ENGLISH
08 މޭ 2026
އުސްގެކޮޅު އިމާސިވް މިއުޒިއަމަކަށް ބަދަލުކުރުމުގެ އަމަލީ މަސައްކަތް ފަށައިފި
08 މޭ 2026
|
އުސްގެކޮޅު. ފޮޓޯ؛ ޕީއެސްއެމް
އެންމެ މަޤްބޫލު
ސަލްޓަންޕާކުގައި ހުރި އުސްގެކޮޅު އިމާސިވް އިންޓެރެކްޓިވް މިއުޒިއަމްއެއްގެ ގޮތުގައި ޤާއިމްކުރުމުގެ އަމަލީ މަސައްކަތް މިދިޔަ މަހުގެ ފަހުކޮޅުން ފެށިގެން ކުރެވެމުންދާކަމަށް ފަންނާއި ސަގާފަތާއި ތަރިކައާ ބެހޭ ވަޒީރު ހީނާ ވަލީދު ވިދާޅުވެއްޖެ އެވެ.
ވަޒީރު މިފަދައިން ވިދާޅުވީ ވުޒާރާއިން ކުރަމުންދާ އެންމެ ފަހުގެ މަސައްކަތްތަކުގެ އަދާހަމަ ހިއްސާކުރުމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވި ނޫސްެވެރިންގެ ބައްދަލުވުމެއްގައި ވާހަކަފުޅު ދައްކަވަމުން ނެވެ.
އާސާރީ ބިނާތައް ހިމާޔަތްކުރުމުގެ ބޮޑެތި މަޝްރޫއުތަކެއް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި މިހާރު ވެސް ކުރިއަށްދާކަން ފާހަގަކުރައްވައި ވަޒީރު ވިދާޅުވީ ހދ. ހަންޏާމީދޫ ކަލާފާނު ޒިޔާރަތުގެ އާބާތުރަ ފިލުވައި ތަރައްގީކުރުމުގެ މަސައްކަތާއި، ހއ. ކެލާ ލިލީ ހައުސް ސައިޓް މިއުޒިއަމް ތަރައްގީ ކުރުމުގެ މަސައްކަތްތައް ކުރިއަށް ދާކަމަށެވެ. މީގެ އިތުރަށް ށ. މަރޮށި ތަރިކައިގެ މަޝްރޫއުގެ ކޮންސެޕްޓު ތައްޔާރުކޮށް ނިންމައި އަމަލީ މަސައްކަތް ފެށުމަށް ތައްޔާރުވެފައިވާކަމަށް ވިދާޅުވި އެވެ.
އުސްގެކޮޅު އިމާސިވް މިއުޒިއަމެއްގެ ގޮތުގައި ތަރައްޤީ ކުރުމުގެ މަސައްކަތް ނިންމާ މި އަހަރު ހުޅުވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، މި އަހަރުގެ ރިޔާސީ ބަޔާން އިއްވަވަމުން ވިދާޅުވެފައިވާއިރު ، މިކަމާ ގުޅިގެން ވަޒީރު ވިދާޅުވީ މިކަމުގެ އަމަލީ މަސައްކަތް ވެސް ފެށިފައިވާކަމަށެވެ.
" ވަރަށް މުހިންމު ކަމެއް މާލޭގައި އަޅުގަނޑުމެން އެބަ ކުރއިއަށްގެންދަން. އެއީ ސަލްޓަން ޕާކުގައި ހުރި އުސްގެކޮޅާއި އުސްގެކޮޅު ސަރަހައްދު އިމާސިވް އިންޓެރެކްޓިވް މިއުޒިއަމްއެއްގެ ގޮތުގައި ތަރައްގީކުރުމުގެ މަޝްރޫއު. މިދިޔަ ހަފްތާ(އޭޕްރީލްމަހުގެ ފަހު ހަފްތާ) ގެ ތެރޭގައި މި ޕްރޮޖެކްޓްގެ އަމަލީ މަސައްކަތް މިހާރު ފެށިފައި މިވަނީ،". ވަޒީރު ވިދާޅުވި އެވެ.
ވަޒީރު ވިދާޅުވީ މި މަސައްކަތް ކުރިއަށްގެންދަނީ ފަހި ދިރިއުޅުން ކޯޕަރޭޝަން(އެފްޑީސީ) އާ ހަވާލުކޮށްގެން ކަމަށެވެ.
އުސްގެކޮޅު އިމާސިވް މިއުޒިއަމެއްގެ ގޮތުގައި ތަރައްޤީ ކުރުމުގެ މަޝްރޫޢަކީ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ދިވެހި ތަރިކަ އިޔާދަ ކުރުމާއި، ދިވެހި ތަރިކައިގެ ދާއިރާ ތަރައްޤީ ކުރުމާއި، ދިވެހީންނަށް އޭގެ ހަޤީޤީ މާނައިގައި ތަރިކަ ރައްދު ކޮށްދެއްވުމަށް ގެންގުޅުއްވާ ސިޔާސަތުގެ ތެރެއިން ކުރައްވާ މަސައްކަތެކެވެ.
މާލޭގައި ތަރައްޤީކުރާ އިންޓަރެކްޓިވް މިއުޒިއަމަކީ، ރާއްޖޭގެ ތާރީޚުގައިވެސް ބިނާކުރެވޭ ފުރަތަމަ ދާރުލްއާސާރެވެ.
މާލޭގައި ތަރައްޤީކުރާ އިންޓަރެކްޓިވް މިއުޒިއަމަކީ، އުސްގެކޮޅާއި، ކަޅުވަކަރު މިސްކިތް ހުރި ސަރަޙައްދު ހިމެނޭހެން އީޖާދީ ވިސްނުންތަކާ ވަސީލަތްތަކުގެ އެހީގައި ދިވެހި ތާރީޚާއި ތަރިކަ ތަޖުރިބާކުރެވޭނެހެން ތަރައްޤީކުރާ މިއުޒިއަމެކެވެ.