ENGLISH
05 މޭ 2026
މަޖްލިސް މެމްބަރަކަށް ވުމަކީ އަނެކާގެ އަބުރަށް އަރައިގަތުމަށް ލިބޭ ލައިސެންސެއް ނޫން: މެމްބަރު އަލީ މޫސާ
05 މޭ 2026
|
ރައްޔިތުންގެ މަޖިލީހުގެ ހޯރަފުށީ ދާއިރާގެ މެންބަރު އަލީ މޫސާ-- ފޮޓޯ: މަޖްލިސް އިދާރާ
އެންމެ މަޤްބޫލު
މަޖްލިސް މެމްބަރަކަށް ވުމަކީ އަނެކާގެ އަބުރަށް އަރައިގަތުމަށް ލިބޭ ލައިސެންސެއް ނޫންކަމަށް ހޯރަފުށީ ދާއިރާގެ މަޖްލިސް މެމްބަރު އަލީ މޫސާ ވިދާޅުވެއްޖެ އެވެ.
މެމްބަރު މިފަދައިން ވިދާޅުވީ، މިއަދު މަޖިލީހުގައި ކުރިއަށް ދިޔަ، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީއާއި ސިޔާސީ ޕާޓީގެ ޤާނޫނާ ޚިލާފަށް ބައެއް ސިޔާސީ ޕާޓީތަކުން ހިންގަމުންދާ ޤާނޫނާ ޚިލާފު ހަރަކާތްތައް ހުއްޓުވައި، އެ ފަރާތްތަކާމެދު ޤާނޫނާ އެއްގޮތަށް ފިޔަވަޅު އެޅުމަށް ގޮވާލައި ހޮޅުދޫ ދާއިރާގެ މެމްބަރު ޢަބްދުއްސައްތާރު މުޙައްމަދު ހުށަހެޅުއްވި ޤަރާރުގެ އިބްތިދާއީ ބަހުސްގަ އެވެ.
މެމްބަރު ވިދާޅުވީ، އަޅުގަނޑުމެންނަކީ، އިސްލާމުންނަށް ވީއިރު އިސްލާމްދީނުގެ އުސޫލުތަކާއި ހަމަތައް ގަބޫލު ކުރާ ބަޔަކަށް ވާން އެބަ ޖެހޭ ކަމަށެވެ. އަދި ހަމަމިއާއެކު ދިވެހިރާއްޖޭގައި ހެދިފައިވާ ގާނޫނުތަކުގެ މަތިން ވާހަކަދެއްކުމުގެ ބާރު އެއްވެސް މީހަކަށް ލިބިގެންވާ ނުވާ ކަން މަޖްލިސް މެމްބަރު ހަދާންކޮށްދިނެވެ.
މަޖްލިސް މެމްބަރެއް ކަމަށްވިޔަސް ނޫސްވެރިއަކަށް ވިޔަސް، ނުވަތަ ދިވެހި އެއްވެސް ރައްޔިތަކަށް އަނެކާގެ އަބުރަށް އަރައިގަތުމުގެ ހައްގު ލިބިގެންނުވާކަމަށް ވިދާޅުވި އެވެ.
އަލީ މޫސާ އިތުރަށް ފާހަގަކުރެއްވީ، ސިޔާސީ ޕާޓީތަކުގެ މައިގަނޑު ބޭނުމަކީ ރައްޔިތުންނަށް ދިމާވެފައިވާ ބޮޑެތި މައްސަލަތައް ހައްލުކޮށްދިނުމާއި، ގައުމަށް ކުރިއެރުމާއި ތަރައްޤީ ގެނެސްދިނުމުގެ މަސައްކަތް ކުރުން ކަމަށެވެ. އެހެންނަމަވެސް މިހާރު ރާއްޖޭގައި މިހަރާކާތްތެރިވާ ބައެއް ޕާޓީތަކުން ފެނިގެންދަނީ އެހެން މަންޒަރެއް ކަމަށް މެމްބަރު ސިފަ ކުރެއްވި އެވެ. އެގޮތުން މަދު މީހުންތަކެއް ނުކުމެ ރާއްޖޭގެ މަޝްރަހުގައި ހުރި މައްސަލަތަކުގެ ވާހަކަ ދެއްވުމުގެ ބަދަލުގައި މީހުންގެ އަބުރަށް އަރައިގަންނަމުންދާ މަންޒަރު ފެންނަކަމަށް ވިދާޅުވި އެވެ.
