ENGLISH
08 މޭ 2026
ތެލަސީމިއާ ދުވަސް ހަނދާންކޮށްދެނީ އިންސާނިއްޔަތުކަމުގެ ސިފަތައް އިސްކުރަން: ރައީސް
08 މޭ 2026
|
ރައީސް، ތެލެސީމިއާ ސެންޓަރަށް ވަޑައިގަތުން. ފޮޓޯ؛ ރައީސް އޮފީސް
އެންމެ މަޤްބޫލު
ތެލެސީމިއާ ދުވަސް ހަނދާންކޮށްދެނީ އިންސާނިއްޔަތުކަމާއި އޯގާތެރިކަމުގެ ސިފަތައް އިސްކުރުންކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެ އެވެ.
އެމަނިކުފާނު މިހެން ވިދާޅުވީ ބައިނަލްއަޤްވާމީ ތެލެސީމީ ދުވަހުގެ މުނާސަބާގައި މީސްމީޑިއާގައި ހިއްސާކުރެއްވި ޕޯސްޓެއްގަ އެވެ.
ރައީސް ވިދާޅުވީ ކޮންމެ އަހަރަކުވެސް ފާހަގަކުރާ ތެލެސީމިއާ ދުވަސް ހަނދާންކޮށްދީ ދަސްކޮށްދެނީ އިންސާނީއްޔަތުކަމާއި އޯގާތެރިކަމުގެ ސިފަތައް އިސްކުރުމަށް ކަމަށާއި، ކޮންމެ ދިވެހި ދަރިއަކާއި ޢައިލާއަކަށްވެސް އެހީތެރިކަމާއި އެއްބާރުލުންދޭންޖެހޭ ކަމަށެވެ. އެމަނިކުފާނު ވިދާޅުވީ ބަދަހި ޤައުމެއް ބިނާކުރުމަށް ތެލެސީމިއާ ދުވަސް، މިކަންކަން ހަނދުމަކޮށްދޭ ކަމަށެވެ.
ތެލެސީމިއާ ތަޙައްމަލުކުރަމުންދާ ކޮންމެ ދިވެއްސަކީ އާއިލާގެ މެމްބަރެއް ކަމަށާއި އެ ޢާއިލާތަކަށް ބޭނުންވާނެ ޞިއްޙީ އަދި އިޖްތިމާޢީ ރައްކާތެރިކަމާއި ފުރުޞަތުތައް ފަހިކޮށްދިނުމަކީ ސަރުކާރުގެ ޒިންމާއެއްކަމަށް ރައީސް ވިދާޅުވި އެވެ.
ތެލެސީމިއާ ދުވަހުގެ ގޮތުގައި ފާހަގަކުރަނީ ކޮންމެ އަހަރެއްގެ ވެސް މޭ މަހުގެ 8 ވަނަ ދުވަހެވެ. މިއަހަރުގެ މިދުވަސް ފާހަގަކުރުމަށް ކަނޑައަޅާފައިވާ ޝިއާރަކީ "ހިޑެން ނޯ މޯ: ފައިންޑިންގ ދަ އަންޑައިގްނޯސްޑް" މި ޝިޔާރެވެ. ސަޕޯޓިންގ ދަ އަންސީން، ނުވަތަ "އިތުރަށް ފޮރުވުމެއް ނެތި ބަލި ތަހައްމަލުކުރާ މީހުން ދެނެގަނެ އެހީތެރިކަން ފޯރުކޮށްދިނުން" އެވެ.
ތެލެސީމިއާ ބަލި ތަހައްމަލު ކުރަމުންދާ މީހުންނަށް ފަހި ގޮތްތަކެއް ހަދައިދިނުމަށް ސަރުކާރުން މަސައްކަތް ކުރަމުން އަންނައިރު މާލޭގައި ހުންނަ ތެލެސީމިއާ ސެންޓަރު ބައުވެ ހިދުމަތްދިނުމަށް ދަތިވެފައިވާތީ މިދިޔަ އަހަރުގެ މެއި މަހުގެ 8 ވަނަ ދުވަހުން ފެށިގެން މި ހިދުމަތް ދިނުމަށް ޒަމާނީ ތެލެސީމިއާ ސެންޓަރެއް ހުޅުމާލެ ފުރަތަމަ ފިޔަވަހީގައި ހުންނަ އޮރެންޖް ހިޔާގައި ވަނީ ގާއިމުކޮށްފަ އެވެ.
މީގެ އިތުރުން ތެލަސީމިއާ ބަލި ތަހައްމަލުކުރަމުންދާ މީހުންނަށް 2،000 ރުފިޔާގެ އިނާޔަތެއް ދިނުމަށް ނިންމައި އިނާޔަތަށް އެދުމުގެ ފުރުސަތު ހުޅުވާލީ ޖަނަވަރީ މަހުގެ ތެރޭގަ އެވެ.