ENGLISH
07 މޭ 2026
ޑޮލަރުގެ މުއާމަލާތްތައް އިތުރުވީ ބޮޑުތަނުން ވިޔަފާރިތައް ކުރިއެރުމުން: ސައީދު
07 މޭ 2026
|
އިގުތިސާދީ ތަރައްގީއާއި ވިޔަފާރިއާ ބެހޭ ވަޒީރު މުހައްމަދު ސައީދު
އެންމެ މަޤްބޫލު
ބޭންކް އޮފް މޯލްޑިވްސްއިން އާއްމުކޮށްފައިވާ ޑޮލަރުގެ މުއާމަލާތްތަކުގެ ހިސާބުތަކަށް ބަލާއިރު އެ މުއާމަލާތްތައް މި އަހަރު ކުރީ އަހަރަށްވުރެ އެތައް ގުނައެއް އިތުރުވެފައި އޮތް ސަބަބަކީ ރާއްޖޭގެ ވިޔަފާރިތައް އިހުނަށްވުރެ ބޮޑުތަނުން ފުޅާވުންކަމަށް އިގުތިސާދީ ތަރައްގީއާއި ވިޔަފާަރިއާ ބެހޭ ވަޒީރު މުހައްމަދު ސައީދު ވިދާޅުވެއްޖެއެވެ.
ވުޒާރާގެ މަސައްކަތްތަކުގެ އަދާހަމަ މައުލޫމާތު ހިއްސާކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ކުރިއަށްގެންދިޔަ ނޫސްވެރިންގެ ބައްދަލުވުމުގައި ނޫސްވެރިޔަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން ސައީދު ވިދާޅުވީ 2025 ވަނަ އަހަރު ވިޔަފާރިތަކުން ޓީޓީ ހެދުމަށް 175 މިލިއަން ޑޮލަރަށް އަރާ ކަމަށެވެ. ނަމަވެސް މި އަހަރުގެ އޭޕްރީލު މަހުގެ ނިޔަލަށް 136 މިލިއަން ޑޮލަރު ޓީޓީ ހެދުމަށް ދޫކޮށްފައިވާކަމަށާއި، އެވެރެޖުކޮށް މަހެއްގެ މައްޗަށް ޓީޓީ ހެދުމަށް ދޫކުރި އަދަދު ދެގުނަ އިތުރުވެފައިވާކަމަށް ސައީދު ވިދާޅުވިއެވެ.
އޭޕްރީލާ ހަމައަށް ބީއެމްއެލްއިން ޓީޓީއަށް ދޫކުރި ޑޮލަރުގެ ތަފުސީލު
ޖަނަވަރީ މަސް: 10،838 ޓީޓީއަށް ޖުމްލަ 35 މިލިއަން ޑޮލަރު
ފެބްރުއަރީ މަސް: 10،501 ޓީޓީއަށް ޖުމްލަ 34 މިލިއަން ޑޮލަރު
މާޗު މަސް: 10،600 ޓީޓީއަށް 36 މިލިއަން ޑޮލަރު
އޭޕްރީލު މަސް: 8،955 ޓީޓީއަށް 30 މިލިއަންް ޑޮލަރު
ބީއެމްއެލްއިން ދޫކޮށްފައިވާ ދިވެހި ރުފިޔާ ޑެބިޓު ކާޑުތަކާއި ކްރެޑިޓު ކާޑުތަކުގެ މުއާމަލާތްތަކަށް 2025 ވަނަ 390 މިލިއަން ޑޮލަރު ދޫކުރިއިރު މި އަހަރުގެ އޭޕްރީލު މަހުގެ ނިޔަލަށް އެ މުއާމަލާތްތަކަށް 160 މިލިއަން ޑޮލަރު ބޭންކުން ދޫކުރިކަން ސައީދު ފާހަގަކުރެއްވިއެވެ.
"އެހެންވީމާ ކުރިއަށްވުރެ މުއާމަލާތްތަކެއް އިތުރުވެފައި ނޫންތޯ މިއޮތީ؟ އޭގެ މާނައަކީ ވިޔަފާރިތައް އިތުރުވާތީއޭ އެހެންވީމާ. އޭގެ މާނައަކީ ވިޔަފާރިތައް ކުރިއަރަނީ ޑޮލަރުގެ މުއާމަލާތްތައް އިތުރުވަނީ ޑޮލަރު ބޭނުންވާ މިންވަރު އިތުރުވަނީ،" ސައީދު ވިދާޅުވިއެވެ.
ބީއެމްއެލްއިން ފާހަގަކުރި ގޮތުގައި އެ ބޭންކަށް ގަންނަން ލިބޭ ޑޮލަރަށްވުރެ ގިނަ ޑޮލަރު އެ ބޭންކުން އަންނަނީ ހިދުމަތް ދިނުމަށް ދޫކުރަމުންނެވެ. ދެމެހެއްޓެނެވި ގޮތެއްގައި އާއްމު ޒަރޫރީ ބޭނުންތަކާއި ފަރުދުންގެ ހަގީގީ ބޭނުންތަކަށް ޑޮލަރު ދޫކުރެވޭކަން ކަށަވަރުކުރުމަށް ބީއެމްއެލްއިންވަނީ ހާއްސަ ފިޔަވަޅުތަކެއް އަޅާފައެވެ.
އެގޮތުން ބީއެމްއެލްގެ ދިވެހި ރުފިޔާ ކާޑުތައް ބޭނުންކޮށްގެން ބޭރުގައި މުއާމަލާތްކުރަނީ ކާޑުގެ ވެރިފަރާތްކަން ކަށަވަރުކުރުމަށް އިމިގްރޭޝަނާ ގުޅިގެން ކާޑަކުން މުއާމަލާތްކުރާއިރު އެ ކާޑުގެ ވެރި މީހާ ހުރީ ރާއްޖެއިން ބޭރުގައިކަން ކަށަވަރުކުރެވޭނެ އިންތިޒާމު ގާއިމުކޮށްފައިވެއެވެ.