ENGLISH
08 މޭ 2026
އާދިއްތަ ދުވަހުން ފެށިގެން މުހިންމު 3 ހިދުމަތެއް "ޓްރޭޑިއަން" މެދުވެރިކޮށް ދެނީ
08 މޭ 2026
|
ޓްރޭޑިއަން ޕްލެޓްފޯމް
އެންމެ މަޤްބޫލު
އާދިއްތަ ދުވަހުން ފެށިގެން މުހިންމު ތިން ހިދުމަތެއް "ޓްރޭޑިއަން" ޕްލެޓްފޯމް މެދުވެރިކޮށް ދޭން ފަށާނެކަން އިގުތިސާދީ ތަރައްޤީއާއި ދަތުރުފަތުރާއި ވިޔަފާރިއާ ބެހޭ ވުޒާރާއިން ހާމަކޮށްފި އެވެ.
ވުޒާރާއިން ބުނީ ދިވެހިރާއްޖޭގެ ބޯޑަރު ހުރަސްކޮށް ކުރެވޭ ވިޔަފާރީގެ މުއާމަލާތްތައް ހަރުދަނާކޮށް ޑިޖިޓަލައިޒް ކުރުމަށް ކުރަމުންދާ މަސައްކަތުގެ ދަށުން، ނޭޝަނަލް ސިންގަލް ވިންޑޯ ޕްލެޓްފޯމް "ޓްރޭޑިއަން" އަށް އިތުރު ޚިދުމަތްތަކެއް ތައާރަފުކުރުމަށް ނިންމާފައިވާ ކަމަށެވެ. އެގޮތުން އާދިއްތަ ދުވަހުން ފެށިގެން، ވެސަލް ޑިކްލަރޭޝަނާއި، ފަޔަރވޯކްސް އިމްޕޯޓް ޕަރމިޓް އަދި ފްލެއަރ އިމްޕޯޓް ޕާމިޓަށް އެދުމުގެ ޚިދުމަތް މި ޕްލެޓްފޯމް މެދުވެރިކޮށް ލިބިގެންދާނެކަމަށް ވުޒާރާއިން ބުނެ އެވެ.
މިއީ ސަރުކާރުގެ ޑިޖިޓަލައިޒޭޝަން ސިޔާސަތާ އެއްގޮތަށް، އިމްޕޯޓް އެކްސްޕޯޓާ ގުޅުންހުރި ހުރިހާ ޚިދުމަތްތަކެއް އެއް ފުރާޅެއްގެ ދަށުން ލިބޭނެ އިންތިޒާމު ހަމަޖެއްސުމަށްޓަކައި އެޅުނު މުހިންމު ފިޔަވަޅެކެވެ.
ޓްރޭޑިއަން ޕްލެޓްފޯމްގެ ފުރަތަމަ ފިޔަވަހި އަމަލީގޮތުން ބޭނުންކުރަން ފަށާފައިވަނީ 20 އޭޕްރީލް 2025 ގައެވެ. މި ނިޒާމުގެ މައިގަނޑު މަގުސަދަކީ ބައިނަލްއަގުވާމީ ވިޔަފާރިއާއި އުޅަނދުފަހަރުގެ ކްލިއަރެންސް މަސައްކަތްތަކުގައި ބައިވެރިވާ އެކި އިދާރާތައް އެއް ވިއުގައަކުން ގުޅާލައި، އެ މަސައްކަތްތައް ލުއިފަސޭހަކޮށް، ޑިޖިޓަލް ނިޒާމެއްގެ ތެރެއިން އަވަސްކުރުމެވެ.
ވުޒާރާއިން ބުނީ އަލަށް ތައާރަފުކުރެވުނު މި ޚިދުމަތްތައް ރަސްމީކޮށް ފެށުމަށް ހަމަޖެހިފައިވަނީ އާދިއްތަ ދުވަހުކަމަށް ވީނަމަވެސް މި ބަދަލަށް ކަސްޓަމަރުންނާއި ކަމާގުޅުންހުރި ފަރާތްތައް އަހުލުވެރިވުމަށް ފުރުސަތު ދިނުމުގެ ގޮތުން، އަންނަ ޖޫން މަހުގެ 10 ވަނަ ދުވަހާ ހަމައަށް މިހާރު ބޭނުންކުރަމުންދާ ވަސީލަތްތަކުގެ އިތުރުން ޓްރޭޑިއަން ޕްލެޓްފޯމް މެދުވެރިކޮށް ވެސް ޚިދުމަތަށް އެދުމުގެ ފުރުސަތު އޮންނާނެކަމަށެވެ.
މި ބަދަލާއެކު ހޯމަ ދުވަހުން ފެށިގެން ވެސަލް ޑިކްލަރޭޝަނާއި، ފަޔާވޯކްސް އިމްޕޯޓް ޕާމިޓް އަދި ފްލެއާ އިމްޕޯޓް ޕާމިޓަށް އެދޭ ހުރިހާ އެޕްލިކޭޝަނެއް ވުޒާރާއަށް ބަލައިގަންނާނީ ހަމައެކަނި ޓްރޭޑިއަން ޕްލެޓްފޯމް މެދުވެރިކޮށެވެ.