ENGLISH
07 މޭ 2026
ރައީސްގެ ލަންކާ ދަތުރުފުޅު: ދިވެހީންނާއި ބައްދަލުކުރެއްވުމަށް ތިން ގަޑިއިރު، 60 އާއިލާ ވަކީން ބައްދަލުކުރެއްވި
07 މޭ 2026
|
ރައީސް ރައްޔިތަކާއި ބައްދަލު ކުރައްވަނީ --
އެންމެ މަޤްބޫލު
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ސްރީލަންކާއަށް ކުރެއްވި ފުރަމާނަ ދަތުރުފުޅުގައި އެ ޤައުމުގައި ދިރިއުޅޭ ދިވެހިރައްޔިތުންނާއި ބައްދަލުކުރެއްވުމަށް ތިން ގަޑިއިރު ހޭދަކުރެއްވި ކަމަށާ އެ ބައްދަލްވުމުގައި 60 އާއިލާއާ ވަކީން ބައްދަލު ކުރެއްވި ކަމަށް ސަރުކާރުގެ ތަރުޖަމާން މުޙައްމަދު ހުސައިން ޝަރީފް ވިދާޅުވެއްޖެ އެވެ.
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި މިއަދު އޮތް ނޫސްވެރީންގެ ބައްދަލްވުމުގައި ވާހަކަފުޅު ދައްކަވަމުން ތަރުޖަމާން ވިދާޅުވީ ރައްޔިތުންނާއި ބައްދަލު ކުރެއްވުމަށް ރައީސް އަބަދުވެސް ވަރަށް އިސްކަން ދެއްވާ ކަމަށެވެ. އެމަނިކުފާނު މޭޔަރަކަށް ހުންނެވިއިރު ވެސް އަދި ރައީސުލްޖުމްހޫރިއްޔާގެ މަޤާމަށް ވަޑައިގެންނެވުމަށް ފަހު ވެސް ރައްޔިތުންނާއި ބައްދަލުކުރެއްވުމަށް ވަރަށް އިސްކަން ދެއްވާ ޢަމަލުންް އެކަން ދައްކަވާފައިވާ ކަމަށެވެ.
"ދުވަހަކު ވެސް އަޅުގަނޑު ނުދެކެން އެހެން ކަންްކުރެއްވި ވެރިއެއް،" މުޙައްމަދު ހުސައިން ޝަރީފް ވިދާޅުވި އެވެ.
ތަރުޖަމާން ވިދާޅުވީ ލަންކާ ދަތުރުފުޅުގައި ދިވެހިރައްޔިތުންނާއި ބައްދަލުކުރެއްވުމަށް ބޭއްވި ބައްދަލްވުމުގައި ރައްޔިތުންގެ ކަންބޮޑުވުންތަކާއި ރައްޔިތުންގެ ޚިޔާލު އަޑުއެއްސެވުމަށް ތިން ގަޑިއިރު ހޭދަކުރެއްވި ކަމަށެވެ. އެ ވަގުތުތަކުގައި 60 އާއިލާ ވަކީން ބައްދަލުކުރެއްވި ކަމަށް ތަރުޖަމާން ވިދާޅުވި އެވެ.
ރައީސްގެ މި ބައްދަލްވުމުގައި ބައިވެރިނުވާން ދިވެހީންގެ ބަޔަކަށް އިންޒާރުދީފައިވާ ކަމަށާ ބިރު ދައްކަން ލަންކާ ފުލުހުން ފޮނުވި ކަމަށް ބުނެ ފަތުރާ ވާހަކަތަކަކީ ދޮގެއް ކަމަށް ތަރުޖަމާން ވިދާޅުވި އެވެ. ތަރުޖަމާން ވިދާޅުވީ ރައްޔިތަކާއި ބައްދަލުކުރަން ރައީސް ދެކޮޅު ހައްދަވާން ޖެހޭ ސަބަބެއް ނެތް ކަމަށެވެ. މިހާތަނަށް ބޭއްވި ރައްޔިތު ބައްދަލްވުންތަކުގައި ރައްޔިތުން ބޭނުން ޚިޔާލަކަށް ފުރުސަތު ދެއްވިކަން ފާޙަގަ ކުރެއްވި އެވެ.
"ރައީސުލްޖުމްހޫރިއްޔާ އެދިވަޑައިގަންނަވައިގެން ރަސްމީ ހައިސިއްޔަތަަކުން އެއްވެސް ބޭފުޅަކު ވަޑައިގަންނަވަން ހުރަސް އަޅުއްވަން އެއްވެސް މަސައްކަތެއް ނުކުރޭ," ފެތުރެމުންދާ ދޮގު ވާހަކަތަކާއި ގުޅޭގޮތުން ތަރުޖަމާން ވިދާޅުވި އެވެ.