ENGLISH
06 މޭ 2026
ލަންކާއަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވައިލެއްވުމަށްފު ރައީސްގެ ދެކަނބަލުން މާލެއަށް ވަޑައިގެންފި
06 މޭ 2026
|
ސްރީލަންކާއަށް ކުރެއްވި ދަތުރުފުޅަށްފަހު ރައީސްގެ ދެކަނބަލުން މިއަދު ރާއްޖެ ވަޑައިގެންފި
އެންމެ މަޤްބޫލު
ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒުގެ ދެމަފިރިކަނބަލުން އަވައްޓެރި ސްރީލަންކާއަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވައިލެއްވުމަށްފަހު މާލެއަށް ވަޑައިގެންފިއެވެ.
ލަންކާގެ ރައީސް އަނޫރާ ކުމާރާ ޑިސަނާޔަކެގެ ދައުވަތަކަށް ކުރެއްވި މި ދަތުރުފުޅުގައި އެ ގައުމުގެ ރައީސާއެކު ރަސްމީ މަޝްވަރާތައް ކުރިއަށް ގެންދަވައި އެކި ދާއިރާތަކުން ރާއްޖެއާއި ލަންކާގެ ގުޅުން އިތުރަށް ބަދަހިކޮށް އެއްބާރުލުންދިނުން އިތުރުކުރެވޭނެ ގޮތްތަކާމެދު މަޝްވަރާކުރެއްވިއެވެ. އަދި މަޝްވަރާތަކަށްފަހު ދެ ގައުމުގެ މެދުގައި ހަތް ދާއިރާއަކުން އެއްބާރުލުންދިނުމުގެ އެއްބަސްވުންތައް ގާއިމުކުރެވުނެވެ.
އަރުޝީދުކުރުމުގެ މަސައްކަތްތަކއި ޒުވާނުން ބިނާކުރުމާއި، ސިއްހީ ދާއިރާއާއި ފަތުރުވެރިކަމުގެ ދާއިރާއާއި ހައްދުފަހަނައެޅުން ހުއްޓުވުމާއި، ސްކޫލުތަކަށް ބޭނުންވާ މުދައްރިސުންނާއި ވެރިން ތަމްރީނުކޮށް ފަންނީ ތަޖުރިބާ ފޯރކޮށްދިނުން ފަދަ ދާއިރާތަކުން ރާއްޖެއާއި ލަންކާގެ މެދުގައި ފަހުމުނާމާތަކުގައި ސޮއިކުރެވިގެންދިޔައެވެ.
މި ދަތުރުފުޅުގައި ލަންކާގެ ވެރިންގެ ތެރެއިން ބޮޑުވަޒީރު ޑރ.ހަރިނީ އަމަރަސޫރިޔާއާއި، އެގައުމުގެ ބަރުލަމާނުގެ ރައީސް ޖަގަތު ވިކްރަމަރަތްނައާއި އެގައުމުގެ ހާރިޖީވަޒީރު އެމްޕީ ވިޖިތަ ހޭރަތު ރައީސްގެ އަރިހަށް އިހުތިރާމުގެ ޒިޔާރަތްތައް ކުރައްވައި، ދެ ގައުމުގެ މަސްލަހަތު ހިއްސާވާ ކަންކަމުގައި ގުޅުންބަދަހިކުރުމާމެދު މަޝްވަރާކުރައްވާފައިވެއެވެ.
އަދި މި ދަތުރުފުޅުގެ ތެރެއިން ލަންކާގެ ވިޔަފާރިވެރިންނާއި ދިވެހި ވިޔަފާރިވެރިންނާ މެދު ގުޅުން ބަދަހިކުރުމަށް މަގުފަހިކޮށްދީ، ރާއްޖޭގައި ހުރި އިގުތިސާދީ އަދި ވިޔަފާރީގެ ފުރުސަތުތަކާ ގުޅޭ މައުލޫމާތު ލަންކާގެ ވިޔަފާރިވެރިންނާއި އިންވެސްޓަރުންނާ ހިއްސާކުރުމަށް "މޯލްޑިވްސް-ސްރީލަންކާ ބިޒްނަސް ފޯރަމް" ބޭއްވުނެވެ. އެ ފޯރަމު ޝަރަފުވެރިކޮށްދެއްވައި ދެއްކެވި ވާހަކަފުޅުގައި ރައީސްވަނީ ދެ ގައުމުގެ މެދުގައި ވިޔަފާރީގެ ގުޅުން ބަދަހިކޮށް އެއް ގައުމެއްގެ ވިޔަފާރިވެރިން އަނެއް ގައުމެއްގެ އިގުތިސާދުގައި އިންވެސްޓުކުރުމުގެ މުހިއްމުކަމުގެ މައްޗަށް އަލިއަޅުވައިލައްވާފައެވެ.
