ENGLISH
07 މޭ 2026
އިންވެސްޓުމެންޓު ފޯރަމުގެ ތެރެއިން ރާއްޖޭގައި ހުރި ވިޔަފާާރި ފުރުސަތުތަކުގެ ތަފުުސީލުތައް ބުނެދެވޭ: ސައީދު
07 މޭ 2026
|
ސްރީލަންކާގައި ކުރިއަށްގެންދިޔަ ވިޔަފާރި ފޯރަމުގެ ތެރެއިން، ފޮޓޯ: ރައީސް އޮފީސް
އެންމެ މަޤްބޫލު
ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ރާއްޖެއިން ބޭރަށް ކުރައްވާ ދަތުރުފުޅުތަކުގެ ތެރެއިން އެކި ގައުމުތަކުގައި ކުރިއަށްގެންދަވާ އިންވެސްޓުމެންޓު ފޯރަމުތަކުގެ ތެރެއިން ރާއްޖޭގައި ހުރި ވިޔަފާރި ފުރުސަތުތަކާ ގުޅޭ ތަފުސީލު މައުލޫމާަތުތައް ހިއްސާކުރެވޭކަމަށް އިގުތިސާދީ ތަރައްގީއާއި ވިޔަފާރިއާ ބެހޭ ވަޒީރު މުހައްމަދު ސައީދު ވިދާޅުވެއްޖެއެވެ.
މިއަދު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ކުރިއަށްގެންދިޔަ ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް ސްރީލަންކާއަށް ކުރެއްވި ފުރަމާނަ ދަތުރުފުޅުގައި އެ ގައުމުގައި ބޭއްވި އިންވެސްޓުމެންޓު ފޯރަމާ ގުޅޭ ގޮތުން ނޫސްވެރިޔަކު ކުރި ސުވާލަށް ޖަވާބުދެއްވަމުން ސައީދު ވިދާޅުވީ މިހާރު ރާއްޖޭގެ އެކި ދާއިރާތަކުުގައި އިންވެސްޓުކޮށްފަައިވާ ލަންކާ ވިޔަފާރިވެރިންގެ ތެރެއިން ގިނަ ބަޔަކު މި ފޯރަމުގައި ބައިވެރިވި ކަމަށެވެ.
އަދި ރައީސްގެ ދަތުރުފުޅުތަކުގެ ތެރެއިން މި ފޯރަމު ބޭއްވުމުން ރައީސް ވަޑައިގަންނަވާ ގައުމުގެ ސަރުކާރުންވެސް އެ ފޯރަމަށް ދޭ އަހަންމިއްޔަތުކަން އިތުރުވާ ކަމަށެވެ. އެކަމުގެ ހެއްކެއްގެ ގޮތުގައި ވަޒީރު ފާހަގަކުރެއްވީ ލަންކާގައި ބޭއްވި ފޯރަމުގައި އެ ގައުމުގެ ބޮޑުވަޒީރު ބައިވެރިވެވަޑައިގެން ވަރަށް ތަފުސީލު ތަގުރީރެއްް ދެއްވި ކަމެވެ.
ސައީދު ފާހަގަކުރެއްވި ގޮތުގައި ލަންކާގައި ބޭއްވި ފޯރަމުގައި އަދި ލަންކާއަށް ކުރެއްވި ދަތުރުފުޅުގެ ތެރެއިން ބޭއްވުނު އެކި ހަރަކާތްތަކުގައި ރައީސް ދެއްކެވި ވާހަކަަފުޅުގައި އެންމެ ބޮޑު ސަމާލުކަމެއް ދެއްވި އެއްކަމަކީ ރާއްޖެއާއި ލަންކާގެ ދެމެދުގައި އޮތް ވިޔަފާރީގެ ޑެފިސިޓު ކުޑަކުރުމަށް ލަންކާގައި ވިޔަފާރިކުރުމަށް ދިވެހިންނަށް ފުރުސަތު ފަހިކުރުމެވެ. އެކަމަށް ރައީސް ވަކާލާތުކުރައްވައި މަސައްކަތްކުރެއްވިކަން ސައީދު ފާހަގަކުރެއްވިއެވެ.
"އެގޮތުން ސްރީލަންކާގައި އެމަނިކުފާނުގެ ހުރިހާ ވާހަކަފުޅެއްގައިވެސް ވިދާޅުވެފައި އެބައޮތް ރާއްޖޭގެ ވިޔަފާރިތަކަށް ފުރުސަތުތަކެއް ފަހިވުން، ރާއްޖޭގެ ވިޔަފާރިތައް ފުޅާކުރުމަށް ލުއި ގޮތްތަކެއް ހަމަޖެހުން، ރާއްޖޭގެ އެކްސްޕޯޓަށް ފަހި ގޮތްތަކެއް ހަމަޖެހުން، އެކަހަލަ ވާހަކަފުޅުތަކެއް،" ސައީދު ވިދާޅުވިއެވެ.
