ENGLISH

07 މޭ 2026

Advertisement

ބީއެމްއެލްއިން ފިޔަވަޅުތަކެއް އެޅީ ބޭންކަށް ލިބޭ ޑޮލަރު ނަހަމަ ގޮތުގައި ބޭނުންކުރުން ހުއްޓުވުމަށް: ތަރުޖަމާނު

07 މޭ 2026

|

ޝިފްޒާން އަޙްމަދު

ބޭންކް އޮފް މޯލްޑިވްސް، ފޮޓޯ: ބީއެމްއެލް

ބޭރު ފައިސާއިން ކުރާ މުއާމަލާތްތަކާ ގުޅިގެން ބޭންކް އޮފް މޯލްޑިވްސްއިން ތަންފީޒުކުރަން ފެށި ހިފަހެއްޓުންތަކަކީ ބޭންކަށް ލިބޭ ޑޮލަރު ނަހަމަ ގޮތުގައި ބޭނުންކުރާ މިންވަރު މަދުކުރުމަށް އެޅި ފިޔަވަޅުތަކެއްކަމަށް ސަރުކާރުގެ އިސް ތަރުޖަމާނު މުހައްމަދު ހުސައިން ޝަރީފު (މުންދު) ވިދާޅުވެއްޖެއެވެ. 

ސިލްސިލާ ގޮތެއްގައި ތަރުޖަމާނު ކުރިއަށްގެންދަވާ ނޫސްވެރިންގެ ބައްދަލުވުންތަކުގެ ތެރެއިން މިއަދު ކުރިއަށްގެންދިޔަ ބައްދަލުވުމުގައި ނޫސްވެރިޔަކު ކުރި ސުވާލަކަށް ޖަވާބުދެއްވަމުން މުންދު ވިދާޅުވީ ތެލާއި އަސާސީ ކާބޯތަކެއްޗާއި ބޭސް ހޯދުމުގައި ދައުލަތުން ބީއެމްއެލްގެ މައްޗަށް ބަރޯސާވާ ކަމަށެވެ. އިތުރަށް ވިދާޅުވީ ރާއްޖޭގެ އިގުތިސާދީ ހަމެހުން ނެގެހެއްޓުމުގައި ބޭންކް އޮފް މޯލްޑިވްސްއިން މުހިއްމު ދައުރެއް އަދާކޮށް އާއްމުކޮށް އެހެން ބޭންކުތަކަށް ނުކުރެވޭނެ ގިނަ މަސައްކަތްތަކެއް ކުރާ ކަމަށެވެ. 

"ބޭންކަށްވެސް ލިބޭނީ ޑޮލަރު ވަކި ވަރަކަށްތާ. އެ ލިބޭ ފައިސާ ނަހަމަ ގޮތުގައި ބޭނުންކުރާ މިންވަރު ކުޑަކުރުމަށް ނުވަތަ އެކަމަށް އެޑްރެސްކުރެއްވުމަށް ދެ ފިޔަވަޅެއް އެޅުއްވީ. އެހެންކަމެއް ބަދަލެއް ނުވޭ.،" މުންދު ވިދާޅުވިއެވެ. 

އެގޮތުން އެއް ފިޔަވަޅަަކީ މަހެއްގެ މައްޗަށް އީ-ކޮމާސް މަންސަތަކުގައި ކުރެވޭ މުއާމަލާތްތަކުގެ އަދަދު މަހެއްގެ މައްޗަށް 30 މުއާމަލާތަށް ބަދަލުކުރުންކަން ފާހަގަކުރައްވަމުން މުންދު ވިދާޅުވީ އެ ބަދަލާއެކު އެވެރެޖުކޮށް ކޮންމެ މީހަކަަށްވެސް ދުވާލަކު އެއް މުއާމަލާތްކުރެވޭނެ ކަމަށެވެ. މިގޮތަށް ބަދަލުކުރަންޖެހުނީ އީ-ކޮމާސް މަންސަތަަކުގައި ހިނގާ މުއާމަލާތްތަކުގެ ވަރަށް ބޮޑު އިންސައްތައެއް އެންމެ ތިން އިންސައްތަ ކަސްޓަމަރުން ހިންގަމުންދާތީކަން މުންދު ފާހަގަކުރެއްވިއެވެ. 

