ENGLISH
05 މޭ 2026
ޕާޓީތަކުން ގާނޫނާ ހިލާފަށް ހަރަކާތްތައް ހިންގާ ކަމަށް ބުނެ މަޖިލީހަށް ގަރާރެއް
05 މޭ 2026
|
ރައްޔިތުންގެ މަޖިލީހުގެ ހޮޅުދޫ ދާއިރާގެ މެންބަރު އަބްދުއްސައްތާރު މުހައްމަަދު
އެންމެ މަޤްބޫލު
ސިޔާސީ ޕާޓީތަކުން ގާނޫނުއަސާސީ އާއި ގާނޫނާ ހިލާފަށް ހަރަކާތްތައް ހިންގާ ކަަމަށް ތުހުމަތުކޮށް، އެފަދަ ހަރަކާތްތައް ހުއްޓުވަން ގޮވާލައި ސަރުކާރު ހިންގާ ޕީއެންސީގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް ގަރާރެއް ހުށަހަޅައިފި އެވެ.
މި ގަރާރު ހުށަހެޅުއްވީ ރައްޔިތުންގެ މަޖިލީހުގެ ހޮޅުދޫ ދާއިރާގެ މެންބަރު އަބްދުއްސައްތާރު މުހައްމަަދެވެ.
ގަރާރުގައި ވަނީ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީން ކޮންމެ ރައްޔިތަކަށްމެ، ފިކުރުކުރުމާއި ހިޔާލުފާޅުކުރުމާއި ސިޔާސީ ޕާޓީ އުފައްދައި، ހަރަކާތްތެރިވުމުގެ މިނިވަންކަން ލިބިދީ، މި ޙައްޤުތަކަކީ އިސްލާމްދީނުގެ އަސްލުތަކާ އެއްގޮތަށް އަދި އެހެން މީހުންގެ އަބުރާއި ޙައްޤުތަކަށް އިޙްތިރާމްކޮށް، ޤައުމީ މަސްލަހަތު އިސްކޮށްގެން ބޭނުންކުރަންޖެހޭ ޙައްޤުތަކެއް ކަން ބަޔާންކޮށްފައިވާކަމަށެވެ.
މި ގަރާރު ހުށަހެޅުމުގެ ބޭނުމެއްކަމަށް ބުނެފައިވަނީ ސިޔާސީ ޕާޓީތަކުން، ޤާނޫނާ ޚިލާފަށް ހިންގާ ހަރަކާތްތަކުގެ ސަބަބުން ރައްޔިތުންނަށް ދަތިތަކާ ކުރިމަތިވެ، މުޖުތަމައުގެ އަމަންއަމާންކަން ގެއްލެމުންދާތީ، އެފަދަ ކަންކަން ހުއްޓުވައި އެފަދަ ޢަމަލުތައް ހިންގާ ފަރާތްތަކަށް ޤާނޫނީ ފިޔަވަޅު އެޅުމާއިމެދު، ރައްޔިތުންގެ މަޖިލީހުގެ މެންބަރުން ދެކެވަޑައިގަންނަވާ ގޮތެއް ބެލުމަށާއި އެފަދަ މައްސަލަތައް ބަލައި އެކަމުގައި ޝާމިލްވާ ފަރާތްތަކާމެދު ފިޔަވަޅު އެޅުން، އަވަސްކުރުމަށް ދައުލަތުގެ އިދާރާތަކަށް، ގޮވާލުމެވެ.
މި ގަރާރުގެ ބަހުސް ކުރަމުން އަންނައިރު ޕީޕަލްސް ނޭޝަނަލް ފްރަންޓް (ޕީ.އެން.އެފް) އާއި ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ(އެމްޑީޕީ)އިން ސިލްސިލާކޮށް ބާއްވާ އެއްވުންތަކާއި ހިންގާ ޙަރަކާތްތަކުން ޤާނޫނާ ޚިލާފު ޢަމަލުތައް ތަކުރާރުކޮށް ކުރަމުންދާ ކަމަށް އިލެކްޝަން ކޮމިޝަނުން ވަނީ ބުނެފަ އެވެ.
