ENGLISH

09 މޭ 2026

Advertisement

ކުޑަކުދިންގެ ދުވަހުގެ މުނާސަބަތުގައި އެފްޑީސީގެ ކުޑަކުދިންގެ ހަވީރެއް މާދަމާ

08 މޭ 2026

|

ހަނާން އަހުމަދު ނައީމް

ފަހި ދިރިއުޅުން ކޯޕަރޭޝަންގެ ހަރަކާތެއްގެ ތެރެއިން - ފޮޓޯ : އެފްޑީސީ

ކުޑަކުދިންގެ ދުވަސް ފާހަގަކުރުމުގެ ގޮތުން ފަހި ދިރިއުޅުން ކޯޕަރޭޝަން (އެފްޑީސީ) އިން މާދަމާ ކުޑަކުދިންގެ ހަވީރެއް ބާއްވަން ނިންމައިފިއެވެ.

މި ހަވީރަކީ އެފްޑީސީ އާއި ވެމްކޯ ގުޅިގެން އިންތިޒާމްކޮށްގެން ކުރިއަށްގެންދާ ހަރަކާތެކެވެ.

އެފްޑީސީއިން ބުނީ، މި ހަވީރު ހާއްސަކޮށްފައިވަނީ އެފްޑީސީގެ "އަމާން ޓަވަރު" ތަކުގައި މިހާރު ދިރިއުޅެމުންދާ އެންމެހާ ރައްޔިތުންނަށެވެ. އެ ކޯޕަރޭޝަނުން ވަނީ މި އުފާވެރި ހަރަކާތުގައި ބައިވެރިވުމަށް ޓަވަރުތަކުގެ ހުރިހާ ރައްޔިތުންނަށް ދައުވަތު އަރުވާފައެވެ.

އެފްޑީސީން ބުނީ މި ހަރަކާތް ބޭއްވުމުގެ އެންމެ މުހިންމު އެއް މަޤްސަދަކީ އަމާން ޓަވަރުތަކުގައި ދިރިއުޅޭ އާއިލާތަކާއި ރައްޔިތުންގެ މެދުގައި އޮންނަ އިޖުތިމާޢީ ގުޅުން ބަދަހިކުރުން ކަމަށެވެ. އަދި މީގެ އިތުރުން، މި ހަވީރުގައި އެފްޑީސީން ބަހައްޓާ ހާއްސަ ސްޓޯލްތަކުގައި ޓަވަރުތަކުގެ ދިރިއުޅުމާ ގުޅޭ މުހިންމު މަޢުލޫމާތުތައް ރައްޔިތުންނަށް ފޯރުކޮށްދިނުމަކީވެސް އެ ކޯޕަރޭޝަންގެ އަމާޒެކެވެ.

މި ކުލަގަދަ ހަވީރުގައި އެފްޑީސީގެ އިތުރުން ދައުލަތުގެ ބައެއް ކުންފުނިތަކާއި މުއައްސަސާތަކުން ބައިވެރިވުމަށް ވަނީ ހަމަޖެހިފައެވެ.

އޭގެ ތެރޭގައި ވެމްކޯ، އެމްޑަބްލިއުއެސްސީ، ދިރާގު، އުރީދޫ އަދި ބީސީސީ ހިމެނެއެވެ. މި ކުންފުނިތަކުގެ ބައިވެރިވުމާއެކު ކުޑަކުދިންނަށް ގިނަ ކުޅިވަރުތަކަކާއި މުނިފޫހިފިލުވުމުގެ ހަރަކާތްތަކެއް މި ހަވީރުގައި ފެނިގެންދާނެއެވެ.

އެފްޑީސީން ބާއްވާ މިފަދަ ހަރަކާތްތަކުގެ ސަބަބުން އަވަށްޓެރިންގެ މެދުގައި އޮންނަ އެކުވެރިކަން އިތުރުވެ، ކުޑަކުދިންނަށް ރައްކާތެރި އަދި އުފާވެރި މާހައުލެއް ބިނާވެގެންދާނެ ކަމަށް އެ ކޯޕަރޭޝަނުން އުންމީދު ކުރެއެވެ.

ކިޔުންތެރިންގެ ހިޔާލު