ދެވަަނަ ބަދަލުގެ ފުރަތަމަ ބައަކީ ޓީޓީ ހެއްދުމުގައި ވަކި ވަގުތެއްގެ ތެރޭގައި އެކަން ކުރުން ކަމަށް ތަރުޖަމާނު ވިދާޅުވިއެވެ. ޓީޓީ ހެދުމަށް އަބަދުވެސް ބޭންކުން ޑޮލަރު ދޫކުރަނީ ވަކި އިންސައްތައެއްކަން ފާހަގަކުރައްވަމުން މުންދު ވިދާޅުވީ ދެން އެޅި ފިޔަވަޅަކީ ޓީޓީތައް ބައިކޮށްގެން ގިނަ އަދަދެއްގެ ޑޮލަރު ހޯދުމުގެ މައްސަލަ ހައްލުކުރުމަށް އެޅި ފިޔަވަޅުތަކެއް ކަމަށެވެ. 

މުންދު ވިދާޅުވީ އީ-ކޮމާސް ވިޔަފާރިތައް ވަރަށް ބޮޑަށް އިތުރުވެފައިވާ ކަމަށެވެ. އެގޮތުން ބޭންކުން ބޭރުވާ ޑޮލަރުގެ އެންމެ ބޮޑު އިންސައްތައެއް އީ-ކޮމާސް މަންސަތަކަަށް ހޭދަވާކަން ބޭންކަށް ފާހަގަވެފައިވާކަން ފާހަގަކުރެވިފައިވާކަމަށްވެސް މުންދު ވިދާޅުވިއެވެ. 

ރާއްޖެއިން ބޭރުގައި ޕީއޯއެސް އަދި އޭޓީއެމް މުއާމަލާތްތައް ހިންގުމުގައި ކާޑުގެ ވެރިމީހާ ހުރީ ބޭރުގައިކަން ކަށަވަރުކުރުމަށް އިމިގްރޭޝަނާއި ބީއެމްއެލްގެ މެދުގައި ގާއިމުކުރެވުނު ނިޒާމުގެ ތަފުސީލު ހިއްސާކުރައްވަމުން މުންދު ވިދާޅުވީ އެ ނިޒާމުގެ ތެރެއިން އިމިގްރޭޝަނުގެ ޑޭޓާއެއް ބީއެމްއެލްއާ ހިއްސާނުކުރާނެ ކަމަށެވެ. 

"އެބޭފުޅުން އެކުރައްވާ ހަމައެކަނި ވެރިފިކޭޝަނަކީ ކާޑު ބޭނުންކުރީ އަޅުގަނޑުތޯ ނޫންތޯ ބަލަން. އޭގައި އެ ބޭފުޅުން މިފޮނުވަނީ އޮޓޮމެޓިިކް ރިކުއެސްޓެއް އަޅުގަނޑު ބޭރުގައި ހުރިތޯ. އަޅުގަނޑުގެ ޑޭޓާ ފީސަބީލިއްލާހިއަށް އަރުވަނީއެއް ނޫނޭ. އެއީ ފްރޯޑު ހުއްޓުވަންކުރާ ކަމެއް،" ތަރުޖަމާނު ވިދާޅުވިއެވެ. 

އިތުރަށް ތަރުޖަމާނު ވިދާޅުވީ ބޭރުގައި ތިބޭ ދަރިވަރުންނަށް މައިންބަފައިންގެ ކާޑު ބޭނުންކުރެވޭނެ ވަގުުތެއް ހަމަޖެއްސުމާއެކު އެފަދަ ދަރިވަރުންނަށް އެ މުއްދަތުގެ ތެރޭގައި ސްޓޫޑެންޓު ލިމިޓާއެކު ކާޑު ދޫކުރާނެ ކަމަަށް މުންދު ވިދާޅުވިއެވެ. 

ކިޔުންތެރިންގެ ހިޔާލު