ENGLISH

06 މޭ 2026

Advertisement

ޒާތީ މައުލޫމާތު ރައްކާތެރިކުރުމާ ގުޅޭ ބިލާއި ޑިޖިޓަލައިޒޭޝަނާ ގުޅޭ ބިލުތައް ވަރަށް އަަވަހަށް މަޖިލީހަށް ފޮނުވާނެ

06 މޭ 2026

|

ޝިފްޒާން އަޙްމަދު

ބަންޑާރަނައިބު އަހްމަދު އުޝާމު، ފޮޓޯ: ރައީސް އޮފީސް

ޒާތީ މައުލޫމާތު ރައްކާތެރިކުރުމާ ގުޅޭ ބިލަކާއި، ޑިޖިޓަލައިޒޭޝަން މަސައްކަތަށް މުހިއްމުވާ ބިލުތަކެއް ހިންގަމުންދާ ދައުރުގެ ތެރޭގައި ރައްޔިތުންގެ މަޖިލީހަށް ފޮނުއްވާނެކަމަށް ބަންޑާރަނައިބު އަޙްމަދު އުޝާމު ވިދާޅުވެއްޖެއެވެ. 

ބަންޑާރަނައިބުގެ އޮފީހުން ކުރަމުންދާ މުހިއްމު މަސައްކަތްތަކާ ގުޅޭ މައުލޫމާތު ހާމަކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި މިއަދު ކުރިއަށްގެންދެވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން އުޝާމު ވިދާޅުވީ މުހިއްމު ބިލުތަކެއް ތައްޔާރުކުރުމުގެ މަސައްކަތް އެ އޮފީހުން ކުރަމުންދާ ކަމަށެވެ. އަދި އެއިން ބައެއް ބިލުތައް ހިނގަމުންދާ ދައުރުގައި މަޖިލީހަށް ހުށަހަޅުއްވާނެ ކަމަށެވެ. 

އެގޮތުން ކުރިއަށް އޮތް ދެތިން ދުވަހުގެ ތެރޭގައި މަޖިލީހަށް ހުށަހަޅުއްވަން ނިންމަވާފައިވާ އެއް ބިލަކީ ޒާތީ މައުލޫމާތު ރައްކާތެރިކުރުމުގެ ބިލު ކަމުގައި އުޝާމު ވިދާޅުވިއެވެ. ޑޭޓާ ޕްރައިވެސީއާ ބެހޭ ބިލުގެ މަސައްކަތް މިހާރު ނިންމާފައިވާކަން ފާހަގަކުރައްވަމުން އުޝާމު ވިދާޅުވި ގޮތުގައި މި ބިލަކީ ރާއްޖެެއިން ބޭރުގެ ތަޖުރިބާކާރުންގެ އެހީތެިރކަމާއި ކަމާ ގުޅުންހުރި ދައުލަތުގެ އިދާރާތަކުގެ މަޝްވަރާއާއި ލަފާ ހޯދައިގެން ފަރުމާކޮށްފަައިވާ ބިލެކެވެ. 

"މިއީ އާއްމު ރައްޔިތުންގެ ޒާތީ މައުލޫމާތު ރައްކާތެރިކުރުމުގެ ގޮތުން ހާމަކަން ބޮޑު އަދި ޖަވާބުދާރީވަނިވި ގޮތެއްގަައި އެ މައުލޫމާތު އެއްކުރުމާއި ޕްރޮސެސްކުރުމުގެ ނިޒާމެއް ގާއިމުކޮށް، ޒާތީ މައުލޫމާތު ނިސްބަތްވާ މީހުންގެ ހައްގުތަކާއި މައުލޫމާތު އެއްކޮށް ޕްރޮސެސްކުރާ ފަރާތްތަކުގެ ޒިންމާތައް ކަނޑައަޅާނެ ބިލެއް ގާނޫނެއް،" އެބިލުގައި ހިމެނޭ މުހިއްމު ކަންކަން ބަޔާންކޮށްދެއްވައި އުޝާމު ވިދާޅުވިއެވެ. 