މިފަދަ ފޯރަމުތަކުގެ މައިގަނޑު ބޭނުމަކީ އިންވެސްޓުމެންޓު މަންޒިލެއްގެ ގޮތުގައި ރާއްޖެ ޕްރޮމޯޓުކުރުންކަން ފާހަގަކުރައްވައި ވަޒީރު ވިދާޅުވީ މި ފޯރަމުތަކުގައި ދައްކާ ޑެސްޓިނޭޝަން ވިޑިޔޯގައި މިހާރު ރާއްޖޭގައި ހިނގަމުންދާ އިގުތިސާދީ ހަރަކާތްތަކާއި ވިޔަފާރި މާހައުލަށް ގެނެވުނު ބަދަލުތަކާއި އިންވެސްޓަރުންނަށް ހުރި އެކި ފުރުސަތުތަކުގެ ތަފުސީލީ މައުލޫމާތުތައް ހިއްސާކުރެވޭ ކަމަށެވެ.
ވަޒީރު ވިދާޅުވި ގޮތުގައި އޭގެ އިތުރަށްވެސް ވަކިވަކިން ވިޔަފާރިވެރިން ރާއްޖޭގެ އިންވެސްޓުމެންޓު މާހައުލާ ގުޅޭ ގޮތުން އުފައްދާ ސުވާލުތަކަށް މި ފޯރަމުތަކުގެ ތެރެއިން ޖަވާބު ލިބެއެވެ. މިސާލެއްގެ ގޮތުން ފާހަގަކުރެއްވީ ރާއްޖޭގައި ލޮޖިސްޓިކްސް ވިޔަފާރިއަކީ ދިވެހިންނަށް އެކަނި ކުރެވޭ ވިޔަފާރިއެއްގެ ގޮތުގައި ހަމެޖެހުނުއިރު އެ ދާއިރާއިން އިންވެސްޓުކޮށްގެން ތިބި ލަންކާ ވިޔަފާރިވެރިން ދެން ކަންކުރަންވީ ގޮތާ ގުޅޭ ގިނަ ސުވާލުތަކެއް ސަރުކާރަށް އަމާޒުވުމާއެކު، އެ ސުވާލުތަކަށް ފޯރަމުގެ ތެރެއިން ޖަވާަބު ދެވުމެވެ.
އޭގެ އިތުރަށް ފަތުރުވެރިކަމުގެ ދާއިރާއިން އަލަށް ހުޅުވައިލެވިފައިވާ ފުރުސަތުތަކާއި، އެ ފުރުސަތުތަކުގެ ތެރެއިން ލިބޭ ލުއިތަކާ ގުޅޭ ތަފުސީލުތައް ހިއްސާކުރާ ގޮތަށް ދަނޑުވެރިކަމާއި މަސްވެރިކަމުގެ ދާއިރާތަކުން އިންވެސްޓުކުރުމަށް ހުރި ފުރުސަތުތަކުގެ ތަފުސީލުވެސް ހިއްސާކުރެވުނުކަން ސައީދު ފާހަގަކުރެއްވިއެވެ.
"އެގޮތުން ބަލާއިރު ވަރަށް ގިނަ ފަރާތްތަކުން ބުންޏޭ ޓޫރިޒަމް ނޫން އެހެން ދާއިރާއެއް ތިމަންނަމެން އިންވެސްޓުމެންޓު ރެޑީ، އިންވެސްޓުކުރެވޭނެ ޑީޓެއިލްއާއެކު ފެނެއޭ. މިސާލަކަށް އެގްރިކަލްޗާ ފިޝަރީޒް މެރިކަލްޗާ މިވާހަކަތައް އަބަދުވެސް ދައްކާ. ނަމަވެސް ގޮސް ބޭރު ފަރާތްތަކާ އެންގޭޖުވެގެން ޑީޓެއިލަށް މިއޮތީއޭ ފަޅެއް ނުވަތަ ރަށެއް އިންވެސްޓުކުރަން ލިބޭ ގޮތަކީ ހާލަތަކީ،" ސައީދު ވިދާޅުވިއެވެ.
ސައީދު ވިދާޅުވި ގޮތުގައި މި ފޯރަމުތަކަކީ ވަރަށް ގިނަ މައުލޫމާތުތަކެއް ފޯރުކޮށްދެވޭ ވަރަށް ރަނގަޅު ފޯރަމުތަކެއްކަން މި ފޯރަމުތަކުގައި ބައިވެރިވެވަޑައިގަންނެވި ވިޔަފާރިވެރިންވެސް ގަބޫލުކުރައްވާނެއެވެ.