ENGLISH
09 މޭ 2026
އައްޑޫގެ ވިޔަފާރިވެރިންނަށް އަންނަ ހަފުތާގައި ޚާއްސަ ފޯރަމެއް ބާއްވަނީ
08 މޭ 2026
|
އިގުތިސާދީ ތަރައްޤީއާއި ދަތުރުފަތުރާއި ވިޔަފާރިއާ ބެހޭ ވަޒީރު މުހައްމަދު ސައީދު
އެންމެ މަޤްބޫލު
މި ފެށޭ ހަފްތާގައި އައްޑޫ ސިޓީގެ ވިޔަފާރިވެރިންނަށް ހާއްސަކޮށްގެން ވިޔަފާރި ފޯރަމެއް ބާއްވަން ނިންމާފައިވާކަން އިގުތިސާދީ ތަރައްޤީއާއި ދަތުރުފަތުރާއި ވިޔަފާރިއާ ބެހޭ ވަޒީރު މުހައްމަދު ސައީދު ވިދާޅުވެއްޖެ އެވެ.
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަފުޅު ދައްކަވަމުން ވަޒީރު ވިދާޅުވީ އައްޑޫގެ ވިޔަފާރިވެރިންނަށް ހާއްސަ ގޮތްތަކެއް ކަނޑައަޅުއްވައިދެއްވާނެކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އިއުލާނު ކުރައްވާފައިވާ ކަމަށެވެ. މުސްތަގުބަލުގައި މި ފަސޭހަތައް އެހެން އަތޮޅުތަކަށް ފުޅާވެގެންދާނެކަމަށް ވެސް ވަޒީރު ވިދާޅުވި އެވެ.
ވަޒީރު ވިދާޅުވީ އަތޮޅުތެރެއަށް އިންވެސްޓުމަންޓުތައް ފުޅާކުރުމަށް ކުރޭވޭ މަސައްކަތް ފެށުމުގެ ގޮތުން ފެށޭ ހަފްތާގެ ތެރޭގައި ޕައިލެޓް ޕްރޮގްރާމެއް ފެށުމަށް ނިންމާފައިވާ ކަމަށެވެ.
"އެކަން ފެށުމަށް މި މޭ މަހުގެ 13 ވަނަ ދުވަހާއި 14 ވަނަ ދުވަހު އައްޑޫގެ ވިޔަފާރިވެރިންނަށް ހާއްސަކޮށްގެން ފޯރަމެއް ބާއްވަން ނިންމާފައިވަނީ. އަދި ޖުމްލަކޮށް ހުރިހާ ވިޔަފާރިވެރިންނަށް ބައިވެރިވެވޭގޮތަށް އައްޑޫގައި މި ފޯރަމް ކުރިއަށްގެންދަން ގަސްދުކުރަނީ. ހުރިހާ ބޭފުޅުންނަށް ވެސް ދައުވަތު އަރުވަން،" ވަޒީރު ވިދާޅުވި އެވެ.
ދެ ދުވަހުގެ މި ފޯރަމްގައި އިގުތިސާދީ ތަރައްޤީއާއި ދަތުރުފަތުރާއި ވިޔަފާރިއާ ބެހޭ ވުޒާރާގެ އިތުރަށް ދާޚިލީ ސަލާމަތާއި މަސައްކަތްތެރިކަމާއި ފަންނިއްޔާތާ ބެހޭ ވުޒާރާއާއި މަސްވެރިކަމާއި ދަނޑުވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވުޒާރާއާއި ފަތުރުވެރިކަމާއި މަދަނީ އުދުހުންތަކާ ބެހޭ ވުޒާރާއާއި މާލީ ވުޒާރާއާއި މީރާގެ އިތުރުން ބިނާރާއި ގެދޮރުވެރިކަމާއި އުމްރާނީ ތަރައްޤީއާ ބެހޭ ވުޒާރާ ވެސް ބައިވެރިކުރުމަށް ނިންމާފައިވާކަމަށް ވަޒީރު ވިދާޅުވި އެވެ.
މިހާ ގިނަ ވުޒާރާތަކެއް މި ފޯރަމުގައި ބައިވެރިކުރުމުގެ މަގުސަދަކީ ވީހާވެސް ގިނަ މައުލޫމާތުތަކެއް ވިޔަފާރިވެރިންނަށް ފޯރުކޮށްދިނުންކަމަށް ވަޒީރު ވިދާޅުވި އެވެ.