އޭގެ އިތުރަށް ރައީސް ބައިވެރިވެވަޑައިގަތް ހަފުލާއެއްގެ ތެރެއިން ލަންކާގައި ދިވެހިރާއްޖޭގެ ދައުލަތުގެ މަސް ކުންފުނި މިފްކޯގެ އުފެއްދުންތައް ލަންކާ ބާޒާރަށް ތައާރަފުކުރެވިފައިވެއެވެ. މިއީ މިފްކޯއިން އުފައްދާ އަގުއެއްކުރި މަހުގެ އުފެއްދުުންތަކަށް ސަރަހައްދީ ބާޒާރު ހޯދުމަށް އެޅުނު މުހިއްމު ފިޔަވަޅެކެވެ.
ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒުއާއި އެމަނިކުފާނުގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދުގެ ޝަރަފުގައި ސްރީލަންކާގެ ރައީސް، އަނޫރާ ކުމާރާ ޑިސަނާޔަކެ ދެއްވި ރަސްމީ ޖާފަތުގައި، ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ބައިވެރިވަޑައިގެންނެވިއެވެ. މީގެ އިތުރުން މިދަތުރުފުޅުގައި ހިމެނިގެން ސްރީލަންކާގެ ޤައުމީ ދާރުލްއާސާރަށާއި، ދިވެހިރާއްޖޭގެ ހައިކޮމިޝަނަށާއި ދިވެހިރާއްޖޭގެ ކަލްޗަރަލް ސެންޓަރަށް ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ވަޑައިގެންނެވިއެވެ.
މި ދަތުރުފުޅުގައި ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދުގެ ރަސްމީ ހަރަކާތްތަކުގައި ހިމެނިގެން ކޮލަމްބޯގައި ހުންނަ ލޭޑީ ރިޖްވޭ ހޮސްޕިޓަލް ފޯރ ޗިލްޑްރަން އަށް ޒިޔާރަތް ކުރެއްވިއެވެ. މި ޒިޔާރަތުގައި ކަށީގެ ޚިދުމަތްތަކާ، އަދި ޕްލާސްޓިކް ސާރޖަރީ ވޯޑާ، ކުޑަކުދިންގެ ވޯޑަށް ވަޑައިގެން، އެތަންތަނުން އެވަގުތު ޚިދުމަތް ހޯއްދަވަމުން ގެންދެވި ފަރާތްތަކާ އެކަމަނާ ބައްދަލު ކުރައްވިއެވެ. އަދި އެކަމަނާ ވަނީ އެ ޤައުމުގެ އަންހެން ވިޔަފާރިވެރިން އިސްނަގައިގެން ކުރިއަށްގެންދާ ވިޔަފާ އުފެއްދުންތައް ދައްކާލާ ގުޑް މާކެޓް އޮފީހަށް ޒިޔާރަތްކުރައްވާ ވިޔަފާރިވެރިންނާ ވެސް ބައްދަލުކުރައްވާފައެވެ. މީގެ އިތުރުން ކޮލަމްބޯގެ މޭޔަރު ކެލީ ބެލްތަޒާ އިންތިޒާމުކުރެއްވި، ސްރީލަންކާގެ ސައިގެ ސަގާފަތް ތަޖުރިބާކުރުމުގެ ޚާއްޞަ ހަފްލާއެއްގައި ވެސް އެކަމަނާ ބައިވެރިވެވަޑައިގެންނެވިއެވެ.
އޭގެ އިތުރަށް ރައީސްގެ ދެކަނބަލުންވަނީ ލަންކާގައި ދިރިއުޅޭ ދިވެހިންނާ ބައްދަލުކުރައްވާފައެވެ. ރައީސްވަަނީ ލަންކާގައި ދިރިއުޅޭ ދިވެހިންގެ ކަންބޮޑުވުންތައް ހައްލުކޮށްދެއްވުމުގެ ގޮތުން ވިސާ ހޯދުމުގައި ދިމާވާ ދަތިތަކަަށް ހައްލުތަކެއް ހޯދުމަށް އެގައުމުގެ ސަރުކާރާއެކު ކުރެވުނު މަޝްވަރާތަކުގެ ތެރެއިން ދާއިމީ ހައްލެއް ލިބޭނެކަމުގެ ޔަގީންކަން އެމަނިކުފާނަށް ލިބިވަޑައިގެންފައިވާކަން ހިއްސާކުރައްވާފައެވެ. އަދި ލަންކާގައި ގައުމީ ބޭންކު ބޭންކް އޮފް މޯލްޑިވްސްގެ ގޮތްޕެއް ހުޅުވުމަށް މަގުފަހިވާނެކަމުގެ އުންމީދީ އިޝާރާތެއް ލިބިވަޑައިގެންފައިވާކަން އިއުލާނުކުރެއްވިއެވެ. ލަންކާގައި ދިރިއުޅޭ ދިވެހިންގެ ކަންބޮޑުވުންތައް އަޑުއައްސަވައި، ސޯސަަންވިލާއަށް އިތުރު ތަރައްގީ ގެނެސްދެއްވާނެ ކަމުގެ ޔަގީންކަން އެމަނިކުފާނު ދެއްވިއެވެ.