އެ ބިލުގެ އިތުރަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު އިއުލާނުކުރައްވާފައިވާ ޑިޖިޓަލައިޒޭޝަން މަސައްކަތްތަކާ ގުޅޭ އިތުރު ތިން ބިލެއް މި ދައުރުގެ ތެރޭގައި މަޖިލީހަށް ހުށަހެޅުމަށް މަސައްކަތްކުރައްވަމުންދާކަމަށް ބަންޑާރަނައިބު ވިދާޅުވިއެވެ. އުޝާމު ވިދާޅުވި ގޮތުގައި އެ ބިލުތަކުގެ ތެރޭގައި ސައިބާ ސެކިއުރިޓީއާ ބެހޭ ބިލެއް ހިމެނެއެވެ. 

ސައިބާ ސެކިއުރިޓީގެ ބިލަކީ ސައިބާ ވެށީގެ ރައްކާތެރިކަން ކަށަވަރުކޮށް، ދައުލަތާއި އަމިއްލަ ދާއިރާގައި ހިމެނޭ މުހިއްމު އުމްރާނީ ވަސީލަތްތަކުގެ އިންފޮމޭޝަން ސިސްޓަމްތަކުގައި ފުރިހަމަވާންޖެހޭ ކަންކަން ކަނޑައަޅަައި، ދާހިލީ އަދި ބޯޑަރު ހުރަސްކޮށް ހިންގާ ސައިބާ ކުށްތައް ހުއްޓުވައި ރައްކާތެރިކަން ކަށަވުރުކުރުމުގެ އުސޫލުތައް ކަނޑައެޅުމެވެ. 

"މިބިލުގެ ދަށުން ސައިބާ ސެކިއުރިޓީ އެޖެންސީއެއް ގާއިމުކުރެވިގެންދާނެ. އަދި ހަމައެއާއެކު ކްރިޓިކަލް އިންފޮމޭޝަން އިންފްރަސްޓްރަކްޗާ ކަނޑައެޅުމާއި، އޭގެ ދާއިރާތަކަކީ ކޮބައިކަމާއި، އެ ދާއިރާތަކުގައި ފުރިހަމަވާންޖެހޭނެ ސަލާމަތީ އަދި ރައްކާތެރިކަމުގެ މިންގަނޑުތަކަކީ ކޮބައިކަން މި ބިލުގައި ކަނޑައެޅިގެންދާނެ،" އުޝާމު ވިދާޅުވިއެވެ. 

އުޝާމު ވިދާޅުވި ގޮތުގައި މޯލްޑިވްސް 2.0 ބިލު ނުވަތަ ރާއްޖެއަަށް ޑިޖިޓަލައިޒޭޝަންގެ ބޮޑު ބަދަލުގެނައުމާ ގުޅޭ ބިލެއްވެސް މަޖިލީހަށް ހުށަހެޅޭނެއެވެ. އެ ބިލުގެ ދަށުން މޯލްޑިވްސް ޑިޖިޓަލް ސާވިސް ގާއިމުކުރެވި، މޯލްޑިވްސް ޑޭޓާ އެކްސްޗޭންޖު އުފެދިގެންދާއިރު ޑިޖިޓަލް ޓްރާންސްފޯމޭޝަނާ ގުޅޭ ގިނަ ކަަންތައްތަކެއް ހިމެނިގެންދާނެއެވެ. 

މި ބިލުތަކުގެ އިތުރަށް ޑިޖިޓަލް އައިޑެންޓިޓީއާ ގުޅުންހުރި އުސޫލުތައް ބަޔާންކުރާ ބިލެއްގެ މަސައްކަތްވެސް ކުރެވި މި ދައުރުގެ ތެރޭގައި މަޖިލީހަށް ހުށަހެޅިގެންދާނެ ކަމުގައި ބަންޑާރަނައިބު ވިދާޅުވިއެވެ. 

ކިޔުންތެރިންގެ ހިޔާލު