ENGLISH

06 މޭ 2026

Advertisement

ފިލިޕޯ ގްރާންދީ: އިންސާނިއްޔަތުގެ ހައްގުގައި ވަކާލާތުކުރާތާ 40 އަހަރު

06 މޭ 2026

|

އައިޝަތު ޝާލީން

ފިލިޕޯ ގްރާންދީ 2025 ވަނަ އަހަރު ކޮންގޯގައި ތިބި ރެފިއުޖީންނަށް ޒިޔާރަތްކުރެއްވުމުގެ ތެރެއިން -- ފޮޓޯ: ޔޫއެންއެޗްއާރްސީ

މިއަދު ދުނިޔޭގެ ހާލަތަށް ބަލައިލާއިރު ފެނިގެންދަނީ މޫސުމީ ބަދަލުތަކާއި، ހަނގުރާމަތަކުގެ ސަބަބުން އެތައް މިލިއަން ބަޔަކު އެމީހުން ދިރިއުޅެމުންދާ ތަން ދޫކޮށް އެހެން ތަންތަނަށް ދިއުމަށް މަޖުބޫރުވެފައިވާ މަންޒަރެވެ. މިއީ އިންސާނިއްޔަތަށް ދިމާވެފައިވާ އެންމެ ބޮޑު އެއް ގޮންޖެހުމަށް ވާއިރު މިކަމުގެ ތެރޭގައި އެންމެ ހަރަކާތްތެރިކޮށް އުޅެމުންދާ އެކަކީ އދ. ގެ އިންސާނީ ކަންކަމަށް ޚާއްސަ ޔޫ.އެން.އެޗް.އާރް.ސީގެ ކޮމިޝަނަރު ފިލިޕޯ ގްރާންދީއެވެ.

ގްރާންދީ މިއަދު އިންސާނީ ހައްގުތަކާބެހޭ ކޮމިޝަނުގެ އެންމެ މަތީ މަގާމުގައި ހުރި ނަމަވެސް އޭނާގެ އިންސާނީ ހައްގުތައް އަދި ޑިޕްލޮމެސީގެ ދާއިރާގެ މަސައްކަތްތައް ފެށުނީ މީގެ 40 އަހަރު ކުރިން 1984 ވަނަ އަހަރު ވޮލެންޓިއަރެއްގެ ގޮތުގައި މަސައްކަތް ކުރުމުގެ ތެރެއިންނެވެ. މިއަދު އޭނާގެ ޒިންމާތަކުގެ ތެރޭގައި ރެފިއުޖީންގެ ކަންކަން ބެލެހެއްޓުމާއި އެމީހުންނަށް ފޯރުކޮށްދޭންޖެހޭ ސަޕޯޓު ދިނުން ހިމެނެއެވެ. އެކި ސަބަބުތަކާއިހުރެ ދިރިއުޅެމުން ފަސްގަނޑު ދޫކޮށް ދާންޖެހިފައިވާ މީހުންގެ އަދަދު މިއަދު އިންތިހާއަށް އިތުރުވަމުންދާއިރު، މިކަމުން އޭނާގެ މަސައްކަތުގައި ދިމާވާ ގޮންޖެހުންތައް ދަނީ ހައްތަހާ އިތުރުވަމުންނެވެ. 

ގްރާންދީގެ އިންސާނީ ހައްގުތަކުގެ ދާއިރާގެ މަސައްކަތްތަކުގައި އޭނާ ވަނީ ހަނގުރާމައާއި ހަމަނުޖެހުން ކުރިމަތިވެފައިވާ އެތައް ހިސާބެއްގައި މަސައްކަތްކޮށްފައެވެ. މީގެ ތެރޭގައި އަފްޣާނިސްތާން، ސީރިއާ އަދި އެފްރިކާ ސަރަހައްދު ހިމެނެއެވެ. އޭނާގެ މަސައްކަތަކީ ހަމައެކަނި އެމީހުންނަށް ބޭނުންވާ އެހީ ފޯރުކޮށްދިނުމެއް ނޫނެވެ. އޭނާއަކީ މިފަދަ ހާލަތްތަކުގައި އަސަރުކޮށްފައިވާ މީހުންގެ ހައްގުގައި ނެގޯޝިއޭޝަންތަކުގައިވެސް ބައިވެރިވާ މީހެކެވެ.

