ENGLISH
06 މޭ 2026
މަރުގެ ހުކުމް ތަންފީޒުކުރާ ބިލު މަޖިލީހުގެ ދެ ވަނަ ދައުރަށް ހުށަހަޅަނީ
06 މޭ 2026
|
ބަންޑާރަ ނައިބު އަހުމަދު އުޝާމް މީގެކުރިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި.
އެންމެ މަޤްބޫލު
މަރުގެ ހުކުމް ތަންފީޒުކުރުމާ ގުޅޭ ބިލު ރައްޔިތުންގެ މަޖިލީހުގެ ދެ ވަނަ ދައުރަށް ހުށަހަޅަން ތައްޔާރުވަމުން އަންނަކަމަށް ބަންޑާރަ ނައިބު އަހުމަދު އުޝާމް ވިދާޅުވެއްޖެ އެވެ.
ބަންޑާރަނައިބު މިފަދައިން ވިދާޅުވީ މިއަދު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ކުރިއަށްގެންދިޔަ ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން ނެވެ.
މަރުގެ ހުކުމް ތަންފީޒުކުރުމާ ގުޅޭ ބިލެއް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅުއްވައި އެ ބިލު ފާސްވެ ތަސްދީގުކުރެވުމުން މި ސަރުކާރުން މަރުގެ އަދަބު ތަންފީޒުކުރާނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ވިދާޅުވެފައިވެއެވެ. ރައީސް ވިދާޅުވި ގޮތުގައި މަރުގެ އަދަބު ތަންފީޒުކުރުމަކީ ރާއްޖޭގައި އިޖުތިމާއީ އަދާލަތު ގާއިމުކުރުމަށްޓަކައި ކުރަންޖެހޭ އަދި ސައްތައިން ސައްތަ އިސްލާމީ ގައުމެއްގައި ތަންފީޒުނުކޮށް ހިފަހެއްޓިދާނެ ކަމެއް ކަމުގައި އެމަނިކުފާނު ގަބޫލުނުކުރައްވައެވެ. އަދި މަޖިލީހުން ގާނޫނު ފާސްކުރެވުމާއެކު އެ ގާނޫނު ތަންފީޒުކުރުމުގެ މަސައްކަތް ފައްޓަވާނެ ކަމުގައި ރައީސް ވިދާޅުވި އެވެ.
ބަންޑާނައިބު އުޝާމް ވިދާޅުވީ މަރުގެ ހުކުމް ތަންފީޒުކުރެވެން ޖެހޭނީ ރަނގަޅު ގާނޫނީ އޮނިގަނޑެއްގެ ތެރެއިން ކަމަށް ގަބޫލުކުރައްވާކަމަށެވެ. އަދި މިހާރު އޮތް ގާނޫނުގެ ތެރެއިން މަރުގެ ހުކުމް ތަންފީޒުކުރުމަކީ އެންމެ ރަނގަޅު ގޮތް ކަމަށް ގަބޫލުފުޅުނުކުރައްވާކަމަށް ވިދާޅުވި އެވެ. މަސައްކަތް ކުރަމުންދިޔައީ މަރުގެ ހުކުމް ތަންފީޒުކުރާ ބިލުގެ މަސައްކަތް މި ދައުރުގެ ތެރޭގައި މަޖިލީހުގެ ތަޅުމަށް ހުށަހެޅުމަށްކަމަށާއި ނަމަވެސް މިހާރު މި ބިލު މަޖިލީހަށް ހުށަހެޅޭނެކަމަށް ލަފާކުރެވެނީ މިއަހަރުގެ ދެވަނަ ދައުރަށް ކަމަށް އުޝާމް ވިދާޅުވި އެވެ.
"ރައްޔިތުންގެ މަޖިލީހުގެ މި ދައުރު އެބަ ނިމޭ މި މަހު 15 ގައި. ގާތްގަނޑަކަށް ދެ ހަފްތާގެ ޗުއްޓީއަކަށްފަހު ދެން މި ހުޅުވެނީ ޖޫންމަހުގެ އެއްވަނަ ދުވަހު. އަޅުގަނޑު ގަބޫލުކުރަނީ ދެ ވަނަ ދައުރަށް މި ބިލުގެ މަސައްކަތް ނިންމައި މަޖިލީހަށް ހުށަހެޅޭނެކަމަށް. އެ ބިލުގެ ބޮޑު ބައެއް ވާނީ މިހާރު ނިމިފައި،". އޫޝާމް ވިދާޅުވި އެވެ.
އުޝާމް ވިދާޅުވީ މި ބިލު ފަރުމާކުރުމުގައި ބަލަންޖެހޭ ވަރަށް ގިނަ ކަންކަން އެބަހުރިކަމަށާއި ބިލު އެކުލަވާލުމުގައި ދީނީ ގޮތުންވެސް ވަރަށް ގިނަ ކަންކަމަށް ބަލަންޖެހޭކަމަށެވެ.
