ENGLISH

07 މޭ 2026

Advertisement

ރަށްވެހިވުމަށް އެފްޑީސީގެ އިދާރީ އެއްވެސް ހުރަހެއް ނެތް: ހަމްދާން

07 މޭ 2026

|

ހަނާން އަހުމަދު ނައީމް

އެފްޑީސީގެ މެނޭޖިންގ ޑިރެކްޓަރު، ހަމްދާން ޝަކީލް - ފޮޓޯ: ސަން އޮންލައިން

ފަހި ދިރިއުޅުން ކޯޕަރޭޝަން (އެފްޑީސީ) އިން ހުޅުމާލޭގައި ތަރައްގީކޮށްފައިވާ ފްލެޓްތަކުގައި ދިރިއުޅޭ ފަރާތްތަކަށް މާލޭ ރަށްވެހިންގެ ދަފްތަރުގައި ރަޖިސްޓްރީވުމަށް ބޭނުންވާ ހުރިހާ ލިޔެކިޔުންތަކެއް މިހާރު އެފްޑީސީގެ އޮންލައިން ޕޯޓަލް މެދުވެރިކޮށް ލިބޭނެ އިންތިޒާމު ހަމަޖައްސާފައިވާ ކަމަށް އެ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ ހަމްދާން ޝަކީލް ވިދާޅުވެއްޖެއެވެ.

ހަމްދާން މިފަދައިން ވިދާޅުވީ މިކަމާ ގުޅިގެން މައުލުމާތު ދެއްވަމުން ހިއްސާކުރެއްވި ވީޑިއޯ މެސެޖެއްގައެވެ.

ހަމްދާން ވިދާޅުވީ، ފްލެޓްތަކުގެ ރަށްވެހިކަން ބަދަލުކުރުމުގައި އެފްޑީސީގެ ފަރާތުން ދޭންޖެހޭ އެއްވެސް އިދާރީ ހުއްދައެއް ނުވަތަ ލިޔެކިޔުމެއް މިހާރު މަޑުޖެހިފައި ނޯންނާނެ ކަމަށެވެ.

އެގޮތުން، މި ހިދުމަތް ޑިޖިޓަލައިޒް ކުރެވިފައިވާތީ އާންމުންނަށް ވަރަށް ބޮޑު ލުޔެއް ލިބިގެންދާނެ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

މާލޭ ސިޓީ ކައުންސިލުން ރަޖިސްޓްރީ ކޮށްދިނުމުގައި ދިމާވާ ދަތިތަކާ ގުޅޭގޮތުން ވާހަކަ ދައްކަވަމުން ހަމްދާން ވިދާޅުވީ، އެފްޑީސީން ވަނީ އެ ކައުންސިލާ ބައްދަލުކޮށް ރަޖިސްޓްރީ ކުރުމުގެ ހުއްދަ ދީފައިވާ ކަމުގެ ޔަގީންކަން ދީފައެވެ.

ރެންޓް-ޓު-އޯން މޮޑެލްގެ ދަށުން ފްލެޓް ދީފައިވީ ނަމަވެސް، ރަޖިސްޓްރީ ކޮށްދިނުމަށް ގާނޫނީ ގޮތުން އެއްވެސް އުނިކަމެއް ނެތް ކަމަށް އޭނާ ވިދާޅުވިއެވެ.

މާލޭ ސިޓީ ކައުންސިލުން މީގެ ކުރިން ބުނަމުން އައީ، ފްލެޓްތަކުގެ ފުރިހަމަ މިލްކުވެރިކަން ރައްޔިތުންނަށް ލިބިފައި ނުވާތީ (ރެންޓް-ޓު-އޯން އުސޫލުން ދޫކޮށްފައިވާތީ)، އެ ތަންތަނުގައި ދިރިއުޅޭ މީހުން ދަފްތަރުގައި ރަޖިސްޓްރީ ނުކުރެވޭނެ ކަމަށެވެ.

އެހެންނަމަވެސް، މިކަމުގެ ސަބަބުން ކުދިން ސްކޫލަށް ވެއްދުމާއި އަސާސީ އެހެން ހިދުމަތްތައް ހޯދުމުގައި އާންމުންނަށް ދަތިތަކާ ކުރިމަތިވަމުންދާތީ، އެފްޑީސީއާއި ހައުސިންގ މިނިސްޓްރީން ވަނީ މިކަމުގައި ގާނޫނީ ހުރަހެއް ނެތް ކަމަށް ނިންމައި، ސިޓީ ކައުންސިލާ މަޝްވަރާކޮށް ހައްލެއް ހޯދުމުގެ މަސައްކަތް ފަށާފައެެވެ.

ކިޔުންތެރިންގެ ހިޔާލު