ENGLISH

06 މޭ 2026

Advertisement

ގެއްލުނުގެ ކަނޑުގެ ސަރަހައްދު ހޯދުން؛ ބޭރުގެ ލޯޔަރުންނާ މައްސަލަ ހަވާލުކުރުމުގެ މަސައްކަތްދަނީ ކުރިއަށް

06 މޭ 2026

|

ޝިފްޒާން އަޙްމަދު

ބަންޑާރަަނައިބު އަހްމަދު އުޝާމު

ގެއްލުނު ކަނޑުގެ ސަރަހައްދު އަނބުރާ ހޯދުމަށްޓަކައި މިހާރު ކުރެވެމުންދާ މަސައްކަތަކީ އެ މައްސަލަ ބޭރުގެ ގާނޫނީ ވަކީލުންގެ ޓީމަކާ ހަވާލުުކުރުންކަމަށް ބަންޑާރަނައިބު އަޙްމަދު އުޝާމު ވިދާޅުވެއްޖެއެވެ. 

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި މިއަދު ކުރިއަށްގެންދިޔަ ނޫސްވެރިންގެ ބައްދަލުވުމުގައި ކަނޑުން ގެއްލުނު ސަރަހައްދު އަލުން ހޯދުމުގެ މަސައްކަތާ ގުޅޭ ގޮތުން ނޫސްވެރިޔަކު ކުރި ސުވާލަށް ޖަވާބުދެއްވަމުން އުޝާމު ވިދާޅުވީ އެ މައްސަލާގައި މި ސަރުކާރުން ގިނަ މަސައްކަތްތަކެއް ކޮށްފައިވާ ކަމަށެވެ. 

އުޝާމު ވިދާޅުވި ގޮތުގައި އެ މައްސަލަ ދިރާސާކުރުމަށް ރާއްޖެއާއި ރާއްޖެއިން ބޭރުގެ ތަޖުރިބާކާރު ހަބީރުންގެ ޓީމަކާ ހަވާލުކުރެވި އެ ޓީމުން އެ މައްސަލަ ވަރަށް ފުންކޮށް ދިރާސާކޮށް ރިޕޯޓެއް ތައްޔާރުކޮށް އެ ރިޕޯޓު ސަރުކާރަށް ހުށަހަޅާފައިވެއެެވެ. ހަބީރުންގެ ޓީމުން ތައްޔާރުކުރި ރިޕޯޓު ވަޒީރުންގެ މަޖިލީހަށް ހުށަހަޅައި ވަޒީރުންގެ މަޖިލީހުގައި އެ ރިޕޯޓާމެދު މަޝްވަރާކުރައްވާފައިވާކަމަަށް އުޝާމު ވިދާޅުވިއެވެ. 

"ރާއްޖޭގެ އަދި ބޭރުގެ އެކްސްޕާޓުންތަކަކާ މަސައްކަތް ހަވާލުކުރުމަށްފަހު އެ ބޭފުޅުންގެ ރިޕޯޓަށް ކެބިނެޓަށް ހުށަހަޅައި، ކެބިނެޓަށް ރިކޮަމެންޑޭޝަންތަކެއް ހުށަހެޅުއްވި. އެ ރިކޮމެންޑޭޝަންތަކާ އެއްގޮތަށް ކެބިނެޓުން ނިންމުންތަކެއް ނިންމި. އެހެންވީމާ ކެބިނެޓު ޑިސިޝަންތަކާ އެއްގޮތަށް ބައެއް އިންޓަނޭޝަނަލް އެކްސްޕާޓުންނާއި ލޯޔަރުންނާ މަސައްކަތް ހަވާލުކުރުމުގެ މަރުހަލާގައި މިތިބީ،" އުޝާމު ވިދާޅުވިއެވެ. 

