ENGLISH

07 މޭ 2026

Advertisement

ނިމުނު އަހަރު ރައީސް ކުރެއްވި ފަސް ދަތުރުފުޅަކަށް ހަރަދުވީ 5.5 މިލިއަން ރުފިޔާ

07 މޭ 2026

|

ޝިފްޒާން އަޙްމަދު

ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު ދަތުރުފުޅެއްގައި ފުރާވަޑައިގަތުމުގެ ކުރިން، ފޮޓޯ: ރަައީސް އޮފީސް

ފާއިތުވި 2025 ވަނަ އަހަރު ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ރާއްޖެއިން ބޭރަށް ކުރެއްވި ފަސް ދަތުރުފުޅަކަށް ހަރަދުވެފައިވަނީ 5.5 މިލިއަން ރުފިޔާކަން ސަރުކާރުގެ އިސްތަރުޖަމާނު މުހައްމަދު ހުސައިން ޝަރީފު (މުންދު) ހާމަކުރައްވައިފިއެވެ. 

ސިލްސިލާ ގޮތެއްގައި ތަރުޖަމާނު ކުރިއަށްގެންދަވާ ނޫސްވެރިންގެ ބައްދަލުވުންތަކުގެ ތެރެއިން މިއަދު ކުރިއަށްގެންދެވި ބައްދަލުވުމުގައި މުންދު ވިދާޅުވި ގޮތުގައި ރައީސްގެ ދަތުރުފުޅުތަކުގެ ހަރަދުތަކުގެ ތަފުސީލު ހާމަކުރުން ބައެއް ފަހަރު ލަސްވަނީ އެ ތަފުސީލަކީ އެއްކުރުމަށްފަހު ހިސާބު ހެދުމަށްފަހު ހާމަކުރަންޖެހޭ ހަރަދުތަކަށްވާތީއެވެ. 

އެގޮތުން ރައީސްގެ އަރިހުގައި އެކި ވުޒާރާތަކާއި އިދާރާތަކުގެ ބޭފުޅުން ބައިވެރިވެވަޑައިގަންނަވާއިރު އެ ބޭފުޅުންގެ ހަރަދުތައް ހަމަޖައްސަނީ އެ ބޭފުޅުން ނިސްބަތްވެވަޑައިގަންނަވާ އިދާރާތަކުން ކަމުގައިވާތީ އެ މައުލޫމާތު އެ އިދާރާތަކުން ހޯދައި އެއްކުރުމަށް ވަގުތު ހޭދަވާކަން ތަރުޖަމާނު ފާހަގަކުރެއްވިއެވެ. 

އެއާއެކު މުންދުވަނީ ފާއިތުވި އަހަރު ރައީސް ކުރެއްވި ބައެއް ދަތުރުފުޅުތަކުގެ ހިސާބުތައް ހާމަކުރައްވާފައެވެ. އެއީ؛ 

1- އޭޕްރީލު 2025 ގައި މެލޭޝިޔާއަށް ކުރެއްވި ދަތުރުފުޅަށް ހަރަދުވީ 245،170 ރުފިޔާ 

2- 2025 ގައި ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅަށް ހަރަދުވީ 2.27 މިލިއަން ރުފިޔާ 

3- ޖުލައި 2025 ގައި އިނގިރޭސިވިލާތަށް ކުރެއްވި ދަތުރުފުޅަށް ހަރަދުވީ 1.57 މިލިއަން ރުފިޔާ 

4- ސެޕްޓެންބަރު 2025 ގައި ގަތަރަށް ކުރެއްވި ދަތުރުފުޅަށް ހަރަދުވީ 570،971 ރުފިޔާ 

5- ނޮވެންބަރު 2025 ގައި އިނގިރޭސިވިލާތަށް ކުރެއްވި ދަތުރުފުޅުތަކަށް ހަރަދުވީ 870،411 ރުފިޔާ 

މުންދުވަނީ މި ދަތުރުފުޅުގެ ފަހުން ރައީސް ކުރައްވާފައިވާ ދަތުރުފުޅުތަކުގެ މައުލޫމާތު އެއްކުރުމުގެ މަސައްކަތް މިހާރު ކުރެވެމުންދާކަމަށް ވިދާޅުވެފައެވެ. އަދި އެ މައުލޫމާތު އެއްކުރުމުގެ މަސައްކަތް ނިމުމާއެކު އެ މައުލޫމާތުވެސް ހާމަކުރައްވާނެ ކަމުގެ ޔަގީންކަން ތަރުޖަމާނު ދެއްވިއެވެ. 

ތަރުޖަމާނުވަނީ މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގުގެ ގާނޫނަކީ ޕީއެންސީ ފިކުރުގެ ސަރުކާރަކުން ތައާރަފުކުރި ގާނޫނެއްކަން ފާހަގަކުރައްވަމުން ސައްހަ ނިޔަތުގައި ސައްހަ ގޮތުގައި ފޮނުވާ ހުރިހާ މަހޯލި ފޯމަކަށް މި ސަރުކާރުން ޖަވާބުދޭނެ ކަމަށެވެ. 

ކިޔުންތެރިންގެ ހިޔާލު