މިގޮތުން މި ދާއިރާއިން އެތައް އަހަރެއްގެ ތަޖުރިބާއެއް އޭނާއަށް ލިބިފައިވާއިރު ޔޫ.އެން.ޗް.އާރު.ސީއިން އޭނާގެ ބެލުމުގެ ދަށުން ދަނީ މިވަގުތުވެސް ހަނގުރާމަ އަދި ހަމަޖެނުޖެހުމުގެ އަސަރު ކޮށްފައިވާ އެތައް ސަރަހައްދެއް މޮނީޓަރކޮށް އެމީހުންނަށް ބޭނުންވާ އެހީއާއި ސަޕޯޓު ފޯރުކޮށްދެމުންނެވެ. މީގެ ތެރޭގައި ސުދާން، ޔޫކްރެއިން އަދި ޣައްޒާ ހިމެނޭއިރު، މި ތަންތަނުގައި މިހާރު ކުރިއަށްދާ ހަމަނުޖެހުންތަކުގެ ސަބަބުން ރެފިއުޖީންގެ މައްސަލަ އަނެއްކާވެސް ވަނީ އިންތިހާއަށް ބޮޑުވެފައެވެ.  

މި ހާލަތު އިތުރަށް ގޯސް ވެދާނެ ކަމަށް ލަފާކޮށް ހަނގުރާމަތަކުގެ ސަބަބުން ހާލުގައި ޖެހޭ މީހުންގެ މައްސަލައަށް ދާއިމީ ހައްލެއް ހޯދުމަށް ދުނިޔޭގެ ޤައުމުތަކުން ގުޅިގެން މަސައްކަތްކުރުމަށް ގްރާންދީ ވަނީ މީގެ ކުރިންވެސް ގޮވާލާފައެވެ. އޭނާ ވަނީ މިއީ ހަމައެކަނި އެހީ ފޯރުކޮށްދިނުމާ ހިސާބުން ނިމޭ ކަމެއް ނޫން ކަމާއި، މިކަމަށް ގައުމުތަކުން ގުޅިގެން އަސްލު މައްސަލަ ދެނެގަނެ ދާއިމީ ހައްލެއް ގެންނަން މަސައްކަތްކުރަންޖެހޭކަން ތަކުރާރުކޮށްފައެވެ.

އޭނާ ފާހަގަކުރާ ގޮތުގައި މިކަމުގައި ދިމާވާ އެންމެ ބޮޑު ގޮންޖެހުމަކީ އިންސާނީ އެހީ ބޭނުންވާ މީހުންގެ އަދަދު އިތުރުވާ މިންވަރަށް ބަލައި މިކަމަށް ބޭނުންވާ ފަންޑު ނުލިބުމެވެ. މިކަމުގެ ސަބަބުން ހާލުގައި ޖެހި، އެހީ ބޭނުންވާ އެތައް ބަޔަކަށް އެހީ ފޯރުކޮށްނުދެވޭ ހާލަތު ދިމާވާކަން އޭނާ ފާހަގަކުރެއެވެ. 

ގޮންޖެހުންތައް ދިމާވި ނަމަވެސް ގްރާންދީ ކެރި ހުރެ ދަނީ ހަނގުރާމަތަކުގެ ސަބަބުން ހާލުގައި ޖެހޭ މީހުންގެ ހައްގުގައި ވަކާލާތުކޮށް، އެމީހުންނަށް އެތަން ދޫކޮށް ދިޔުމުގައި ސަރުކާރުތަކުން ފޯރުކޮށްދޭންޖެހޭ ރައްކާތެރިކަން ފޯރުކޮށްދިނުމަށް ގޮވާލަމުންނެވެ. 

އޭނާ ތަކުރާރުކޮށް ދަނީ މިގޮތަށް ހާލުގައި ޖެހޭ މީހުންގެ މައްސަލައަކީ ޖީލުތަކަށް އަދި ގައުމުތަކަށްވެސް އޭގެ ސަބަބުން އަސަރު ކުރާނެ ކަމެއްކަން ބުނެދެމުންނެވެ. އަދި އޭނާގެ މަސައްކަތުން ހަނގުރާމަތަކުގައި ހުރިހާ އެއްޗެއް ގެއްލި އުޅޭތަން ދޫކޮށް ދާންޖެހޭ މީހުންނަށްވެސް އެމީހުންގެ ހައްގުތަކެއް ވާކަން ހަނދާންކޮށްދެއެވެ.

ކިޔުންތެރިންގެ ހިޔާލު