ENGLISH
07 މޭ 2026
ދައުރު ދެބައި ނުވަނީސް ފުނަދޫ ދާއިރާގައި އެންމެ ގިނަ ޕްރޮޖެކްޓް ފެށީ މި ސަރުކާރުން: މެންބަރު
07 މޭ 2026
|
ރައްޔިތުންގެ މަޖިލީހުގެ ފުނަދޫ ދާއިރާގެ މެންބަރު މުޙައްމަދު މަމްދޫޙު، ފޮޓޯ: އެމްއެމްޓީވީ
އެންމެ މަޤްބޫލު
ވެރިކަމެއްގެ ދައުރު ދެބައި ނުވަނީސް ށ.ފުނަދޫ ދާއިރާގައި އެންމެ ޕްރޮޖެކްޓް ހިންގި ސަރުކާރަކީ ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒުގެ ސަރުކާރުން ކަމަށް އެދާއިރާގެ ރައްޔިތުންގެ މަޖިލީހުގެ މެންބަރު، މުހައްމަދު މަމްދޫހު ވިދާޅުވެއްޖެއެވެ.
އެމްއެމްޓީވީގެ "ބޮޑު ޚަބަރު" ޕްރޮގްރާމުގައި ވާހަކަދައްކަވަމުން މަމްދޫހު މިފަދައިން ވިދާޅުވީ، އެމްޑީޕީގެ ސަރުކާރުން މަޝްރޫއުތައް ހިންގަމުންދިޔަ ގޮތާއި ރައީސް ޑރ.މުއިއްޒުގެ ސަރުކާރުން މަސައްކަތްތައް ތަރުތީބުކޮށް ތަންފީޒުކުރަމުންދަ ގޮތާމެދު ދެއްކެވި ވާހަކަފުޅުގައެވެ.
މަމްދޫހު ވިދާޅުވީ، ޖުމްލަ ގޮތެއްގައި ފުނަދޫ ދާއިރާގެ ރަށްރަށަށް ބަލާލި ކަމުގައި ވީނަމަވެސް ކުރީގެ ނިމިދިޔަ ސަރުކާރުގެ ފުރަތަމަ ދެ އަހަރު ތެރޭގައި އެއްވެސް ޕްރޮޖެކްޓެއް ކުރިއަށް ގެންގޮސްފައި ނުވާކަން ފާހަގަވެގެންދާނެ ކަމަށެވެ.
"ޖުމްލަ ގޮތެއްގައި އަޅުގަނޑުމެންގެ ދާއިރާގެ ރަށްރަށަށް ބަލާލި ކަމުގައި ވީނަމަވެސް، ބައެއް ކުދި ކުދި ކަންކަން 2019 ނޫނީ 2020 ގައި ނުފެށެ އެކޭ ނޫން އެހެން ނަމަވެސް ޖުމްލަ ގޮތެއްގައި ތަރައްޤީގެ ކަންކަން ރައްޔިތުން ބަލައިގަންނަ ހިސާބަށްވެސް ހަގީގަތުގައި ހިނގައިގަނެފައި އޮތީ ވެރިކަމުގެ ތިންވަނަ އަހަރު ނިމި ހަތަރުވަނަ އަހަރަށް ހިނގަމުން ދަނިކޮށް." މަމްދޫހު ވިދާޅުވިއެވެ.
ރައީސް ޑރ.މުއިއްޒުގެ ވެރިކަމާއި 2023 ވަނަ އަހަރު ހަވާލުވެވަޑައިގެންނެވިއިރު ރައްޔިތުންގެ މަޖިލީހުގައި އޭރު އޮތީ އެމްޑީޕީގެ މެޖޯރިޓީކަން ފާހަގަކުރައްވައި މަމްދޫހު ވިދާޅުވީ، އޭރު ރާއްޖޭގައި ޕްރޮޖެކްޓުތައް ހިންގުމަށް ވަރަށް ގިނަ ގޮންޖެހުންތަކަކާ މިހާރުގެ ސަރުކާރަށް ކުރިމަތިލާން ޖެހުނު ކަމަށް މެންބަރު ވިދާޅުވިއެވެ.
