ENGLISH

06 މޭ 2026

Advertisement

ވައިބާއިން ލިންކެއް ފޮނުވައި އެކައުންޓުން ބައިލައްކަ ރުފިޔާ ނެގުމުގެ ތުހުމަތު؛ ހައްޔަރުކޮށް 15 ދުވަހަށް ބަންދު

06 މޭ 2026

|

ފާތުމަތު އަދާ

ވައިބާ މެދުވައިކޮށް ލިންކެއް ފޮނުވައިގެން މީހެއްގެ އެކައުންޓުން ބައިލައްކަ ރުފިޔާ މަކަރާއި ހީލަތުން ހޯދިކަމުގެ ތުހުމަތުގައި މީހަކު ހައްޔަރުކޮށް 15 ދުވަހަށް ބަންދުކޮށްފިއެވެ. 

ފުލުހުން މިއަދު އެކްސް ގައި ކުރި ޕޯސްޓުގައި ބުނީ މި މައްސަލައާ ގުޅިގެން ހައްޔަރުކުރީ މ. އޮމެގާ / މާލެ، މޫސާ މުޙައްމަދު (38އ) ކަމަށެވެ. އޭނާ ހައްޔަރުކޮށްފައި ވަނީ މި މެއި މަހުގެ 2 ވަނަ ދުވަހުއެވެ.

މި މައްސަލާގައި ފުލުހުން ހާމަކުރި މައުލޫމާތަށް ބަލާއިރު މޫސާ މުހައްމަދު މި މައްސަލާގައި ޝިކާރައަކަށްވީ މީހާއާ ގުޅުން ބަދަހި ކުރީ ފޭސްބުކު މެސެންޖާ ބޭނުންކޮށްގެންނެވެ. އޭނާ ވިކްޓިމްއާ ގުޅުން ބަދަހިކުރަން ފެށީ އޭޕްރީލު މަހުގެ 24 ވަނަ ދުވަހުއެވެ. 

އެއަށްފަހު މޫސާ މުހައްމަދުވަނީ އެމީހާއަށް ވައިބާ މެދުވެރިކޮށް ލިންކެއް ފޮނުވާފައެވެ. އެލިންކު ހުޅުވުމާއެކު ވިކްޓިމުގެ ފޯނު ރީސެޓުވިއެވެ. އަދި އޭނާގެ އެކައުންޓުގައި ހުރި 50،000 ރުފިޔާ އެކައުންޓުން ކެނޑުނެވެ. އެ ފައިސާ ޖަމާވީ މޫސާ މުހައްމަދުގެ ނަމުގައިވާ އެކައުންޓަކަށް ކަމުގައި ފުލުހުން ބުނެފައިވެއެވެ. 

އެ މައްސަލައާ ގުޅިގެން ހައްޔަރުކުރުމަށްފަހު މޫސާ މުހައްމަދުގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން 15 ދުވަސް ބަންދުގައި ބެހެއްޓުމަށް ކޯޓުންވަނީ އަމުރުކޮށްފައެވެ. 

މިކަހަލަ ސްކޭމުތަކާއި އޮޅުވާލައިގެން ފައިސާ ހޯދުމުގެ މުއާމަލާތްތަކުން ރައްކާތެރިވުމަށްޓަކައި، ނުދަންނަ މީހުން އެކި މަންސަތަކުގެ ޒަރީއާއިން ފޮނުވާ ލިންކުތައް ނުހުޅުވުމަށް ފުލުހުން އަބަަދުވެސް އަންނަނީ އިލްތިމާސްކުރަމުންނެވެ. 

ކިޔުންތެރިންގެ ހިޔާލު