އިލެކްޝަންސް ކޮމިޝަނުން އެ ޕާޓީއަށް ކުރިން ފޮނުވާފައިވާ ސިޓީގައި ސިޔާސީ ޕާޓީތަކުން ކުރިއަށް ގެންދާ ސިޔާސީ ޙަރަކާތްތައް ހިންގަންވާނީ ޞުލްޙަވެރިކަމާއެކު އެއްވެއުޅުމުގެ މިނިވަންކަމުގެ ޤާނޫނު ގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން ކަމަށް ވުމުން، މި ސިޔާސީ ޕާޓީތަކުން މިދުވަސްވަރު ހިންގަމުންދާ ޙަރަކާތްތަކާއި އެއްވުންތައް ބޭއްވުމުގައި ޤާނޫނުތަކާއި ގަވާއިދުތަކާއި އެއްގޮތަށް ޢަމަލުކުރުމަށް އަންގާފައިވެ އެވެ.
ސުލޫކީ މިންގަނޑާ ޚިލާފަށް، ޕާޓީތަކުގެ ވެރިންނާއި މެންބަރުންނާއި ޕާޓީތަކަށް މަސައްކަތްކުރާ މީހުންގެ އަމިއްލަ ދިރިއުޅުމުގެ ކަންކަމަށް ފާޑުނުކިޔުމާއި، މުޖުތަމައުގައި ރުޅިވެރިކަމާއި ނަފުރަތު އުފެދޭ ގޮތަށް ޙަޤީޤަތާ ޚިލާފު ސާބިތުނުހިފޭ ވާހަކަތައް ނުދެއްކުމަށާއި އަދި ޤާނޫނަކުން ހުއްދަކުރާ ދާއިރާއިން ބޭރުގައި، މަގުތަކާއި ޢާންމު މައިދާންތަކުގައި ސިޔާސީ ޕާޓީގެ ޢާންމު ބައްދަލުވުންތަކާއި، ޙަރަކާތްތައް ނުބޭއްވުމަށް އިލްތިމާސްކޮށް ނަސޭޙަތްތެރިވެ، ޤާނޫނީ ހުދޫދުގެ ތެރެއިން ކުރިއަށް ގެންދާ ސިޔާސީ ޙަރަކާތްތަކަށް ކޮމިޝަނުން މަރުޚަބާ ކިޔާނެކަން ވެސް ވަނީ އަންގާފަ އެވެ.
ރޭ ޕީއެންއެފަށް ފޮނުވި ސިޓީގައި ކޮމިޝަނުން ބުނެފައިވަނީ އެ ޕާޓީން ސިލްސިލާކޮށް ބާއްވާ އެއްވުންތަކާއި ހިންގާ ޙަރަކާތްތަކުން ޤާނޫނާ ޚިލާފު ޢަމަލުތައް ތަކުރާރުކޮށް ކުރަމުންދާ ކަމަށް ކޮމިޝަނަށް މަޢުލޫމާތު ލިބިފައިވާތީ، މިފަދަ ޢަމަލުތައް ނުހިންގުމަށް ނަސޭޙަތްތެރިވެ، އެކަން އެ ޕާޓީއަށް ކޮމިޝަނުން އަންގާފައިވާ ކަމަށެވެ. އަދި މިކަންކަމާ ގުޅޭގޮތުން މަޝްވަރާ ކުރުމަށް ކޮމިޝަނަށް ޙާޟިރުވުމަށް ދަޢުވަތު ދީފައިވީނަމަވެސް، ކޮމިޝަނަށް ޙާޟިރުވުމަށް ޕީ.އެން.އެފް އިން އުޒުރުވެރިވެފައިވާ ކަމަށެވެ.
އެހެން ކަމުން ޤާނޫނާއި ޚިލާފު ޢަމަލުތައް ތަކުރާރުވާނަމަ ސިޔާސީ ޕާޓީގެ ޤާނޫނުގެ ދަށުން އަޅަންޖެހޭ ފިޔަވަޅު ކޮމިޝަނުން އަޅާނެ ކަމަށް ވަނީ ބުނެފަ އެވެ.
މާލެ ހަލަބޮލިކުރުމަށް ކޮންމެ ރެއަކުންހެން އެ ދެ ޕާޓީން ހިންގަމުން އަންނަ ހަރަކާތްތަކަށް އާއްމު ރައްޔިތުންގެ ފާޑުކިޔުންތައްވެސް ވަނީ އަމާޒުވެފަ އެވެ.