ENGLISH

07 މޭ 2026

Advertisement

މާލޭ ޓެކްސީ ލައިނަށް އޮތް ތަރުހީބު ބޮޑު؛ ހިދުމަތް ރަނގަޅުކުރާނެ، އަންނަ ހަފުތާ އެޕު ތައާރަފުކުރަނީ

07 މޭ 2026

|

ޝިފްޒާން އަޙްމަދު

އެމްޓީސީސީގެ ޓެކްސީ ލައިންގެ ހިދުމަތަށް ބޭނުންކުރާ ކާރެއް، ފޮޓޯ: ދައުރު

ސަރުކާރުން ތައާރަފުކުރި މާލޭ ޓެކްސީ ލައިނަށް އޮތް ތަރުހީބު ވަރަށް ބޮޑު ކަމަށާއި، އެ ހިދުމަތުގެ ފެންވަރު ރަނގަޅުކުރުމަށް ކުރަންޖެހޭ މސައްކަތްތައް ކުރަމުންދާކަމަށާއި، ހިދުމަތް ދިނުމުގައި ބޭނުންކުރާ އެޕްލިކޭޝަން އަންނަ ހަފުތާ ތެރޭގައި ތައާރަފުކުރެވޭނެ ކަމަށް އިގުތިސާދީ ތަރައްގީއާއި ދަތުރުފަތުރާއި ވިޔަފާރިއާ ބެހޭ ވަޒީރު މުހައްމަދު ސައީދު ވިދާޅުވެއްޖެއެވެ. 

މިއަދު ރައީސް އޮފީހުގައި އޮތް ނޫސްވެރިންގެ ބައްދަލުވުމެއްގައި ޓެކްސީ ލައިންގެ ހިދުމަތާ ގުޅޭ ގޮތުން ނޫސްވެރިޔަކު ދެންނެވި ސުވާލަކަށް ޖަވާބުދެއްވަމުން ސައީދު ވިދާޅުވީ އެމްޓީސީސީ މެދުވެރިކޮށް ޓެކްސީ ލައިންގެ ހިދުމަތް ތައާރަފުކުރުމަކީ ވިޔަފާރިއެއްގެ ތެރެއަށް ސަަރުކާރުން ވަނުން ނޫން ކަމަށެވެ. ވަޒީރު ވިދާޅުވި ގޮތުގައި އެ ހިދުމަތް ތައާރަފުކުރުމުގެ މަގުސަދަކީ އަސާސީ ހިދުމަތެއް ރައްޔިތުން ބޭނުންވާ ފެންވަރަށް ގެނައުމެވެ. 

"މިވަގުތު ސަރުކާރުން ނިންމާފައި އެއޮތީ އެމްޓީސީސީން ވަކި ކަހަލަ މިންގަނޑުތަކެއްގައި ރައްޔިތުން ވަރަށް ބޮޑަށް ބަލައިގަންނަ މިންގަނޑުތަކެއްގައި އެކަން ފޯރުކޮށްދިނުމާއި، އަދި އެކަމަށް އާ ގޮތްތަކެއް ހޯދުން. ޓެކްސީ ހިދުމަތް އެމްޓީސީސީން ފެށިޔަސް، މުޅި ސަރުކާރުން ފެށިޔަސް ހުންނާނެ ފްލޯސް ރަނގަޅުކުރަންޖެހޭ ގޮތްތައް،" ސައީދު ވިދާޅުވިއެވެ. 

ސައީދުވަނީ ޓެކްސީ ލައިންގެ ހިދުމަތާ ގުޅޭ ބައެއް ތަފާސްހިސާބުތައްވެސް ހިއްސާކުރައްވާފައެވެ. އެގޮތުން ކަސްޓަމާއަކު ގުޅައިގެން ކާރު ލިބުމާމެދު 8.4 މިނިޓު ނަގާއިރު، އެވެރެޖުކޮށް ދަތުރެއްގެ ދިގުމިނަކީ 12.2 މިނެޓުކަމަށް ރިޕޯޓުކުރެވިފައިވާކަން ހާމަކުރައްވާފައެވެ. 

13 އޭޕްރީލުން 18 އޭޕްރީލާ ދެމެދުގައި 11،128 ދަތުރުކޮށްފައިވާއިރު، ވެބް އެޕްލިކޭޝަން ތައާރަފުކުރި ފަހުން 7،251 ދަތުރު އެމްޓީސީސީން ނަގާފައިވެއެވެ. ސައީދު ވިދާޅުވި ގޮތުގައި ދުވަހުން ދުުވަހަށް އެ ހިދުމަތް ހޯދާ މީހުންގެ ނިސްބަތް އަންނަނީ 50 އިންސައްތަ އިތުރުވަމުންނެވެ. 

"އެހެންކަމުން މި ހިދުމަތް ރައްޔިތުން ބޭނުންކުރާ މިންވަރު ދަނީ އިތުރުވަމުން. އަދި އެމްޓީސީސީީން ފޯރުކޮށްދޭ ހިދުމަތުގެ ފެންވަރުވެސް އަންނަނީ ރަނގަޅުވަމުން. މި ހިދުމަތުގައި ޔޫވީ ވެހިކަލްތައް ބޭނުންކުރެވޭ. އެެވެސް ޓެކްސީ ނިޒާމަށް ގެނެވުނު ބަލަލެއް. ދެން މިއާ އެއްކޮށް ޓެކްސީ އެސޯސިއޭޝަނާ އެއްކޮށް އެ ބޭފުޅުންގެ ހުރި ކަންބޮޑުވުންތަކށް އެޑްރެސްކުރަން،" ސައީދު ވިދާޅުވިއެވެ. 

ވަޒީރު އިތުރަށް ވިދާޅުވީ އެ ހިދުމަތް ފޯރުކޮށްދިނުމަށް ތައްޔާރުކޮށްފައިވާ އެޕްލިކޭޝަނަށް މިހާރު އެޕަލް ސްޓޯރުން އެޕްރޫވަލް ލިބިފައިވާ ކަމަށެވެ. އަދި އެންޑްރޮއިޑް ފޯނުތަކުގައި ބޭނުންކުރުމަށް އެ އެޕްލިކޭޝަން ޕްލޭ ސްޓޯރުގައި ހިމެނުމުގެ މަސައްކަަތްވެސް ކުރިއަށްދާކަން ފާހަގަކުރައްވަމުން ސައީދު ވިދާޅުވީ މިހަފުތާ ނުވަތަ އަންނަ ހަފުތާގައި އެ އެޕްލިކޭޝަން ލޯންޗުކުރެވިގެންދާނެ ކަމަށެވެ. 

ކިޔުންތެރިންގެ ހިޔާލު