ENGLISH
07 މޭ 2026
މިފްކޯގެ އުފެއްދުންތަކަށް ލަންކާގައި ބޮޑު ޑިމާންޑެއް، ރަނގަޅު މާކެޓަކަށް ވާނެ
07 މޭ 2026
|
މިފްކޯގެ އުފެއްދުންތައް، ސްރީލަންކާގައި ތަޢާރަފުކުރުން --
އެންމެ މަޤްބޫލު
މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ ލިމިޓެޑް (މިފްކޯ)ގެ އުފެއްދުންތައް، އަވަށްޓެރި ސްރީލަންކާގައި ތަޢާރަފު ކޮށްފައިވާއިރު މިފްކޯގެ އުފެއްދުންތަކަށް އެ ޤައުމުގައި ބޮޑު ޑިމާންޑެއް އޮންނަ ކަމަށް ސަރުކާރުން ބުނެފި އެވެ.
ރައީސުލްޖުމްހޫރިއްޔާ ސްރީލަންކާއަށް ކުރެއްވި ފުރަމާނަ ދަތުރުފުޅުގެ ހަވާސާގައި ހިމެނިގެން މިފްކޯގެ އުފެއްދުންތައް، ސްރީލަންކާގައި ވަނީ ތަޢާރަފު ކޮށްފަ އެވެ. މިއީ މިފްކޯގެ "ވެލިއު-އެޑެޑް" މަހުގެ އުފެއްދުންތަކުގެ ވިޔަފާރި ފުޅާކުރުމުގެ ގޮތުން ކުރިއަށްގެންދިޔަ ހަރަކާތެކެވެ.
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި މިއަދު އޮތް ނޫސްވެރީންގެ ބައްދަލްވުމުގައި ތަރުޖަމާން މުޙައްމަދު ހުސައިން ޝަރީފް ވިދާޅުވީ ލަންކާގައި މިފްކޯގެ އުފެއްދުންތަކަށް ކޯޓާއެއް ދިނުމަށް ރައީސްގެ ދަތުރުފުޅުގެ ތެރެއިން އެދިވަޑައިގެންނެވި ކަމަށެވެ. ސްރީލަންކާއަކީ ރާއްޖެ ފަދައިން ފޮރިން އިންވެސްޓްމަންޓްތަކަށް އެހާ ފަސޭހައިން ފުރުސަތު ލިބޭ ޤައުމެއް ނޫން ކަމަށާ ޚާއްސަކޮށް ބައެއް ދާއިރާތަކުން އެ ފުރުސަތު ވަރަށް ބޮޑަށް ހަނިކަން ތަރުޖަމާން ފާހަގަ ކުރެއްވި އެވެ.
އެފަދަ އެއް ދާއިރާއަކީ މަހުގެ އުފެއްދުންތަކާއި ދަޅު ބަހުގެ ބާވަތްތަކެވެ. ތަރުޖަމާން ވިދާޅުވީ ލަންކާގައި އެކަން ކުރެވެން އޮންނަ ގޮތަކީ އެކަމަށް ޚާއްސަ ކޯޓާއެއް ހޯދުން ކަމަށެވެ. އެހެން ކަމުން ރަސްމީކޮށް އެކަމަށް އެދިވަޑައިގެންފައިވާ ކަމަށް ވިދާޅުވި އެވެ.
"މިފްކޯއަށް ކޯޓާއެއް ދެއްވާށޭ ދަޅު މަސް ވަކި ސައިޒެއްގެ ދަޅު އެކްސްޕޯޓް ކުރަން. އެއީ ސްރީލަންކާގައި ޑިމާންޑެއް އެބަ އޮތް," ތަރުޖަމާން ވިދާޅުވި އެވެ.
ތަރުޖަމާން ވިދާޅުވީ ދިވެހި މަހުގެ އުފެއްދުންތަކަށް ލަންކާގައި ބޮޑު މާކެޓެއް އެބަ އޮތް ކަމަށެވެ. ލަންކާ ރައްޔިތުންގެ މެދުގައި ކަޅުބިލަ މަސް މަޝްހޫރުވެފައިވަނީ "މޯލްޑިވިސް ފިޝް" ގެ ގޮތުގައި ކަން ވެސް ތަރުޖަމާން ފާހަގަ ކުރެއްވި އެވެ.
މި ފުރުސަތު ލިބުމާއެކު މިފްކޯއަށް ރަނގަޅު މާކެޓެއް ލިބުނީ ކަމުގައި ވިދާޅުވި އެވެ.