ENGLISH

07 މޭ 2026

Advertisement

އެފްޑީސީގެ ފްލެޓްތަކަށް ރަށްވެހިކަން ބަދަލުކުރުމަށް ޑިޖިޓަލް ނިޒާމެއް ޤާއިމުކޮށްފި

07 މޭ 2026

|

ޢަލީ ޝަހީމް

އެފްޑީސީން ހުޅުމާލެ ދެވަނަ ފިޔަވަހީގައި ތަރައްޤީކޮށްފައިވާ ފްލެޓްތައް. މި ފްލެޓްތަކަށް ރަށްވެހިކަން ބަދަލުކުރުމުގެ ފަސޭހަ އިންތިޒާމެއް ވަނީ ހަމަޖައްސާފައި.

ފަހި ދިރިއުޅުން ކޯޕަރޭޝަން (އެފްޑީސީ) އިން ހުޅުމާލެ ދެވަނަ ފިޔަވަހީގައި ތަރައްޤީކޮށްފައިވާ ފްލެޓްތަކަށް ރަށްވެހިކަން ބަދަލުކުރުމުގެ މަރުހަލާ ޑިޖިޓަލްކޮށް، ފަސޭހަކަމާއެކު ކުރިއަށް ގެންދެވޭނެ އިންތިޒާމުތައް އެ ކުންފުނިން ހަމަޖައްސައިފިއެވެ.

މި ބަދަލާ އެކު އެފްޑީސީގެ "ފަހި ޕޯޓަލް" މެދުވެރިކޮށް ލިޔުން ހުށަހެޅޭ ގޮތަށް ވަނީ ހަމަޖައްސައިފަ އެވެ. އެފްޑީސީން ބުނީ، ފްލެޓްތަކަށް ރަށްވެހިކަން ބަދަލުކުރުމަށް ބޭނުންވާ ހުރިހާ ލިޔެކިޔުމެއް އެފްޑީސީގެ ޕޯޓަލް މެދުވެރިކޮށް މިހާރު ލިބޭނެ ކަމަށެވެ. މިކަމުގައި ހުރި މައްސަލަތައް ހައްލުކުރުމަށް އެފްޑީސީން ވަނީ މާލެ ސިޓީ ކައުންސިލާއެކު މަޝްވަރާކޮށްފަ އެވެ. 

އެފްޑީސީން ތަރައްޤީކުރި 32 ޓަވަރުގައި 4000 ހައުސިން ޔުނިޓް ހިމެނެ އެވެ. މި ފްލެޓްތައް ނިމުމުން އެ ސަރަޙައްދުގައި ގާތްގަނޑަކަށް ތިރީސްހާހެއްހާ މީހުން ދިރިއުޅޭނެ ކަމަށް އަންދާޒާ ކުރެވެއެވެ. 

އެފްޑީސީގެ މެނޭޖިން ޑިރެކްޓަރ ހަމްދާން ޝަކީލް އެ ކުންފުނީގެ މީޑިއާ މެދުވެރިކޮށް އާއްމުކުރެއްވި ވީޑިއޯ މެސެޖުގައި ވިދާޅުވީ، އަމާޒަކީ އެއްވެސް އިދާރީ ހުރަހެއް ނެތި ރަށްވެހިކަން ބަދަލުކުރުމުގެ ފުރުޞަތު ފަހިކޮށްދިނުން ކަމަށެވެ. އެގޮތުން ސިޓީ ކައުންސިލަށް ބޭނުންވާ ހުރިހާ މަޢުލޫމާތެއް އޮންލައިންކޮށް ފޯރުކޮށްދީ ރަށްވެހިކަން ބަދަލުކުރުމުގެ ކަންކަން ރައްޔިތުންނަށް ލުއިފަސޭހަކޮށްދެއްވާނެކަމަށް ޝަކީލް ވިދާޅުވިއެވެ. 

ކިޔުންތެރިންގެ ހިޔާލު