ENGLISH

07 މޭ 2026

Advertisement

ފަތުރުވެރިކަމުން ދައުލަތަށް ލިބުނު އާމްދަނީ އަށް ބިލިއަނުން މައްޗަށް، 13.8 އިންސައްތައިގެ އިތުރުވުމެއް

07 މޭ 2026

|

ޝިފްޒާން އަޙްމަދު

ރާއްޖެއަށް ޒިޔާރަތްކުރި ފަތުރުވެރިންތަކެއް، ފޮޓޯ: ފަރުދުން

ޖަނަވަރީ މަހުގެ އެއްވަނަ ދުވަހުން ފެށިގެން އޭޕްރީލު މަހުގެ ނިޔަލަށް ފަތުރުވެރިކަމުގެ ސިނާއަތުން ދައުލަތަށް ލިބުނު އާމްދަނީ އަށް ބިލިއަން ރުފިޔާއަށްވުރެ މަތިވެ، އަހަރުން އަހަރަށް 13.8 އިންސައްތަ އިތުރުވެފައިވާކަން މާލީ ވުޒާރާގެ ހިސާބުތަކުން ދައްކައިފިއެވެ. 

ހަފުތާއަކު އެއްފަހަރު މާލީ ވުޒާރާއިން އާއްމުކުރާ ދައުލަތުގެ އާމްދަނީއާއި ހަރަދުގެ ހިސާބުތަކަށް ބަލާއިރު އޭޕްރީލު މަހުގެ ނިޔަލަށް ދައުލަތަށް ޖުމްލަ 15.3 ބިލިއަން ރުފިޔާ ލިބުނުއިރު އެއިން 8.1 ބިލިއަންް ރުފިޔާއަކީ ފަތުރުވެރިކަމުގެ ސިނާއަތާ ގުޅުންހުރި ޓެކުހާއި ފީތަކާއި ކުލިން ލިބުނު އާމްދަނީއެވެ. 

މާލީ ވުޒާރާގެ ހިސާބުތަކަށް ބަލާއިރު ފަތުރުވެރިކަމުން އެންމެ ބޮޑު އާމްެދަނީއެއް ލިބުނީ ފަތުރުވެރިކަމުގެ ހިދުމަތްތަކާއި މުދަލުން ނަަގާ ޓެކުހުންނެވެ. ޓީޖީއެސްޓީގެ ގޮތުގައި އޭޕްރީލު މަހުގެ ނިޔަލަށް 5.1 ބިލިއަން ރުފިޔާ ލިބުނެވެ. ނިމުނު އަހަރުގެ އެ މުއްދަތުގައި ޓީޖީއެސްޓީގެ ގޮތުގައި ލިބުނީ 4.5 ބިލިއަން ރުފިޔާއެވެ. 

ގްރީން ޓެކުހުގެ ގޮތުގައި ނިމުނު އަހަރުގެ އެ މުއްދަތުގައި 754 މިލިއަން ރުފިޔާ ލިބުނުއިރު މި އަހަަރު އެ އަދަދުވަނީ 895 މިލިއަނަށް އިތުރުވެފައެވެ. އަދި އެއާޕޯޓު ސާވިސް ޗާޖާއި ޑިޕާޗާ ޓެކުހުގެ ގޮތުގައި މި އަހަރުގެ އޭޕްރީލުގެ ނިޔަލަށް 750 މިލިއަަން ރުފިޔާ ލިބުނުއިރު ނިމުނު އަހަރުގެ އެ މުއްދަތުގައި ލިބުނީ 604 މިލިއަން ރުފިޔާއެވެ. 

އެއާޕޯޓު ޑިވެލޮޕްމެންޓު ފީއަކީވެސް މައިގަނޑު ގޮތެއްގައި ފަތުރުވެރިންގެ އަތުން އާމްދަނީ ލިބޭ ވަސީލަތަކަށްވާއިރު އެއާޕޯޓު ޑިވެލޮޕްމެންޓު ފީގެ ގޮތުގައި ނިމުނު އަހަރު 607 މިލިއަން ރުފިޔާ ލިބުނުއިރު މި އަހަރު އެ އަދަދުވަނީ 761 މިލިއަން ރުފިޔާއަށް އިތުރުވެފައެވެ. 

ރިސޯޓު ކުލީގެ ގޮތުގައި 2025 ވަނަ އަހަރުގެ އޭޕްރީލު މަހުގެ ނިޔަލަށް 582 މިލިއަން ރުފިޔާ ލިބުނުއިރު މި އަހަަރު އެ އަދަދުވަނީ 598.8 މިލިއަނަށް އިތުރުވެފައެވެ. އަދި ފަތުރުވެރިކަމުގެ ބޭނުމަށް އަލަށް ދޫކުރި ބިންތަކުގެ އެކުއިޒިޝަން ކޯސްޓުގެ ގޮތުގައި އޭޕްރީލުގެ ނިޔަލަށް މި އަހަރު 317 މިލިއަން ރުފިޔާ ލިބުނުއިރު ނިމުނު އަހަރު އެކުއިޒިޝަން ކޯސްޓުގެ ގޮތުގައި އެ މުއްދަތުގަ ލިބުނީ 18.4 މިލިއަން ރުފިޔާއެވެ. 

ޖުމްލަ އަދަދަށް ބަލާއިރު ނިމުނު އަހަރުގެ އެ މުއްދަތުގައި ޓޫރިޒަމް ދާއިރާގެ ޓެކުސްތަކާއި ފީތަކުން ލިބުނު އާމްދަނީއަކީ 7.1 ބިލިއަން ރުފިޔާއެވެ. މި އަހަރު އެ އަދަދުވަނީ 8.1 ބިލިއަން ރުފިޔާއަށް އިތުރުވެފައެވެ. އެއީ އަހަރުން އަހަރަށް ބަލާއިރު 13.8 އިންސައްތައިގެ އިތުރުވުމެކެވެ. 

މިއީ ފެބްރުއަރީ މަހުގެ 28 ވަނަ ދުވަހު ފެށުނު މެދުއިރުމަތީގެ ހަނގުރާމައިގެ ސަބަބުން ރާއްޖެއަށް އަންނަ ފަތުރުވެރިންގެ އަދަދު މަދުވެ، އެކަމުގެ ނޭދެވޭ އަސަރު ރާއްޖޭގެ އިގުތިސާދަށް ކުރި ނަމަވެސް ޖަނަވަރީ އަދި ފެބްރުއަރީ މަހުގެ ތެރޭގައި ފަތުރުވެރިކަމުން ހާސިލުކުރެވިފައިވާ ކާމިޔާބުގެ ބޮޑުކަން ފެންނަ ކަމެކެވެ. 

ކިޔުންތެރިންގެ ހިޔާލު