ENGLISH
06 މޭ 2026
މަޖިލިސް މެންބަރުން ޕާޓީން ވަކިކުރެވޭނެ އިޖުރާއާތު ސިޔާސީ ޕާޓީގެ ގާނޫނުގައި ހިމެނުމަށް އިސްލާހެއް ހުށަހަޅަނީ
06 މޭ 2026
|
ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއްގެ ތެރެއިން
އެންމެ މަޤްބޫލު
ސިޔާސީ ޕާޓީ ބަދަލުކުރުން ހުއްޓުވުމަށް ގާނޫނުއަސާސީއަށް ގެނެސްފައިވާ އިސްލާހުގެ ދަށުން ޕާޓީތަކުން މަޖިލީހުގެ މެންބަރުން ވަކިކުރުމުގެ އިޖުރާއާތު ސިޔާސީ ޕާޓީތަކުގެ ގާނޫނުގައި ހިމެނުމަށް ރައްޔިތުންގެ މަޖިލީހަށް ބިލެއް ހުށަހެޅުއްވުމަށް މަސައްކަތްކުރައްވަމުންދާކަމަށް ބަަންޑާރަނައިބު އަޙްމަދު އުޝާމު ވިދާޅުވެއްޖެއެވެ.
ގާނޫނުއަސާސީއަށް ގެނައި ހަވަނަ އިސްލާހުގެ ދަށުން ރައްޔިތުންގެ މަޖިލީހުގެ މެންބަރަކު ދައުރުގެ ތެރޭގައި ސިޔާސީ ޕާޓީ ބަދަލުކޮށްފިނަމަ ނުވަތަ އަމިއްލަ ގޮތުން ހޮވުނު މެންބަރަކު ސިޔާސީ ޕާޓީއަކާ ގުޅިއްޖެނަމަ އަދި ޕާޓީއެއްގެ ޓިކެޓުގައި އިންތިހާބުވީ މެންބަރަކު އޭނާ ހުރި ޕާޓީން ވަކިކޮށްފިނަމަ މަޖިލީހުގެ މެންބަރުކަމުން ވަކިވާނެއެވެ.
އެ އިސްލާހުގެ ސައްހަކަމާމެދު ސުވާލު އުފައްދަވައި ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓަށް ރައްޔިތުންގެ މަޖިލީހުގެ ކެންދޫ ދާއިރާގެ ކުރީގެ މެންބަރު އަލީ ހުސައިން ހުށަހެޅުއްވި މައްސަލާގައި ކޯޓުން ނިންމާފައިވަނީ އެ އިސްލާހު ބާތިލުކުރަންޖެހޭ ގާނޫނީ ސަބަބެއް ނެތްކަމަަށެވެ.
އެ އިސްލާހު ގެނެވުމާއެކު ޕާޓީތަކުން މަޖިލީހުގެ މެންބަރުން ވަކިކުރުމުން ގޮނޑި ގެއްލޭ ގޮތަށް އޮތުމުން ގިނަ ބަޔަކު ކަންބޮޑުވުން ފާޅުކުރިއެވެ. އެއިރު ސަރުކާރުން ބުނެފައިވަނީ އެ އިސްލާހު އޮތް ގޮތުން މެންބަރުން ޕާޓީން ވަކިކުރެވޭނީ އެކަމަށް ހާއްސަ ގާނޫނެއްގެ ދަށުން ކަމަށެވެ. ސުޕްރީމް ކޯޓުގައި ކުރިއަށްދިޔަ މައްސަލާގައިވެސް ދައުލަތުން ވަކާލާތުކރީ ޕާޓީން ވަކިކޮށްގެން މެންބަރެއްގެ ގޮނޑި ގެއްލޭނީ ގާނޫނުގައި ބަޔާންކުރާ އިޖުރާއާތުތަކާ އެއްގޮތަށް އޭނާ ޕާޓީން ވަކިކުރުމުން ކަމަަށެވެ.
މިއަދު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި ބަންޑާރަނައިބު ވިދާޅުވީ ސިޔާސީ ޕާޓީތަކުގެ ގާނޫނަަށް އިސްލާހެއް ހުށަހެޅުމުގެ މަސައްކަތް ބަންޑާރަނައިބުގެ އޮފީހުން މިހާރު ކުރަމުން އަންނަ ކަމަށެވެ.އ އަދި އެ އިސްލާހަކީ ގާނޫނުއަސާސީއަށް އިތުރުކުރެވުނު ޕާޓީ ބަދަލުކުރުން މަނާކުރާ އިސްލާހުގައިވާ ގޮތަށް ޕާޓީން މެންބަރުން ވަކިކުރެވޭނެ އިޖުރާއާތުތައް ބަޔާންކުރުމަށް ގެންނަ އިސްލާހެއް ކަމުގައި އުޝާމު ވިދާޅުވިއެވެ.
"މިފަހުން ގާނޫނުއަަސާސީއަށް ގެނެވުނު އެންޓި-ޑިފެކްޝަަންއާ ގުޅޭ މާއްދާގެ ދަށުން ރައްޔިތުންގެ މަޖިލީހުގެ މެންބަރުން ވަކިކުރާ އިޖުރާއާތު ގާނޫނުގައި ބަޔާންކުރުމަށްޓަކައި ގާނޫނަށް ބަދަލުތަކެެއް ގެންނަންޖެހޭތީ އެ ބަދަލުދުތައް ގެނައުމަށްޓަަކަައި ސިޔާސީ ޕާޓީތަކުގެ ގާނޫނަށް ގެނެވޭ އިސްލާހެއް،" އުޝާމު ވިދާޅުވިއެވެ.
މިއަދުގެ ނޫސްވެރިންގެ ބައްދަލުވުމުގައި އުޝާމުވަނީ ކުރިއަށް އޮތް ދުވަސްތަކުގައި ސަރުކާރުން މަޖިލީހަށް ހުށަހަޅަން ގަސްތުކުރާ އެކި ބިލުތަކުގެ ތަފުސީލުތައް ހާމަކުރައްވާފައެވެ. އޭގެ ތެރޭގައި ޒާތީ މައުލޫމާތު ރައްކާތެރިކުރުމާ ގުޅޭ ބިލަކާއި ޑިޖިޓަލަައިޒޭޝަނާ ގުޅުންހުރި ތިން ބިލަކާއި، މަރުގެ ހުކުމް ތަންފީޒުކުރުމާ ގުޅޭ ބިލާއި، ނަފުސާނީ ދުޅަހެޔޮކަމާ ގުޅުންހުރި ބިލު ފަދަ މުހިއްމު ގިނަ ބިލުތަކެއް ހިމެނެއެވެ.