ENGLISH

07 މޭ 2026

Advertisement

ބީއެމްއެލްގެ ރުފިޔާ ކާޑުތަކުން ބޭރުގެ އީކޮމާސް މުޢާމަލާތްކުރެވޭ ގޮތަށް ގެނައި ބަދަލުތައް ސާފުކޮށްދީފި

07 މޭ 2026

|

އަޙުމަދު ޙަމީދު

ބޭންކް އޮފް މޯލްޑިވްސް

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ދޫކޮށްފައިވާ ރުފިޔާ ކާޑުތަކުން ރާއްޖެއިން ބޭރުގެ އީކޮމާސް އަދި އޮންލައިން ރީޓެއިލް ސައިޓްތަކުން މުއާމަލާތްކުރެވޭ ގޮތަށް މިފަހުން ގެނައި ބަދަލުތަކާ ގުޅޭ ކަންކަން އެ ބެންކުންް އިތުރަށް ސާފުކޮށްދީފި އެވެ.

ބީއެމްއެލްގެ ތަރުޖަމާން މުޙައްމަދު ސައީދު މިއަދު ވިދާޅުވީ މިފަދަ ބަދަލެއް ގެންނަން ޖެހުނީ މެދު އިރުމަތީގެ މަސްރަހާ ގުޅިގެން ފަތުރުވެރިން ރާއްޖެ އަންނަ އަދަދު ދަށްވެ، ބޭންކް އޮފް މޯލްޑިވްސްއަށް ގަންނަން ލިބޭ ބޭރު ފައިސާގެ އަދަދަށްވުރެ ނިސްބަތުން ވަރަށް ބޮޑު އަދަދެއްގެ ޑޮލަރު މިފަދަ މުއާމަލާތްތައް ފުރިހަމަކުރުމަށް ބޭންކުން ވިއްކަން ޖެހިފައިވާތީ ކަމަށެވެ.

އަދި މިގޮތުން ދިވެހި ރުފިޔާ އެކައުންޓްތަކަށް ދޫކޮށްފައިވާ ކާޑުތަކުން ކުރާ މުއާމަލާތްތަކަށް މިހާރުވެސް ދުވާލަކަށް 1.33 މިލިއަން ޑޮލަރު ބެންކުން ވިއްކަމުން ގޮސްފައިވާއިރު ޑޮލަރު ގަންނަން ލިބުމުގައި ހުރި ދަތިތަކަށް ބަލައި، ރައްޔިތުންގެ ޒަރޫރީ ބޭނުންތަކަށް ބޭނުންވާ ބޭރު ފައިސާ ފޯރުކޮށްދިނުމުގައި ބޭންކުން ގެންގުޅޭ ނިޒާމުތައް އިތުރަށް ހަރުދަނާކޮށްފައިވާ ކަމަށެވެ.

"މިގޮތުން، ކުރިން މިދެންނެވި ފަދަ ސައިޓްތަކުން ވިޔަފާރި ކުރުމަށް ބޭންކުން ދުވާލަކަށް ވިއްކާ އަދަދު ކޮންމެ ދުވަހަކަށް ކަނޑައެޅޭ ވަކި ބަޖެޓެއްގެ ތެރެއިން މިދަނީ ވިއްކަމުން. އެ ބަޖެޓް ހަމަވުމުން އެ ދުވަހަކު ރާއްޖެއިން އެ ވެބްސައިޓްތަކުން (ބައެއް ރީޓެއިލް ސައިޓް ތަކުން) ވިޔަފާރިއެއް ނުކުރެވޭނެ," ސަޢީދު ވިދާޅުވި އެވެ.

ސަޢީދު ވިދާޅުވި ގޮތުގައި އެހެނިހެން ސައިޓްތަކުން ޚިދުމަތް ހޯދުމަށް ބުރުލެއް ނާރާނެ އެވެ. އެކަން މިހާރު ބީއެމްއެލް އެޕް މެދުވެރިކޮށް ފޮނުވާ ނޮޓިފިކޭޝަނަކުން ކަސްޓަމަރަށް އަންގަމުންދާނެ ކަމަށާ ނަމަވެސް ޑޮލަރު އެކައުންޓް ތަކަށް ދޫކުރެވިފައިވާ ކާޑުތަކުން އެއްވެސް ލިމިޓަކާއި ނުލައި މުއާމަލާތްތަކަށް ބޭނުންކުރެވޭނެ ކަަމަށެވެ.

މި ބަދަލުތަކުގެ ސަބަބުން ބޭރުގައި ކިޔަވަން ތިބޭ ދަރިވަރުންނަށާއި ދިރިއުޅޭ ފަރާތްތަކުގެ ކާޑުތަކަށް ޚާއްސަކޮށްގެން ދޫކޮށްފައިވާ ލިމިޓްތަކަށް އެއްވެސް ބަދަލެއް ނާންނާނެކަން ސަޢީދު ވަނީ ފާހަގަ ކުރައްވާފަ އެވެ. އަދި ބޭރުގައި ކިޔަވާ ކުދިންގެ ތެރެއިން ރާއްޖޭގައި ތިބި ބެލެނިވެރިންގެ ކާޑު ބޭނުންކުރާ ދަރިވަރުންނަށް ސްޓޫޑަންޓް ކާޑު ހައްދަން ތިން މަސްދުވަހުގެ މުހުލަތެއް ދީފައިވާނެ ކަމަށާ މި މުހުލަތުގައި ބެލެނިވެރިންގެ ކާޑު ބޭނުން ކުރެވޭ ގޮތަށް ހަމަޖެއްސޭނެ ކަމަށް ބީއެމްއެލުން ބުންޏެވެ.

ކަސްޓަމަރުން މިފަދަ އީކޮމާސްގެ ގިނަ މުއާމަލާތްތަކެއް ހިންގުމަކީ މި ބޭންކުގެ އާމްދަނީ އިތުރުވާނެ ކަމަށްވީ ނަމަވެސް މި ވަގުތު ބޭރު ފައިސާގެ އާމްދަނީ ލިބޭ މިންވަރާއި ކަސްޓަމަރުންގެ ބޭނުންތަކަށް ބޭންކުން ޑޮލަރު ވިއްކަންޖެހޭ މިންވަރަށް ބަލައި، ޒަރޫރީ ބޭނުންތަކަށް ބޭރު ފައިސާ އިގްތިސާދު ކުރުމަށް މި ފިޔަވަޅުތައް އަޅަން ބޭންކަށް މަޖުބޫރުވާކަން ސައީދު ވަނީ ފާހަގަ ކުރެއްވި އެވެ. އަދި ވިދާޅުވީ ބޭންކަށް ޑޮލަރު ގަންނަން ލިބޭ މިންވަރަށް ބަލައި، ރުފިޔާ ކާޑުން ބޭރު ފައިސާގެ މުއާމަލާތްތައް ކުރެވޭ ގޮތަށް ހަމަޖެހިފައިވާ ލިމިޓަށް ބަދަލުތައް ބޭންކުން ގެންނަމުންދާނެ ކަމަށް ވެސް ސަޢީދު ވިދާޅުވި އެވެ.

ކިޔުންތެރިންގެ ހިޔާލު