އުޝާމު ވިދާޅުވި ގޮތުގައި މިހާރުވެސް ބަންޑާރަނައިބުގެ އޮފީހުގެ ޓީމުތަކުން އަންނަނީ އެ މަސައްކަތް ހަވާލުކުރުމަށް ބޭރުގެ ލޯޔަރުންނާއެކު މަސައްކަތްކުރަމުންނެވެ. އަދި އެ މަސައްކަތާ ގުޅޭ އިތުރު އައު ތަފުސީލުތަކެއް ދެ ހަފުތާއެއްހައި ދުވަސްފަހުން ހާމަކުރެއްވޭނެ ކަމުގައި ވިދާޅުވިއެވެ. 

ރާއްޖޭގެ ކަނޑުން ސަރަހައްދެއް ގެއްލުނީ އެމްޑީޕީގެ ނިމުނު ވެރިކަމުގައި ރާއްޖޭގެ ދެކުނުން އޮތް ކަނޑުގެ ސަރަހައްދާއި ފޯޅަވަހީގެ ކަނޑުގެ ސަރަހައްދާ ފުށުއަރާ ސަރަހައްދުގެ އިން ވަކިކުރުމުގެ މައްސަލަ އިޓްލޯސްއަށް ހުށަހެޅިގެން ކުރިއަށްދަނިކޮށް އެއިރުގެ ރައީސް އިބްރާހީމް މުހައްމަދު ސޯލިހު މޮރިޝަސްގެ ބޮޑުވަޒީރަށް ފޮނުއްވި ސިޓީއެއްގެ ސަބަބުންނެވެ. 

އޭގެ އިތުރަށް އިޓްލޯސްގައި ރާއްޖެއިން ވަކާލާތުކުރިއިރ ރާއްޖެއަށް ފައިދާވާނެ ގޮތަށް ކޯޓުގައި ފާހަަގކުރެވެން ހުރި މުހިއްމު ނުކުތާތައް ރާއްޖެއިން ފާހަގަކޮށްފަައިނުވާކަމަށް ކުރީގެ ބަންޑާރަނައިބު އަދި ކަނޑުތަކުގެ ގާނޫނުގެ ޚަބީރު ޑރ.މުހައްމަދު މުނައްވަރު ވިދާޅުވެފައިވެއެވެ. 

މި މައްސަލައާ ގުޅިގެން ކަން ހިނގައިދިޔަ ގޮތް ބަލައި، ގެއްލުނު ކަނޑުގެ ސަރަހައްދު އަނބުރައި ހޯދުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒުގެ ވައުދުފުޅެކެވެ. ރައީސްގެ މި އަހަރުގެ ރިޔާސީ ބަޔާނުގައި އެކަމުގައި ރާއްޖެއިން ގާނޫނީ ފިޔަވަޅުތައް އަޅާނެކަމާއި، ފޯޅަވަހީގެ މައްޗަަށް ސިޔާދަތީ ދައުވާކުރުމާއެކު އެ ސަރަހައްދު ރާއްޖެއަށް ހޯދުމުގެ މަސައްކަތްވެސް ފައްޓަވާނެ ކަމުގައި ވިދާޅުވިއެވެ. 

އެމަނިކުފާނުވަނީ މިހާރު ފޯޅަަވަހީގެ މައްޗަށް ސިޔާދަތީ ބާރު އޮތް އިނގިރޭސިވިލާތުގެ ސަރުކާރަށް ފޮނުއްވި ސިޓީއެއްގައި އެސަރަހައްދުގެ މައްޗަށް ބާރު އޮތުން އެންމެ ހައްގީ ރާއްޖެއަށްކަން ހާމަކުރެއްވުމާއެކު، މޮރިޝަސްއާ އެ ސަަރަހައްދު ހަވާލުކުރުމުގެ ބަދަލުގައި ރާއްޖެއާ ހަވާލުކުރުމަށް އެދިވަޑައިގެންފައެވެ. 

ކިޔުންތެރިންގެ ހިޔާލު