"އަޅުގަނޑުމެންނަށް ފެނިގެންދަނީ ތަފާތު މަންޒަރެއް. އަޅުގަނޑުމެންނަށް ފެނިގެންދަނީ ދިހަ މީހުން، ނުވަތަ 12 މީހުން އެއްވެ މުޒާހަރާގެ ނަމުގައި މީހުންގެ އަބުރަށް އަރައިގަންނަ މަންޒަރު. ގައުމުގަ ހުރި ބޮޑެތި ސިޔާސީ މައްސަލަތުގެ ވާހަކަޔާ، އިޖުތިމާޢި ބޮޑެތި މައްސަލަތަކުގެ ވާހަކަ ދައްކާތަނެއް ނުފެނޭ" މަޖްލިސް މެމްބަރު އަލީ މޫސާ ވިދާޅުވި އެވެ.
ހޯރަފުށީ މެމްބަރު އިތުރަށް ފާހަގަ ކުރެއްވީ ދުނިޔޭގެ ކޮންމެ ގައުމެއްގައިވެސް އަބުރާ ބެހޭ ގާނޫނެއް އޮންނަ ކަމަށެވެ. އެހެންނަމަވެސް ރާއްޖޭގެ އަބުރާ ބެހޭ ގާނޫނު އުވާލީ، ރިޔާސީ ވައުދެއް ކަމަށް ބުނެ ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ކަމަށެވެ. މި ގާނޫނު އުވާލާފައިވަނީ 2018 ވަނަ އަހަރު އެވެ.
އަބުރާ ބެހޭ ގާނޫނު އަލުން މަޖްލީހަށް ގެނެސް އަލުން އެ ގާނޫނު ފާސްކުރުމަށްވެސް މެމްބަރު ވަނީ ގޮވާލައްވާފަ އެވެ.
އިންސާނެއްގެ ކަރާމަތް ގެއްލުވާލުމަކީ އަނެކާއަށް ލިބިގެންވާ ހައްގެއް ނޫންކަން ފާހަގަކުރައްވާ މެމްބަރު ވިދާޅުވީ އޭސީސީއާ، އިލެކްޝަން ކޮމިޝަނާ އަދި މީޑިއާތައް ރެޖިއުލޭޓް ކުރާ ފަރާތްތަކުން އެ ފަރާތްތަކުގެ ޒިއްމާ އަދާކުރުމަށް ހަދާންކޮށްދީފަ އެވެ.
މެމްބަރު އިތުރަށް ވިދާޅުވީ، މަގުމަތީގަ ނުވަތަ މީޑިއާގަ އަނެކާއަށް ދިމާލަށް ހުތުރުބަސް ބުނެ އެމަންޒަރުތައް ބަލަން ދިވެހިން އުއްމީދު ނުކުރާ ކަމަށެވެ. އެހެންކަމުން ގާނޫނާއި ގަވާއިދާ ހިލާފަށް ސާބިތު ނުކުރެވޭ ވާހަކަ ދައްކާނަމަ އެމީހެއްގެ މައްސަލަ ކޯޓަށް ހުށަހެޅި ބަލަން ޖެހޭނެ ކަމަށާއި، އަދަބުވެސް ލިބިންޖެހޭނެ ކަމަށް މެމްބަރު ވިދާޅުވި އެވެ.