ENGLISH

06 މޭ 2026

Advertisement

އެފްއޭއެމްގެ ފުޓްސަލް ލީގު މުޅި ރާއްޖެއަށް ފުޅާކޮށް، ބައިވެރިވާން ހުޅުވާލަނީ

06 މޭ 2026

|

މުޙައްމަދު އަދުހަމް

ސާފް ފުޓްސަލް ޗެމްޕިއަންޝިޕްގެ ފުރަތަމަ މުބާރާތުގެ ތަށި ހޯދީ ރާއްޖޭގެ ފިރިހެން ފުޓްސަލް ޓީމުގެ ކުޅުންތެރިން.

"އެފްއޭއެމް ފުޓްސަލް ޗެމްޕިއަންޝިޕް" ގެ ނަމުގައި މުބާރާތެއް ބޭއްވުމަށް ނިންމައި، ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލާނެ ކަމަށް ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިން ބުނެފިއެވެ.

މީސް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައި، އެފްއޭއެމްގެ ރައީސް އަހުމަދު ޠާރިޤު ވިދާޅުވީ، ކުރިއަށް އޮތް ހަފްތާއެއްހާ ދުވަހުގެ ތެރޭގައި އެފްއޭއެމުން ފުޓްސަލް ޗެމްޕިއަންޝިޕްގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލާނެ ކަމަށެވެ.

ކުރީން ވެސް އިޢުލާންކޮށްފައިވާ ގޮތަށް، ފުޓްސަލް މުބާރާތް ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވަނީ މުޅި ރާއްޖޭގެ ހުރިހާ ކަންކޮޅުތަކަށް ހުޅުވާލައިގެން ހަތަރު ރީޖަނަކަށް ބަހާލައިގެން ކަމަށް ޠާރިޤު ވިދާޅުވިއެވެ. ޠާރިޤު ވިދާޅުވީ، މި މުބާރާތުގެ ޛަރިއްޔާއިން ރާއްޖޭގެ ކޮންމެ ރަށެއްގެ ކުޅުންތެރިއަކަށް ވެސް ޤައުމީ ފެންވަރުގައި އެ ކުޅުންތެރިއެއްގެ ހުނަރު ދައްކާލުމަށް ފުރުޞަތު ލިބިގެންދާނެ ކަމަށެވެ.

މީގެއިތުރުން، މިއީ ޤައުމީ ޓީމުން ޖާގަ ހޯދުމަށް އުންމީދުކުރާ ޒުވާން ކުޅުންތެރިން އެ އަމާޒަށް ވާސިލްވުމަށް ކުރާ ދަތުރުގައި ކުރިމަގަށް އެޅޭ މުހިންމު ފިޔަވަޅެއް ކަމަށާއި، މި މުބާރާތުގެ ސަބަބުން އެފަދަ ކުޅުންތެރިންނަށް ސާފް ފުޓްސަލް ޗެމްޕިއަންޝިޕްގައި ރާއްޖެ ތަމްސީލުކޮށް، ކާމިޔާބީ ހޯދުމަށް ފުރުޞަތު ފަހިވެގެންދާނެ ކަމަށް ވެސް ޠާރިޤު ވިދާޅުވިއެވެ.

އެފްއޭއެމް އިން ބުނީ، މި ފުޓްސަލް މުބާރާތަކީ މިހާރު ކުރިއަށްގެންދާ ރީޖަނަލް ފުޓްބޯލަ ލީގުގެ ފޯމެޓަށް މުޅި ރާއްޖެއަށް ހުޅުވާލައިގެން ބާއްވާ ފުޓްސަލްގެ މިފަދަ ފުރަތަމަ މުބާރާތް ކަމަށެވެ. މި މުބާރާތުގެ ސަބަބުން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ތިބި ހުނަރުވެރި ކުޅުންތެރިންނަށް އެ ފަރާތްތަކުގެ ހުނަރާއި ކުޅަދާނަކަން ދައްކާލުމަށް ހަމަހަމަ ފުރުޞަތުތަކެއް ލިބި، ބައިނަލްއަގުވާމީ މައިދާނުގައި ރާއްޖެ ތަމްސީލުކުރުމުގެ މަގު ފަހިވެގެންދާނެ ކަމަށް އެފްއޭއެމުން ޤަބޫލުކުރެއެވެ.

ކިޔުންތެރިންގެ ހިޔާލު