އެގޮތުން، ޕްރޮޖެކްޓުތައް ހިންގުމަށް ބޭނުންވާ ބަޖެޓު ކަނޑައެޅުމުގައި އެމްޑީޕީގެ މެޖޯރިޓީ އޮތް މަޖިލީހުން އޭރު އަމަލުކުރީ ވަރަށް ބޭއިންސާފުން ކަމަށް މަމްދޫހު ވިދާޅުވިއެވެ. އަދި ބަޖެޓުގެ ގޮތުގައި ބަނދަރު ހެދުމުގެ ޕްރޮޖެކްޓުުތަކަށް 2 ލައްކަ އަދި ސްކޫލުތައް ހެދުމަށް ހަމަޖައްސައިދިނީ 150،000 ކަމަށް ވިދާޅުވެ އެއިރުގެ މަޖިލީހުން ބަޖެޓު ފާސްކުރީ ޣައިރު ޒިންމާދާރު ގޮތެއްގައިކަން މަމްދޫހު ފާހަގަކުރެއްވިއެވެ.
އެހެންނަމަވެސް، 20 ވަނަ ރައްޔިތުންގެ މަޖިލީހަށް ސަރުކާރުގެ މެޖޯރިޓީ ލިބި ގިނަ މަޝްރޫތައް ހިންގުމަށް ފުރުސަތު ފަހިވެގެންދިޔަ ކަމަށް އޭނާ ވިދާޅުވިއެވެ. އެފަހިވި ފުރުސަތުގެ ތެރެއިން އޭނާ ތަމްސީލުކުރައްވާ ފުނަދޫ ދާއިރާގައިވެސް ގިނަ މުހިއްމު މަޝްރޫއުތަކެއް ރާވައި ތަންފިޒުކުރަން ފަށާފައިވާކަމަށް ވިދާޅުވިއެވެ.
"އަޅުގަނޑުމެންގެ ދާއިރާގެ ކަންތައްތަކަށް ބަލާލާއިރު، ދާއިރާގެ ތިން ރަށުގައި ގިނަ މަޝްރޫތަކެއް މިހާރުވެސް އެބަ ހިނގަމުންދޭ. އަދި ކުރިއަށްވެސް ފެށުމަށްވެސް އެބަ ތައްޔާރުވަމުންދޭ ވަރަށް މުހިންމު ބައެއް މަޝްރޫތައް. އަޅުގަނޑަށް ޔަގީންކަމާއެކު ދަންނަވަން ކެރިގެންދާނެ ވެރިކަމެއްގައި ދައުރެއް ދެބައިނުވަނިސް އެންމެ ގިނަ ޕްރޮޖެކްޓު ފުނަދޫ ދާއިރާގައި ހިންގާ ވެރިކަމަށް ވާނެ މި ވެރިކަން." މެންބަރު މަމްދޫހު ވިދާޅުވިއެވެ.
މި ސަރުކާރުން ހިންގަމުންދާ ޕްރޮޖެކްޓުތަކަށް ރަނގަޅު ބަޖެޓެއް ފާސްވެ ޕްރޮޖެކްޓުތައް ހިންގުމަށް މިހާރު ގިނަ ފަސޭހަތަކެއް އައިސްފައިވާ ކަމަށްވެސް މަމްދޫހު ވަނީ ފާހަގަކުރައްވާފައެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ވެރިކަމާ ހަަވާލުވެވަޑައިގަތުމުގެ ކުރިން 2024 ވަނަ އަހަަރަށް ލަފާކުރާ ބަޖެޓު ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައި އޮތުމާއެކު އެ ބަޖެޓުގައި އެމަނިކުފާނުގެ ދައުރުގެ ފުރަތަމަ އަހަރުގައި ހިންގަވަން ބޭނުންފުޅުވާ މުހިއްމު މަޝްރޫއުތަކަށް ބޭނުންވާ ފައިސާ ހިމަނައިދިނުމަށް އެދިވަޑައިގަތުމުން، އެމްޑީޕީގެ އަޣުލަބިއްޔަތު އޮތް 19 ވަނަ މަޖިލީހުން އެ ފައިސާ ހިމަނާދީފައިނުވެއެވެ.
އެކަމުގެ ސަބަބުން ސަރުކާރު އެކުލަވައިލެއްވުމަށްފަހު ފުރަތަމަ އަހަރު މަޝްރޫއުތައް ހިންގަވަން ބޭނުންފުޅުވި ދުވެލީގައި މަސައްކަތްކުރެއްވުމުގައި ގިނަ ގޮންޖެހުންތަކެއް އުފެދުނެވެ. 20 ވަނަ މަޖިލީހުގެ އަޣުލަބިއްޔަތު ޕީއެންސީއަށް ލިބިގެން 2025 ވަނަ އަހަރަށް ލަފާކޮށް ފާސްކުރި ބަޖެޓާއެކު ސަރުކާރުގެ ހިންގުން ހަލުއިކުރެވި މަސައްކަތްތައްވަނީ ފަށައިގަނެވިފައެވެ.