ENGLISH

07 މޭ 2026

Advertisement

ކުޑަހުވަދޫގައި އަމިއްލަ ގޯތީގައި ހައުސިން ޔުނިޓް އެޅުމަށް ބިން ޙަވާލުކުރަން ފަށައިފި

07 މޭ 2026

|

ޢަލީ ޝަހީމް

ސަރުކާރުގެ ބޯހިޔާވަހިކަމުގެ ސިޔާސަތުގެ ދަށުން ދ. ކުޑަހުވަދޫގެ ރައްޔިތުންގެ އަމިއްލަ ގޯތީގައި އިމާރާތްކުރާ ހައުސިން ޔުނިޓްތަކުގެ ބިން ޙަވާލުކުރުމުގެ އެއްބަސްވުންތަކުގައި މިއަދު ސޮއިކުރަން ފަށާފައިވާކަމަށް ބިނާރާ، ގެދޮރުވެރިކަމާއި އަދި އުމްރާނީ ތަރައްޤީއާ ބެހޭ ވުޒާރާއިން ބުނެފިއެވެ. 

ސަރުކާރުން ކުޑަހުވަދޫގެ އަމިއް ރައްޔިތުންގެ ގޯތީގައި ހައުސިން ޔުނިޓް އެޅުމަށް ހުޅުވާލީ 50 ފުރުސަތެވެ. އެ ވުޒާރާއިން މިއަދު 'އެކްސް' ގައި އާއްމުކުރި ޕޯސްޓުގައި ބުނީ، އަމިއްލަ ރައްޔިތުންގެ ގޯތީގައި ހައުސިން ޔުނިޓް ތަރައްޤީކުރުމަށް ބިން ޙަވާލުކުރުމުގެ އެއްބަސްވުމުގައި ސޮއިކުރުމުގެ މަސައްކަތް ކުރިއަށްދާ ކަމަށެވެ. 

"އެއް ގެއެއްގައި ތިން ހަތަރު އާއިލާއެއް އެއްކޮށް ދިރިއުޅެމުން އަންނަ ގެތައް ވަރަށް ގިނަ ވާނެ ކުޑަހުވަދޫގައި. އެހެންވީމަ އެ އާއިލާތަކަށް ވަކި ދިރިއުޅުމެއް ލިބި އަމިއްލަ ގެދޮރުގައި ދިރިއުޅުމަށް ކުރަމުންއައި އުއްމީދެއް ނިމުމެއް އައީ ކަމަށް ގަބޫލުކުރަނީ. މި ގެތައް އެޅިގެންދާއިރު ކުޑަހުވަދޫގައި ދިރިއުޅުމުގެ ދަތިކަން ދިމާވެފައިތިބި ވަރަށް ގިނަ އާއިލާތަކަށް ވަރަށް ބޮޑު ތަސައްލީއެއް ލިބިގެންދާނެ މި ޕްރޮޖެކްޓާ އެކު" ވުޒާރާއިން އާއްމުކުރި ވީޑިއޯ ޕޯސްޓަށް ކުޑަހުވަދޫގެ ރައްޔިތަކު ދިން އިންޓަވިއުގައި ބުނެފައިވެއެވެ. 

ހައުސިން ޔުނިޓް ހަދާ ރަށްރަށުގައި ބޭނުން މީހުންނަށް އަމިއްލަ ގޯތީގައި އިމާރާތް އަޅައިދޭނެކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އިއުލާނުކުރެއްވީ 2025 ވަނަ އަހަރުގެ ފެބްރުވަރީ މަހު ދ. އަތޮޅަށް ކުރެއްވި ދަތުރުފުޅުގައި އެ އަތޮޅު މީދޫ އަށް ވަޑައިގެން ދެއްކެވި ވާހަކަފުޅުގައެވެ.
"އަޅުގަނޑު މި ރަށުގެ ކައުންސިލަށް ދަންނަވަން، ގޯތި ދެވިގެންދާއިރުގައި، އަމިއްލައަށް ގޯތީގައި އިމާރާތްކުރަން ކުޅަދާނަކަން ނެތް ފަރާތްތަކުން، ނޫނީވިއްޔާ މި ޕްރޮޖެކްޓްގެ ތެރެއިން، އެމީހާގެ ގޯތީގައި ހައުސިންގ ޔުނިޓެއް އަޅަން ބޭނުންވަންޏާ، އެ ފަރާތްތައް ކަނޑައަޅުއްވައިދެއްވަން." މީދޫގެ ރައްޔިތުންނާ ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅުގައި 24 ފެބްރުވަރީ 2025 ވަނަ ދުވަހު ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވިއެވެ. 

ކުޑަހުވަދޫގެ އަމިއްލަ ރައްޔިތުންގެ ގޯތީގައި ހައުސިން ޔުނިޓް ތަރައްޤީކުރަން ބިން ޙަވާލުކުރުމުގެ އެއްބަސްވުންތަކުގައި ސޮއިކުރުމުގެ މަސައްކަތް ފެށިއިރު، ސަރުކާރުން އަންނަނީ ހައުސިން ޔުނިޓް ތަރައްޤީކުރުމުގެ ގިނަ މަޝްރޫޢުތަކެއް މުޅި ރާއްޖޭގައި ހިންގަމުންނެވެ. 

ކިޔުންތެރިންގެ ހިޔާލު