ENGLISH

07 މޭ 2026

Advertisement

ޖޫން މަހުގެ ނިޔަލަށް މީޑިޔާ ވިލޭޖުގެ މަސައްކަތް ނިމޭނެ

07 މޭ 2026

|

ޝިފްޒާން އަޙްމަދު

މީޑިޔާ ވިލެޖު ގާއިމުކުރާ އެސްޓީއޯގެ ހޮޓާ އިމާރާތް

އަންނަ ޖޫން މަހުގެ ނިޔަލަށް މީޑިޔާ ވިލޭޖުގެ މަސައްކަތް ނިންމައިލެވޭނެ ކަމުގައި ސަރުކާރުގެ އިސް ތަރުޖަމާނު މުހައްމަދު ހުސައިން ޝަރީފު (މުންދު) ވިދާޅުވެއްޖެއެވެ. 

މުންދު މިފަދައިން ވިދާޅުވީ ހަފުތާއަކު އެއްފަހަރު ކުރިއަށްގެންދަވާ ނޫސްވެރިންގެ ބައްދަލުވުމުގައި ދެއްކެވި ވާހަކަފުޅުގައެވެ. މީގެ ކުރިން މީޑިޔާއާ ގުޅުންހުރި މަސައްކަތްތައް ކުރަމުންއައި ވުޒާރާއިން އެކަން ވަކިކުރެވި އައު ވުޒާރާއަކާ ހަވާލުކުރެވިފައިވާތީ ފާއިތުވި ހަފުތާގައި ނޫސްވެރިޔަކު އެކަމާ ގުޅިގެން ކުރި ސުވާލަށް ޖަވާބުނުދެއްވުނީތީ މިއަދު ޖަވާބުދެއްވީއެވެ. 

މީޑިޔާ ވިލޭޖު ގާއިމުކުރުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު އިންތިހާބު ކާމިޔާބުކުރެއްވުމަށްފަހު މީޑިޔާއާއެކު ބޭއްވެވި ބައްދަލުވުމުގައި މީޑިޔާއާއި ނޫސްވެރިން ފާހަގަކުރި މައްސަލަތަކާއި ކަންބޮޑުވުންތަކާ ގުޅިގެން އެމަނިކުފާނު އެކަށައެޅުއްވި ސިޔާސަތެކެވެ. 

އެ ވިލޭޖުގައި މީޑިޔާ ހިންގުމަށް ބޭނުންވާ ޖާގަތައް ހުންނާނެއެވެ. އެގޮތުން މީޑިޔާގެ އޮފީސްތައް ހިންގުމަށް ބޭނުންވާ ޖާގަތަކާއި ސްޓޫޑިއޯތައް އެތަނުގައި ގާއިމުކުރެވޭނެއެވެ. އެތަން ތަރައްގީކުރަނީ ހުޅުމާލޭގައި އެސްޓީއޯއިން ހޮޓަލެއް ހިންގުމަށް އެޅި އިމާރާތުގައެވެ. 

މި އަހަރުގެ ރިޔާސީ ބަޔާނުގައި ރައީސް ޑރ.މުއިއްޒު ވިދާޅުވެފައިވަނީ މި އަހަރުގެ މެދު ތެރޭގައި މީޑިޔާ ވިލޭޖު ގާއިމުކޮށް ނިންމައި، އެތަނުން މީޑިޔާއަށް ޖާގަތައް ދޫކުރަން ފެށޭނެ ކަމަށެވެ. 

ކިޔުންތެރިންގެ ހިޔާލު