރީގޯ އެވެ. މެޗުގެ 53 ވަނަ މިނެޓުގައި ރޮޑްރިގޯ މި ލަނޑުޖެހީ އެމްބާޕޭ ދިން ބޯޅައަކުންނެވެ. 

އަދި، އޭގެފަހުން މެޗު ނިމެން ހަ މިނެޓަށް ވެފައިވަނިކޮށް ލިބުނު ޕެނަލްޓީއަކުން ރެއާލްގެ ތިންވަނަ ލަނޑު ޖަހައިދިނީ ވިނީޝިއުސް ޖޫނިއާ އެވެ.

މި މެޗުގައި ޕަޗޫކާގެ ކުޅުންތެރިންނަށް ރެއާލްގެ ޑިފެންސަށް މާބޮޑު ނުރައްކަލެއް ކުރެވިފައިނުވާއިރު، އެ ޓީމުގެ ކެޕްޓަން، ސަލޮމަން ރޮންޑޮން ބޮލުން ފޮނުވާލި ބޯޅަ ރެެއާލްގެ ކީޕަރު، ތިބައުޓް ކޯޓުއާ ވަނީ ހުއްޓުވާފައެވެ.

މީގެކުރީން ކޮންމެ އަހަރަކު ބާއްވަމުން އައި ކްލަބް ވޯލްޑް ކަޕްގެ ބަދަލުގައި ފުރަތަމަ ފަހަރަށް ބޭއްވި އިންޓަކޮންޓިނެންޓަލް ކަޕްގެ ފައިނަލުން ރެއާލަށް ޖާގަ ލިބުނީ ޔޫރަޕްގެ ޗެމްޕިއަނުންނަށް ވުމުންނެވެ. 

ކޮންކާކަފް ޗެމްޕިއަންސް ކަޕްގެ ޗެމްޕިއަނުންގެ ހައިސިއްޔަތުން ވާދަކުރާ ޕަޗޫކާ ފައިނަލަށް ދަތުރުކުރީ ސީއޭއެފް ޗެމްޕިއަންސް ލީގުގެ ޗެމްޕިއަނުން ކަމަށްވާ، މިސްރުގެ އަލް އަހްލީ އަތުން ޗެލެންޖާ ކަޕް ފައިނަލްގައި މޮޅުވެގެންނެވެ.

ކިޔުންތެރިންގެ ހިޔާލު