ރާއްޖޭގައި މަރުގެ ހުކުމް ތަންފީޒުކުރުން ހުއްޓާލުމަށް ރާއްޖެއާއި ބައިނަލްއަގުވާމީ އިންސާނީ ހައްގުތަކަށް މަސައްކަތްކުރާ 10 ޖަމިއްޔާއަކުން ގޮވާލާފައިވާތީ އެކަމަށް އިޝާރާތްކުރައްވަައި ބަންޑާރަ ނައިބު ވިދާޅުވީ މަރުގެ ހުކުމް ތަންފީޒުކުރުމާއި ނުކުރުން އެއީ ލިބޭ އޮޕްޝަނެއް ނޫންކަމަށެވެ. އަދި މަރުގެ ހުކުމް ތަންފީޒުކުރަން ޖެހޭނެކަމަށް ގަބޫލުކުރައްވާކަމަށް ވިދާޅުވި އެވެ.
"ކޯޓުތަކުން ނިންމާ ކޮންމެ ހުކުމަކީ ތަންފީޒުކުރަން ޖެހޭނެ ހުކުމެއް. މި ސަރުކާރުން ނިންމާފައި އޮތީ މަރުގެ ހުކުމް ތަންފީޒުކުރަން. މަރުގެ ހުކުމް ތަންފީޒުކުރުމަށް ގާނޫނީ އިޖުރާއަތުގެ ތެރެއިން ފުރިހަމަ ކުރަންޖެހޭ ކަންކަން އަޅުގަނޑުމެން ފުރިހަމަ ކުރާނަން،". އުޝާމް ވިދާޅުވި އެވެ.
އުޝާމް ވިދާޅުވީ ބަޔަކު ނުރުހުނު ނަމަވެސް އިސްލާމީ ޝަރީއަތް ރާއްޖޭގައި ތަންފީޒުކުރައްވާނެ ކަމަށެވެ.
ރާއްޖޭގައި މަރުގެ ހުކުމް ތަންފީޒުކުރާނީ ރާއްޖޭގައި އަމަލުކުރަމުންދާ ގާނޫނު އަސާސީއާއި އިސްލާމީ ޝަރީއަތުގައި އެކަން އެގޮތަށް ބަޔާންވެފައިވާތީ ކަމަށާއި އެއީ ރައްޔިތުންގެ ތާއީދު ހޯދުމަށް ކުރާ މަސައްކަތެއް ނޫންކަމަށް ދާޚިލީ ސަލާމަތާއި މަސައްކަތްތެރިކަމާއި ފަންނިއްޔާތާ ބެހޭ ވަޒީރު އަލީ އިހުސާނުވެސް ވިދާޅުވެފައި ވެއެވެ.
މަރުގެ ހުކުމް ތަންފީޒުކުރުމާ ދެކޮޅަށް ސަރުކާރަށް ގޮވާލި ޖަމިއްޔާތަކަކީ އެޑްވޮކޭޓްސް ފޯ ހިއުމަން ރައިޓްސް، އެންޓި-ޑެތު ޕެނަލްޓީ އޭޝިއާ ނެޓްވޯކް، ކެޕިޓަލް ޕަނިޝްމަންޓް ޖަސްޓިސް ޕްރޮޖެކްޓް، އީ.ސީ.ޕީ.އެމް: ޓުގެދަރ އެގެއިންސްޓް ދަ ޑެތު ޕެނަލްޓީ، އިންޓަނޭޝަނަލް ފެޑަރޭޝަން ފޯ ހިއުމަން ރައިޓްސް، ހާމް ރިޑަކްޝަން އިންޓަނޭޝަނަލް، ހިއުމަން ރައިޓްސް ވޮޗް، މޯލްޑިވިއަން ޑިމޮކްރެސީ ނެޓްވޯކް، ޕާލަމެންޓޭރިއަންސް ފޯ ގްލޯބަލް އެކްޝަން އަދި ވޯލްޑް ކޯލިޝަން އެގެއިންސްޓް ދަ ޑެތު ޕެނަލްޓީ އެވެ.
ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރާ މީހުން، ނުވަތަ އޭގެ ވިޔަފާރިކުރުމުގެ ކުށް ސާބިތުވާ މީހުންނަށް މަރުގެ އަދަބު ދެވޭގޮތަށް މަސްތުވާތަކެއްޗާ ބެހޭ ގާނޫނަށް ގެނައި އިސްލާހަށް މިދިޔަ މަހުގެ ހަތް ވަނަ ދުވަހުން ފެށިގެން އަންނަނީ އަމަލުކުރަމުން ނެވެ.
ރާއްޖޭގައި އެންމެ ފަހުން މަރުގެ އަދަބު ތަންފީޒުކުރީ 1954 ވަނަ އަހަރުގެ ތެރޭގަ އެވެ.